ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް އުފެދުނު ތާރީހު ކަމުގައިވާ، 1 ޖެނުއަރީ 1953 ވަނަ އަހަރުން ފެށިގެން، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަން ނިމުނު 17 ނޮވެމްބަރު 2018އާ ދެމެދުގައި ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި، ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުމަށް އުފައްދާފައިވާ އޮމްބަޑްސްޕާސަންގެ އޮފީހުގެ ޗީފް އޮމްބަޑްސްޕާސަންގެ މުސާރައިގެ ގޮތުގައި 37،500 ރުފިޔާ އަދި އޭނާގެ ދަށުން މަސައްކަތްކުރާ އޮމްބަޑްސްޕާސަންގެ މަގާމަށް ކަނޑައަޅާ ދެ ބޭފުޅުންގެ މުސާރައިގެ ގޮތުގައި 33،500 ރުފިޔާ ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކަނޑައަޅާފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ޗީފް އޮމްބަޑްސްޕާސަން އަދި އޮމްބަޑްސްޕާސަންގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ މަހު ވަނީ ތިން ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ ޗީފް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަން ކޮށްފައިވަނީ ނ. މާފަރު/ އީޓުޖެހިގެ އަބްދުއްސަލާމް އާރިފް ކަމަށެވެ. އަދި އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަން ކޮށްފައިވަނީ ގއ. ކަނޑުހުޅުދޫ/ ބްލޫރޯޒް ޖިހާދާ އަނީސް އާއި ހ. ފެހިއާލާ މަރްޔަމް ލައިޒާ ކަމަށެވެ.
އާރިފަކީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓާސް އޮފް ކޮމްޕެރެޓިވް ލޯސް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަން ކުރި ޖިހާދާ އަނީސް އެންމެ ފަހުން އަދާކުރެއްވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓަރުގެ މަގާމެވެ. އޭގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ އިތުރުން ކަސްޓަމްސްގެ އިންޓެގްރިޓީ ކޮމިޝަނުގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވެ އެވެ. ޖިހާދާ އަނީސް ވަނީ މޯލްޓާގެ އައިއެމްއޯ އިންޓަނޭޝަނަލް މެރިޓައިމް އިންސްޓިޓިއުޓުން މާސްޓާސް އޮފް ލޯސް އިން އިންޓަނޭޝަނަލް މެރިޓައިމް ލޯ ހާސިލުކުރައްވައިފަ އެވެ.
އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކުރި މަރްޔަމް ލައިޒާ މީގެ ކުރިން ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ލެކްޗަރާއެއްގެ މަގާމާއި ހިއުމަން ރައިޓްސް ކޮމިޝަނާއި އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރާއި އަދި ތައުލީމީ ދާއިރާގެ މަގާމުތައް އަދާކުރައްވައިފަ އެވެ. ލައިޒާ ވަނީ ތައިލެންޑުގެ މަހިޑޯލް ޔުނިވަސިޓީން މާސްޓާސް އޮފް ހިއުމަން ރައިޓްސް އެންޑް ޑީސެންޓްރަލައިޒޭޝަން އަދި މެލޭޝިއާގެ އޯޕަން ޔުނިވަސިޓީން މާސްޓާސް އޮފް އެޑިއުކޭޝަން ހާސިލު ކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް