ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން އަބްދުﷲ ޖިހާދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެ ކޯޓުން އަމުރުކޮށްފި އެވެ.

ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓީ ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭގޮތުން އޭނާގެ މައްޗަށް ކުރާ ކޮރަޕްޝަން މައްސަލައިގެ ދައުވާގައެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ކުރިމިނަލް ކޯޓުގައި ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 24 ގައެވެ. އަދި ޖިހާދު ފިލައިގެން ގޮސް، ކޯޓަށް ހާޒިރު ނުވާނެ ކަމުގެ އިހުތިމާލު އޮތުމުން ރާއްޖޭން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ޖިހާދަށް ނުދޭން ކްރިމިނަލް ކޯޓުން ނިންމި އެވެ.

ނަމަވެސް އެ ނިންމުން ޖިހާދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްފަ އެވެ. އެގޮތަށް ހައިކޯޓުން ނިންމީ، ކްރިމިނަލް ކޯޓުގެ އަމުރަކީ ޖިނާއީ އިދުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާއާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ބުނެ އެވެ. އަދި ދައުލަތުން ޖިހާދު ފިއްލަވަން އުޅުއްވާ ކަމަށް ބުނެ ހުށަހެޅި ހެއްކަކީ އޭނާ ބޭރަށް ވަޑައިގަތުމަށް ނެންގެވި ޓިކެޓް ކަމަށާއި ނަމަވެސް އެ ޓިކެޓަކީ ޖިހާދު ފުރައިވަޑައިގަތުމުގެ ހުއްދައަށް އެދުނުއިރު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ލިޔުމަކަށް ވާތީ އެ ލިޔުން ޖިހާދާ ދެކޮޅު ހެއްކެއްގެ ގޮތުގައި ބޭނުން ނުކުރެވޭނެ ކަމަށް ވެސް ހައިކޯޓުން ކުރި އަމުރުގައިވެ އެވެ.

ހައިކޯޓުގެ އެ އަމުރު ބަލައިނުގަތް އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ މަހުގެ ކުރީކޮޅެވެ.

އެ މައްސަލައިގައި އެ ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ އިސްތިއުނާފު ކޮށްފައިވާ އަމުރާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން އަބްދުﷲ ޖިހާދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުން މަނާ ނުކޮށްފިނަމަ، އެ އަމުރު ނެރެފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅާ ހާލަތުގައި، އެއިގެ ބާރުވެރިކަން ނުހިނގާފަދަ ހާލަތެއް ކުރިމަތިވުމުގެ އިހްތިމާލު އެބަ އޮތް ކަމަށެވެ.

އެހެންވެ، އެ މައްސަލައިގައި އެ ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން ނުވަތަ ވަކި ގޮތެއް ކޯޓުން އަންގަންދެން ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން އެންގީ ކަމަށް އެ އަމުރުގައިވެ އެވެ.

އެ މައްސަލައިގެ ޝަރީއަތް މިރޭ 7:00 ޖަހާއިރު ފަށަން ސުޕްރީމް ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ. އެ މައްސަލަ ބައްލަވާނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ. ރިޔާސަތު ބަލަހައްޓަވާނީ ފަނޑިޔާރު ޝުޖޫނެވެ.