ކައުންސިލް އިންތިހާބު މިހާރު ބާއްވަން ހަމަޖައްސާފައިވާ ތާރީހު ކަމަށްވާ އޭޕްރީލް 10ގައި އިންތިހާބު އޮންނާނެ ކަމަށާއި އެ ތާރީހަށް ބަދަލެއް ނުގެންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އެމަނިކުފާނު މިހެން ވިދާޅުވީ، އިންތިހާބު ބާއްވަން އޮތް ދުވަހަށް އިންތިހާބު ކުރިއަށް ގެންދިއުމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް އިލެކްޝަންސް ކޮމިޝަނުން އެމަނިކުފާނަށް ފޮނުއްވާފައިވާ ސިޓީއަކާ ގުޅިގެންނެވެ.
އެ ސިޓީއަށް ޖޯކު ޖައްސަވައި، މަޖިލިސް ރައީސް ވިދާޅުވީ އިންތިހާބާ ގުޅޭ ގޮތުން އިލެކްޝަނުން ކުރާ ޝަކުވާ އާއި އެމަނިކުފާނުގެ ދަރިފުޅުގެ ހޯމް ވޯކެކޭ އެއްވަރުވެއްޖެ ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނުން އެބައޮތް އަނެއްކާވެސް ސިޓީފުޅެއް ފޮނުއްވައިފަ އަޅުގަނޑު މިއދު ހެނދުނު އަމީންއާއްމު އަރިހުން ދަންނަވައިފިން، މިހާރު އަޅުގަނޑުގެ ދަރިފުޅުގެ ހޯމް ވޯކެކޭ، މިއެކޭ އެއްވަރޭ، އެވެސް ނުހަދާންވީ، ނުހެދޭން އޮތް އެތައްގޮތެއް ދަރިފުޅު ކިޔައިދޭ އަޅުގަނޑަށް، ބައެއް ދުވަސްދުވަހު ފަންސޫރަށް ވެފަ އިންނަ ގޮތާއި، އަނެއްބައިދުވަސްދުވަހު ގޮނޑިއަށް ވެފަ އިންނަ ގޮތެއް، ކޮޓަރިއަށްވާ ގޮތެއް، ފުރާޅުމަތީގައިވާ ކަމެއް، ބޭރުގައިވާކަމެއް، މިހެންގޮސް ކިތަންމެ ކަމެއް ކިޔައިދޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ނަމަވެސް އެމަނިކުފާނު ވިދާޅުވީ އިންތިހާބު ބާއްވަން މިހާރު ކަނޑައަޅާފައިވާ ދުވަހުގައި އިންތިހާބު ބޭއްވުން ނޫންގޮތެއް ނޯންނާނެ ކަމަށާއި، އެއަށް ބަދަލު ނުގެންނަވާނެ ކަމަށެވެ.
"އަޅުގަނޑު ކޮމިޝަނަރ އޮފް އިލެކްޝަންސް އަށްވެސް އަދި ހުރިހާ ހޯމްވޯކު ހަދާ ކުދިންނަށް ވެސް ދަންނަވަން އޮތް ވާހަކައަކީ، މިހާރު އެއޮތީ ހޯމްވޯކު ދީފައޭ ދެން އެ ނިންމައިގެން އަވަހަށް އަންނާށޭ، އެނޫންގޮތެއް މިއަކު ނެތޭ، މި އިންތިހާބު މިއޮތް ދުވަހު އިރާދަ ކުރެއްވިއްޔާ އޮންނާނެ، އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ އެޔަކަށް ބަދަލެއް ނުގެންނާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
އަންނަ އޭޕްރީލްމަހުގެ 10 ވަނަ ދުވަހު އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމީޝަނުން ކަނޑައެޅީ، ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުންނެވެ.
އޭޕްރީލް 10 ގައި އިންތިހާބު ބާއްވަން ކަނޑައެޅި ނަމަވެސް އެކަމަށް ބޭނުންވާ ބަޖެޓާއި އިންތިހާބުގެ ކަންތައް ކުރިއަށް ދިއުމަށް ނެރެފައިވާ އެޗްޕީއޭގެ ގައިޑްލައިންގައި، އިންތިހާބު ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ވިދާޅުވެ އެ ކަންބޮޑުވުންތައް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު