ޚަބަރު

ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފި

އަލީ އަފާފް ރަމީޒު

1

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެމްއެންޑީއެފުން ބުނީ ހދ. ނާވައިދޫގެ ހުޅަނގުން ހަތް ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވި ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މި ބޯޓު އެ ސަރަހައްދުގައި ހަރަކާތްތެރިވާކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 5:42 ހާއިރު ކަމަށްވެސް ބުންޏެވެ.

އެ ބޯޓުގެ މައުލޫމާތު ދީފައިވަނީ އެ ސަރަހައްދުގައި މަސްވެރިކަމުގައި އުޅުނު ހދ. މަކުނުދޫ "ރަންދި" ދޯނިން ކަމަށާއި މި ބޯޓާ ބެހޭ މައުލޫމާތު ލިބުމާއެކު ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑަރަންގެ ލޯންޗެއް ހަރަކާތްތެރިވާން ފެށި ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިރޭ 7:08 ހާއިރު ކަމަށާއި މިރޭ 9:41 ހާއިރު އެ ބޯޓު ކުޅުދުއްފުށި ސިޓީއަށް ގެންދެވިފައިވާ ކަމަށެވެ. އެ ބޯޓުގައި ހަ މީހުން ތިބި ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.