އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިހާރު ކުރިއަށްގެންދަނީ މުޒާހަރާތަކެއް ނޫން ކަމަށާއި އެއީ ލާހޫރުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި މިރޭ ނަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހައެއްކަ މީހުން ނެރެގެން ކުރަނީ މުޒާހަރާއެއް ނޫން ކަމަށާއި އެއީ "ލާހޫރުން" ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފުލުހުންގެ ވަރަށް ގިނަ ވަގުތުތައް ބޭކާރުވަމުންދާ ކަމަށެވެ.
"މަގުމަތީގައި ހައެއްކަ މީހުން އެބަ ލާހޫރޭ، ބުނަނީ މުޒާހަރާއޭ. މުޒާހަރާއަކަށް ނުވެސްވޭ. އަދި ހަގީގަތުގައި އެކައްޗަކަށް ވެސް ނުވޭ. ހައެއްކަ މީހުން މަގުމައްޗަށް ނުކުމެ ލާހޫރުން އެއީ އަޅުގަނޑުމެން ނުދެކެން އިނގޭތޯ އެއްވެސް ހާލެއްގައި މުޒާހަރާއެއް ކަމަކަށްވެސް. ދެން ވަރަށް ދެރަ ފުލުހުންގެ ވަގުތުތައް ނަގާލަން ޖެހޭ ކަމާއި ފުލުހުން އެތަންތަނުގައި ތިބެން ޖެހޭ ކަމީ. ދެން ހަގީގަތުގައި އަޅުގަނޑުމެންނަށް އެނގޭ ހައެއްކަ މީހުން ބަލަހައްޓާކަށް ފުލުހުން ނެރެގެންވެސް އުޅޭކަން ނުވެސް ޖެހޭކަން،" ނަޝީދު ވިދާޅުވިއެވެ.
ދިވެހިން މިއަދު އެންމެ ބޮޑަށް އެދެނީ "ޖަމްޕެއް" ޖަހަން ކަމަށާއި ރައްޔިތުން ބޭނުންވަނީ މިހާރު ތިބި ހާލަތުން އެހެން ހާލަތަކަށް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ބާރަށް އަދި ވަރަށް އަވަހަށް ދިއުމަށް ކަމަށެވެ.
ނަޝީދު ވިދާޅުވީ މިއަދު ޖީބަށް ވަންނަ ފައިސާއާ ދަރިންނަށް ލިބޭ ތައުލީމާއި ސިއްހީ ފަރުވާ އާއި އުމްރާނީ ތަރައްގީތައް ދެގުނަ ކުރަން ރައްޔިތުން ބޭނުންވާ ކަމަށެވެ. އަދި އެކަންކަން ހާސިލުވާނީ އެމްޑީޕީއާއެކު ކަމަށް ރައްޔިތުން މިހާރު ގަބޫލު ކުރާ ކަމަށާއި ރައްޔިތުން ބޭނުންވާ "ޖަމްޕް" މި ސަރުކާރުން ޖަހާނެ ކަމަށް ވިދާޅުވިއެވެ.
"ކިތަންމެ ވަރެއްވިޔަސް ވެސް ރައްޔިތުންނަށް މިއަދު ސާފުވެފައި އޮތް ހަގީގަތަކީ ސަލާމަތްތެރިކަމާއެކީގައި، ވިސްނުންތެރިކަމާއެކީގައި، ބުއްދިވެރި ކަމާއެކީ ދިވެހިން ޖަހަން ބޭނުންވާ ޖަންޕު ޖެހޭނީ އެމްޑީޕީއާ އެކީގައިކަން. އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތުގައި އަޅުގަނޑުމެން އެ ޖަމްޕް ޖަހާނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބުގެ ގޮނޑިތައް 80 ޕަސެންޓަށްވުރެ މަތިން ކާމިޔާބު ކުރެވޭނެ ކަމަށާއި އެކަން ކުރާނީ ވަރަށްވެސް ފަސޭހަކަމާއެކު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު