އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓް ބްރޮމްއާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ލީގުގެ ދެވަނައިގައި މިވަގުތު އޮތް ޔުނައިޓެޑާއި ވެސްޓް ބްރޮމް ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިފައިވާ އިރު، އެ ނަތީޖާއާއެކު ޔުނައިޓެޑުން ލީގު ހޯދުމަށް ކުރަމުން އައި މަސައްކަތަށް ވަނީ އިތުރު އުނދަގޫތަކަކާ ކުރިމަތިވެފައެވެ. އެއްވަނައިގައި މިވަގުތު އޮތް މެންޗެސްޓާ ސިޓީން ޔުނައިޓެޑަށްވުރެ މެޗެއް މަދުން ކުޅެގެން 53 ޕޮއިންޓް ހޯދާފައި އޮތްއިރު، ޔުނައިޓެޑް ދެވަނައިގައި އޮތީ 46 ޕޮއިންޓާ އެކުގައެވެ.
ސިޓީއާއި ޔުނައިޓެޑާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް މިހާރުވެސް އޮތްއިރު، އަވޭގައި މިރޭ ކުޅުނު މެޗު ފެށިގެން 83 ވަނަ ސިކުންތުގައި ޔުނައިޓެޑް ކޮޅަށް ވެސްޓް ބްރޮމްއިން ވަނީ ގޯލު ޖަހައިފައެވެ. ޖެނުއަރީ ޓްރާންސްފާ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ޔުނައިޓެޑާ ގުޅުނު ފޯވަޑް ބަޔެ ޑިއާނޭ އެ ގޯލް ޖެހީ ވިކްޓާ ލިންޑަލޮފް ކައިރިން އަރައި ބޮލުންނެވެ.
ފުރަތަމަ ހާފުގައި ވެސްޓް ބްރޮމްއިން ރަނގަޅަށް ކުޅެ، ޔުނައިޓެޑްގެ އެޓޭކް ހިފަހައްޓަމުން ދިޔަ ނަމަވެސް، ހާފް ނިމެން ކުޑަ އިރުކޮޅަކަށް ވެފައި ވަނިކޮށް، ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރިއެވެ. މި ސީޒަނުގެ މިހާތަނަށް ޔުނައިޓެޑަށް އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ބްރޫނޯ ފެނާންޑޭޒްގެ ހިތްގައިމު ވޮލީއަކާއެކު ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކުރިއިރު، އެ ގޯލަށް އެސިސްޓް ކޮށްދިނީ އިންގްލެންޑްގެ ޑިފެންޑަރު ލޫކް ޝޯއެވެ.
ދެވަނަ ހާފަށް ނުކުމެ ޔުނައިޓެޑުން ކުޅުން ރަނގަޅު ކުރި ނަމަވެސް، އެޓީމަށް ވެސްޓް ބްރޮމް ގޯލްކީޕަރު ސޭމް ޖޯންސްޓޯން ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މޭސަން ގްރީންވުޑް އަރިމަތިން އަރައި ޖެހި ބޯޅައިގެ އިތުރުން ހެރީ މެގުއާ ބޮލުން ޖެހި ބޯޅަވެސް ޖީންސްޓޯން ސޭވް ކޮށްފައިވާ އިރު، ވެސްޓް ބްރޮމްއިން ވަނީ ކައުންޓާ އެޓޭކްގައި ފުރުސަތުތަކެއް ހޯދައިފައެވެ.
ފުރަތަމަ ގޯލު ޖެހި ޑިއާނޭއަށް ކައުންޓާ އެޓޭކުގައި ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ މާ މަތިން ބޭރަށެވެ.
ވެސްޓް ބްރޮމް ރެލިގޭޝަން ޒޯންގައި އޮތީ 24 މެޗުން އެންމެ 13 ޕޮއިންޓް ލިބިގެންނެވެ. އެޓީމުން 19 ވަނައިގައި އޮތްއިރު، 18 ވަނައިގައި އޮތް ފުލްހަމްއަށް 22 މެޗުން ލިބިފައި ވަނީ 15 ޕޮއިންޓެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު