އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، ލިވަޕޫލުން އެންމެފަހުން ކުޅުނު ތިން މެޗުންވެސް ބަލިވެ، އެޓީމަށް ގަދަ ހަތަރެއް ގެއްލުމުގެ ބިރާ ކުރިމަތިލާން ޖެހިއްޖެއެވެ.

މިއަދު ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން 3-1ގެ ނަތީޖާއަކުން ލިވަޕޫލް ބަލިވެފައި ވަނީ މަދު ވަގުތުކޮޅެއްގެ ތެރޭގައި މެޗުގެ ހާލަތު ބަދަލުވެގެންނެވެ. ލިވަޕޫލުން ގޯލެއް ޖަހައި، މެޗުން މޮޅުވާން ދަނިކޮށް، ލެސްޓާއިން ނަތީޖާ ހަމަހަމަކޮށް، ލީޑު ނަގައި، އިތުރު ގޯލެއް ޖަހައި ލިވަޕޫލް މާޔޫސްކޮށްލީ ގާތްގަނޑަކަށް ހަތްވަރަކަށް މިނެޓުގެ ތެރޭގައެވެ.

ބައްޔާއެކު ލިވަޕޫލް ހަތަރުވަނައިގައި އޮތީ 24 މެޗުން 40 ޕޮއިންޓާ އެކުގައެވެ. ފަސްވަނައިގައި އޮތް ޗެލްސީން 23 މެޗުން 39 ޕޮއިންޓް ހޯދާފައި އޮތް އިރު، ހަވަނައިގައި އޮތް ވެސްޓްހަމްއިންވެސް ވަނީ 23 މެޗުން 39 ޕޮއިންޓް ހޯދައިފައެވެ. އެ ދެޓީމުން މި ހަފުތާގައި ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، ލިވަޕޫލް ހަވަނައަށް ވެއްޓުމުގެ ފުރުސަތު އެބައޮތެވެ. ލެސްޓާ ދެވަނައިގައި އޮތީ 24 މެޗުން 46 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި މެންޗެސްޓާ ސިޓީ އޮތީ ލެސްޓާއަށްވުރެ ދެ މެޗު މަދުން ކުޅެ، 50 ޕޮއިންޓް ހޯދައިގެންނެވެ.

އެންމެފަހުން ލީގުގައި ކުޅުނު ދެމެޗުންވެސް ބަލިވެފައި އޮތުމުން، މިއަދުގެ މެޗަށް ލިވަޕޫލް ނުކުތީ މޮޅަކަށް މަޖުބޫރުވެފައިވާ ހާލަތެއްގައެވެ. ޓީމުގެ ފޯމު ރަނގަޅުކުރުމަށް ބުރަކޮށް މަސައްކަތް ކުރަން ޖެހިފައި އޮތްއިރު، ލެސްޓާއާ އަވޭގައި ކުޅުން ވެގެން ދިޔައީ ހާލަތަށް ބަލާ އިރު، ލިވަޕޫލަށް އުނދަގޫ ކަމަކަށެވެ. ލިވަޕޫލްގެ އަނިޔާގެ ލިސްޓު އިންތިހާއަށް ބޮޑުވެފައިވާ އިރު، މިއަދުގެ މެޗުގެ ތެރެއިން ޖޭމްސް މިލްނާއަށް އަނިޔާވެ އޭނާވެސް ބާލަން ޖެހިފައިވެއެވެ.

ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް މެޗުގައި ނުފެނުނު ނަމަވެސް، ޖޭމީ ވާޑީގެ ނުރައްކާ ފެނުނެވެ. ވާޑީގެ ހަމަލާއެއް ދަނޑިއަށް އަމާޒުވެފައިވާ އިރު، ދެން ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ލިވަޕޫލް ގޯލްކީޕަރު އެލިސަން ބެކާ ދިފާއުކުރިއެވެ. އަނެއްކޮޅުން މުހައްމަދު ސަލާހަށް ލިބުނު ފުރުސަތު އޭނާ ނަގާލި ނަމަވެސް، ދެވަނަ ހާފުގައި ސަލާހް ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފައެވެ.

މެޗުގެ 67 ވަނަ މިނެޓުގައި ރޮބާޓޯ ފިރްމީނޯގެ ހިތްގައިމު، ހުނަރުވެރި އެސިސްޓަކާއެކު ސަލާހް ލީޑު ނަގައިދީފައިވާ އިރު، މެޗުގެ ހާލަތު ބަދަލުވީ ލެސްޓާއިން 78 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކުރި ހިސާބުންނެވެ. ޖޭމްސް މެޑިސަންގެ ހިލޭ ޖެހުން ގޯލަށް ވައްދާލައި ލެސްޓާއިން ލީޑު ނަގާފައިވާ އިރު، ތިން މިނެޓް ފަހުން ވާޑީ ވަނީ ލެސްޓާއަށް ލީޑު ނަގައިދީފައެވެ.

މަތި މަތިން ފަހަތަށް ދިޔަ ބޯޅަ ވާޑީއަށް ލިބުނީ ލިވަޕޫލުގެ ގޯލްކީޕަރު އެލިސަންއާއި އަލަށް ޓީމަށް ކުޅެން އެރި ތުރުކީގެ އޮޒާން ކަބަކާ ދެމެދު އެރި އޮޅުމަކުންނެވެ. ކަބަކް ޖަހަޖަހައި އޮތް ބޯޅައެއް އޭނާއަށް ލައްވާނުލައި ދިޔައީ އެލިސަން އަރާ ސާފުކޮށްލަން އުޅުމުން އެރި އޮޅުމާއެކުއެވެ. މިދިޔަ ހަފުތާ ސިޓީއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައިވެސް އެލިސަންގެ ދެ ގޯހަކުން ސިޓީ ގޯލް ޖަހާފައިވާ އިރު، މިއަދުގެ މެޗުގައި އޭނާގެ އިތުރު ގޯހެއް ފެނިގެން ދިޔުންވީ ލިވަޕޫލަށް ބޮޑު މާޔޫސް ކަމަކަށެވެ.

ލެސްޓާގެ ތިންވަނަ ގޯލު އޭގެ އިރުކޮޅެއްފަހުން ހާވީ ބާންސް ޖަހާފައިވަނީ ކަބަކް ކައިރިން ނައްޓައި، އޭރިއާ ތެރެއަށް ވަދެ ފަސޭހަކަމާއެކު ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.