ސިފައިންގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސިފައިންގެ ލަފާދޭ މަޖިލީހަށް ސީނިއާ ރޭންކުގެ އަންހެން ދެ އޮފިސަރަކު އައްޔަން ކުރައްވައިފި އެވެ.
އެމްއެންޑީއެފުން ބުނީ ސިފައިންގެ ލަފާދޭ މަޖިލީހަށް އައްޔަން ކުރެއްވި އަންހެން ސީނިއާ ދެ އޮފިސަރުންގެ ތެރޭގައި ހިމެނެނީ ލެފްޓިނެންޓް ކާނަލް ހައްވާ ޝެނީން އާއި ލެފްޓިނެންޓް ކާނަލް ޑރ. ފާތިމަތު ތަހުސީނާ އިބްރާހީމް ކަމަށެވެ.
މި އޮފިސަރުންގެ ތެރެއިން ލެފްޓިނެންޓް ކާނަލް ހައްވާ ޝެނީންއަކީ ސިފައިންގެ ކޯޕަރޭޓިވްގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) އެވެ. އަދި ލެފްޓިނެންޓް ކާނަލް ޑރ. ފާތިމަތު ތަހުސީނާ އިބްރާހީމަކީ ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ކޮމާންޑިން އޮފިސަރުގެ އެހީތެރިޔާ އެވެ.
ސިފައިންގެ ގާނޫނު ނަންބަރު 2008/1 ގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން ސިފައިންގެ ލަފާދޭ މަޖިލީހަކީ ސިފައިންގެ އިދާރީ އަދި އޮޕަރޭޝަނަލް ކަންކަމުގައި ސިޔާސަތު ކަނޑައެޅުމުގައި މިނިސްޓަރަށާއި ޗީފް އޮފް ޑިފެންސް ފޯސްއަށް މަޝްވަރާ އާއި ލަފާދިނުމަށް ސިފައިންގެ ލަފާދޭ މަޖިލީހެއް، ސިފައިންގެ އިސް އޮފިސަރުންގެ ތެރެއިން މިނިސްޓަރު އައްޔަން ކުރަންވާނެ އެވެ. މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ ޗީފް އޮފް ޑިފެންސް ފޯސް އެވެ.
އަދި މި މާއްދާގެ (ށ) ގައި ސިފައިންގެ އިދާރީ ކަންކަމުގެ ސިޔާސަތު ކަނޑއެޅުމުގައި މި މާއްދާގެ (ހ) ގައި ބުނެފައިވާ މަޖިލީހުގައި މިނިސްޓަރަށާއި ޗީފް އޮފް ޑިފެންސް ފޯސްއަށް ހަމައެކަނި މަޝްވަރާދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ދިފާއާ ސަލާމަތާބެހޭ ކަންކަން ކުރުމަށް މަސްއޫލުވާ ވުޒާރާގެ އެންމެ އިސް ވެރިންގެ ތެރެއިން މިނިސްޓަރަށް ފެންނަ ބަޔަކު ބައިވެރިކުރުމުގެ އިހުތިޔާރު މިނިސްޓަރަށް ލިބިގެންވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު