ދިވެހި ގައުމު ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގެ އިތުރުން ރާއްޖެއަށް ދެވަނަ ސާފް ޗެމްޕިއަންޝިޕް ގެނެސްދިން ޓީމުގެ "ރަން ކެޕްޓަން" އަކުރަމް އަބްދުލްޣަނީ (އަކޫ)ގެ ތުނބުޅިއަށް ކީ ފާޑާއެކު ދިވެހިންގެ ލޭ ކައްކުވާލައިފިއެވެ. ވާނީވެސް އެހެންތާއެވެ. އެ ދެކުޅުންތެރިންނަކީވެސް އެތައް ބައެއްގެ ލޯބި ހޯދައި، އެތައް ދިވެހީންނެއްގެ ފެވަރިޓުންނެވެ. ނަމޫނާ ދެ ޒުވާނުންނެވެ. ދަނޑުމަތީގައި ދިވެހި ދިދަ ތަމްސީލު ކުރާ "ދެ ބަތަލުންނެވެ."
ދަގަނޑޭއާއި އަކޫގެ ތުނބުޅިން ރަމްޒުކޮށްދެނީ ޖިހާދަށް ދާން ތައްޔާރުވެފައިވުންތޯއާއި، އެ ކުޅުންތެރިންގެ ޓީމު ބަލިވެއްޖެ ނަމަ ދަނޑު ގޮއްވާވެސް ލާނެ ކަމަށް ބުނެ ދިވެހި ރައްޔިތަކު، ޓުވިޓާގައި ކިޔާފައިވާ ފާޑާއެކު އެ ޓުވީޓު ވަނީ ހޫނުފެނުގައެވެ. ގައުމީ ޖާޒީގައި އެތައް ގުރުބާނީއެއްވެ، ފުޓުބޯޅައިން، ދުނިޔޭގެ ފެންވަރުގައި ގައުމުގެ ނަން ފަވާލާފައިވާ ކުޅުންތެރިންގެ ބޮލުގައި އެފަދަ ނާތަހުޒީބު އިލްޒާމެއް އަޅުވާ، އެ ކުޅުންތެރިންގެ ޒާތަށް ގެއްލުންވާ ފަދަ ވާހަކަތައް އެއްވެސް ދިވެހި ރައްޔިތަކު ބަލައެއް ނުގަންނާނެއެވެ. އެ ކުޅުންތެރިންގެ ދިފާއުގައި މުޅި ރާއްޖެ ނުކުންނާނެވެސް މެއެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ނަޒަރުގައިވެސް، ގައުމީ ކޮންމެ ފަރުދެއްގެ ނަޒަރުގައިވެސް ދަގަނޑޭއާއި އަކޫ ފަދަ ކުޅުންތެރިންނަކީ ގައުމު ދެކެ އިންތިހާއަށް ލޯބުކުރާ ގައުމީ ބަތަލުންނެވެ. ކުޅުންތެރިން ދިފާއުކޮށް ވަރުގަދަ ރައްދެއް ދެއްވަމުން މަހުލޫފް ވިދާޅުވެފައި ވަނީ ތުނބުޅި ބުރުގާ އަޅާފައި ތިބޭ އެންމެންނަކީ ހައްދުފަހަނަ އަޅާފައި ތިބޭ ބައެއްކަމަށް ދެކޭ ދެކުން ބަދަލުކުރަން ޖެހޭ ކަމަށެވެ. މުޖުތަމައުގައި އުޅޭނީ ތަފާތު މީހުން ކަމަށާއި، ހިޔާލު ތަފާތުވުންތައް ބަލައިގަނެ އިހުތިރާމުކުރަން ޖޭހެނެ ކަމަށްވެސް މަހުލޫފް ފާހަގަކުރައްވާފައިވެއެވެ.
ކުޅުންތެރިންގެ ދިފާއުގައި އެފްއޭއެމުން ބަޔާން ނެރެފައިވާ އިރު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ވިދާޅުވެފައިވަނީ ފުޓުބޯޅަ ކުޅުންތެރިންނަކީ ގައުމަށްޓަކައި އެތަކެއް ދަލެއް އޮހޮރުވައި، އެތަކެއް ގުރުބާނީއެއް ވާ ބައެއް ކަމަށާއި، އަބަދުވެސް ކުޅުންތެރިން އެކަމުގައި ސާބިތުވެ ތިބޭނެ ކަމަށެވެ. ކުޅުންތެރިންނާ ގުޅިގެން ސާބިތު ނުހިފޭ، ދަށު ދަރަޖައިގެ ވާހަކަތައް ދައްކާކަމީ ސީރިއަސްކޮށް ބަލަން ޖެހޭނެ މައްސަލައެއް ކަމަށާއި، ކަމާބެހޭ ހުރިހާ އިދާރާތަކުންވެސް އެ މައްސަލަތައް ބަލަން ޖެހޭ ކަމަށް ބައްސާމް ވިދާޅުވެފައިވެއެވެ.
ގައުމީ ޓީމަށް 60 އަށްވުރެ ގިނަ މެޗު ކުޅެ، ގައުމީ ޓީމު ގޮވައިގެން 2018 ވަނަ އަހަރު ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕްގެ ރަން މެޑަލް ގެނެސްދިން ރަން ކެޕްޓަނަކީ އަކޫއެވެ. އަކޫ ދަނޑުމަތީގެ އިތުރުން ދަނޑު ބޭރުން ދައްކާ ނަމޫނާއަށް ދިވެހީން ފަހުރުވެރިވާނެއެވެ. އެއީ އަހުލާގުގެ ގޮތުންވެސް ޒުވާން ކުޅުންތެރިންނަށް ނަމޫނާއެކެވެ. އެފަދަ އަގުހުރި ކުޅުންތެރިނަކީ ލާމަސީލު ޒުވާނުންނެވެ.
ދަގަނޑޭގެ ވާހަކަ އަދި މާ ބޮޑެވެ. އަނގަމަތި ފަޅާލައިގެންގޮސް، ލޭ އޮހޮރެމުން ދިޔައިރުވެސް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ދަނޑުމަތީގައި އޭނާވި ގުރުބާނީއާއެކު ރާއްޖެއަށް ފުރަތަމަ ރަން މެޑަލް ގެނެސްދިން ހަނދާން ދިވެހީން ނުނެތޭނެއެވެ. އެތަކެއް އަނިޔާއަކާއެކުވެސް ރާއްޖެ ތަމްސީލު ކުރުމުގައި ދެގޮތެއް ނުވެ، ފުޓުބޯޅައިގައި ދިވެހީންގެ ނަން ދުނިޔޭގެ އެންމެ އުހަށް އޭނާ ގެންގޮސްދިނެވެ. މިހާރުވެސް އޭނާއަކީ ދުނިޔޭގެ ނިސްބަތުންވެސް ރެކޯޑުތަކުގައި ރާއްޖޭގެ ނަން ފަވާލަދޭ ފަހުލަވާނެކެވެ. މިއީ އޭޝިއާ ސަރަހައްދުވެސް ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ، ދަގަނޑޭއަށް ދިވެހީން ދޭނެ ލޯބި ވަޒަންވެސް ކޮށް ނުލެވޭނެއެވެ. އެ ލޯބި ވާނީވެސް އިތުރެވެ. އިހުތިރާމު ކުޑަކޮށް ވާހަކަ ދެއްކޭނެ ޖާގައެއް ދަގަނޑޭ ނުދޭނެވެސް ތީއެވެ.
ކުޅިވަރިތަކުގައި ރާއްޖޭގެ ދިދަ ހިފައިގެން ނުކުންނަ އެއްވެސް އެތުލީޓަކަށް ގަދަރުކުޑަކޮށް ވާހަކަ ދައްކައިފި ނަމަ އެކަން ދިވެހީން ބަލައި ނުގަންނާނެކަން މާޒީގައިވެސް ފެނިގެން ގޮސްފައިވެއެވެ. އެ ކުޅުންތެރިންނާއި އެތުލީޓުން ގައުމުގެ ޝަރަފަށްޓަކައި ކުރާ ބުރަ މަސައްކަތް ދިވެހީން އަބަދުވެސް ބަލައިގަންނާނީ ހެޔޮ ހިތުންނެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ