ރާއްޖޭގައި މަސައްކަތް ކުރުމަށް ގެންނަ ބިދޭސީ މަސައްކަތްތެރިއަކު، ވަޒީފާ ދޭ ފަރާތަށް ފިލައިފި ނަމަ ނުވަތަ ގެއްލިއްޖެ ނަމަ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް "މިސިން ޕާސަން ރިކުއެސްޓް" ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ 33 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން، ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެނެސްފައިވާ ބިދޭސީއަކު، ވަޒީފާ ދޭ ފަރާތަށް ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ އެކަން އެ މިނިސްޓްރީއަށް މިސިން ރިޕޯޓުގެ ގޮތުގައި ރިޕޯޓު ކުރަން ޖެހޭ ކަމަށެވެ. އަދި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް "މިސިން ޕާސަން ރިކުއެސްޓް" ހުށަހަޅައިގެން މިސިން ރިޕޯޓު ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ ކުރިން ބިދޭސީ މީހާ ގެއްލިގެން ނުވަތަ ވަޒީފާ ދޭ މީހާއަށް ފިލައިގެން ސިޓީ އަދި ފޯމްގެ ޒަރީއްޔާއިން ރިޕޯޓްކޮށްފައިވީ ނަމަވެސް އެ ބިދޭސީންގެ ރެކޯޑްތައް އެކްސްޕެޓް ސިސްޓަމްގައި އަޕްޑޭޓް ކޮށްފައިނުވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންކަމުން މި ސިސްޓަމްގައި އަޕްޑޭޓްކޮށްފައި ނުވާ ރެކޯޑުތައް އަޕްޑޭޓްކުރުމަށް ވަޒީފާ ދޭ ފަރާތްތަކަށް، މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ މާޗް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ބުނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ބިދޭސީންނަށް ވޯކް ޕާމިޓް ދޫކުރަން ނިންމާފައިވަނީ އެ މިނިސްޓްރީން ބިދޭސީންގެ ވެރިފިކޭޝަނެއް ފުރިހަމަކުރުމަށް ފަހުގައި ކަމަށެވެ. އަދި މި ވެރިފިފިކޭޝަން ފުރިހަމަކުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ކަމަށާއި ވެރިފިކޭޝަން ފުރިހަމަކުރުމަށް އެޕޮއިންޓްމެންޓެއް ހެދުމަށްފަހު، ވަޒީފާދޭ ފަރާތުން ނުވަތަ އެ ފަރާތުން އައްޔަންކުރާ އެހެން ފަރާތަކުން، ބިދޭސީން އެ މިނިސްޓްރީއަށް ގެންނަން ޖެހޭ ކަމަށްވެސް ބުންޏެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ސީދާ އަދަދެއް ސަރުކާރުގެ އެއްވެސް އިދާރާއަކަށް މިހާތަނަށް އެނގިފައެއް ނުވެއެވެ. އެހެންކަމުން ބިދޭސީން އަލުން ގަވާއިދުގެ ތެރެއަށް ވެއްދުމަށް ސަރުކާރުން ވަނީ ހާއްސަ ޕްރޮގްރާމެއް ފަށައިފައެވެ. ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން ގައުމަށް އެނބުރި ދާން ބޭނުންވެގެން ގައުމަށް ފޮނުވާލަން ނިންމާފައިވާ 20،000 އަށްވުރެ ގިނަ ބިދޭސީން ރާއްޖޭގައި އެބަތިބި ކަމަށް މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު