ލޯތްބާއި ހިތުގެ އިހުސާސްތައް ދިވެހިން ހުށަހަޅާ އެންމެ އިޝްގީ އެއް ގޮތަކީ މިއުޒިކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއުޒިކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައިވާ އިރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ޒުވާނުން އެކަކު އަނެކަކާ ބައްދަލުކޮށް، ހީ ސަމާސާކޮށް މަޖާކޮށްލާނެ މަރުކަޒެއް ގާއިމުކުރުމަށް ސަރުކާރަށް ގޮވާލައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ހުށަހަޅުއްވި ގަރާރަކާ ގުޅިގެން ދާދި ފަހުން މަޖިލީހުގައި ވަނީ މިއުޒިކާ ގުޅޭގޮތުން ގިނަ ބަހުސްތަކެއް ކޮށްފައެވެ. އަދި މިއުޒިކާ ދެކޮޅަށް ބައެއް ދީނީ އިލްމުވެރިން ވެސް ވަނީ ވާހަކަދައްކަވައިފައެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އާއި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒުގެ ކައިވެންޏަށް 24 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރެއްވުމަށް އެ ދުވަހާ ގުޅޭގޮތުން ރޮޒެއިނާ ކިޔުއްވި ލަވައަކާ ގުޅިގެންނެވެ.
ފިރިކަލުން ނާޝިޒަށް ހާއްސަކޮށްގެން އަމިއްލައަށް ލިޔުއްވައި ވިދާޅުވި މި ލަވައާއެކު ރައީސް ނަޝީދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، "ކިތަންމެ ދުވަހެއް ވިޔަސް އަދި ކިތަންމެ ފަހަރަކުވިޔަސް ދިވެހިން ލޯތްބާއި ހިތުގެ އިހުސާސްތައް ހުށަހަޅާ އެންމެ އިޝްގީ އެއް ގޮތަކޭ ހަމަ މިއުޒިކު،" ކަމަށެވެ.
އެއާއެކު އެ ދެމަފިރިކަނބަލުންނަށް އެނިވާސަރީގެ ހެޔޮ އެދުންތައްވެސް އެމަނިކުފާނު ވަނީ ފޮނުއްވައިފައެވެ.
ފިރިމީހާ ދެކެވާ ލޯތްބާއެކުގައި 24 އަހަރުވެސް ހޭދަކުރެވުނީ އުފާވެރިކަމާއެކުގައިކަން މި ލަވައިގައި ރޮޒޭ ވަނީ ހާމަކުރައްވައިފައެވެ. މި ލަވަޔާއެކު ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކައިވެންޏަށް 24 އަހަރު ފުރުމުގެ ތަހުނިޔާ އެންމެ ރަނގަޅު ފިރިމީހާއަށް އަރިސްކުރާ ކަމަށެވެ.
އުމުރުން 16 އަހަރުން ފެށިގެން އެކުގައި އުޅެވުނީ، ނާޝިޒްގެ ފަރާތުން ލިބުނު ވަފާތެރިކަމާއި ލޯތްބާއި އަޅާލުމާއި އޮތް އިތުބާރެއްގެ ބޮޑުކަމުން ކަން ވެސް ހާމަކޮށްފައިވެއެވެ. ރޮޒައިނާ އާންމުކުރެއްވި އެ ވީޑިއޯ ލަވައިގައި މާޒީގެ ތެރެއިން ބައެއް ފޮޓޯތައް ވެސް ވަނީ ހިއްސާކުރައްވައިފައެވެ.
ވާލޯތްބަކަށް ބަދަލެއް ނުވާ ކަމަށް ބުނެ ރޮޒައިނާ ފެށި މިލަވައިގައި ހާމަކޮށްދެނީ އަދިވެސް އެގޮތުގައި ނާޝިޒާއެކު ހަޔާތުގެ ދުވަސްތައް ހޭދަކުރަން ބޭނުންވާ ކަމެވެ. އެކުގާ ބެލި ހުވަފެންތައް ހާސިލުވީ އެކީ އުޅެގެންކަން ލަވައިން ބުނެދެއެވެ.
އުފަލުގައި ހޭދަވެދަނީ ލޯތްބާއި ވަފާތެރިކަން ލިބޭތީ ކަމަށާއި ކައިވެނީގެ ދުވަސްތައް 25 އަހަރަށް އެޅި ނަމަވެސް ފޫހިކަމެއް ނެތް ކަމަށް ބުނެފައިވެއެވެ. އަދި "ތިއީ ނަސީބޭ ހަމަ މަގޭ، ބުނެލުމުން ކުށަކަށް ނުވޭ،" ކަމަށެވެ.
"ވާލޯތްބަކަށް، ބަދަލެއް ނުވޭ. އެކުގާ އުޅެން، ބޭނުމީ. ވީހާ ދުވަސް ތިލޯބީގާ. އަދިވެސް އެހެން ބޭނުމީ."
ރޮޒެއިނާ އާއި ނާޝިޒްގެ ކައިވެންޏަށް 24 އަހަރު ފުރިފައިވާ އިރު، އެ ކައިވެންޏަށް ވަނީ ދެ ކުދިން ލިބިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު