(11 ފެބުރުއަރީގެ އަދަދާ ގުޅޭ)

أميـر يـوسف ހަތަރުވަނަޔަށްވީ ދުވަހުގެ ފަތިސްނަމާދުން ނިމިވަޑައިގެން سعد بــن عبـدالمـنعــم އޭނާގެ ފޭލިގެކޮޅަށް ގެންދަވައިފިއެވެ. أميـر ވިދާޅުވިއެވެ. "ޒުވާނާ! ކަލާއާ ވާހަކަދައްކާނެ ވަގުތެއް އަޅުގަނޑަށް އަދި މިދަނީ ނުލިބި. ކަލާ ވަޑައިގެންނެވި ބޭނުންފުޅެއް އޮޅުންފިލުވުމަކީ އަޅުގަނޑުގެ ވާޖިބެއް. ކޮންމެވެސް ރޮނގަކުން ކަލާއަށް އެހީފުޅެއް ވެދެވިއްޖެނަމަ އެކަންވާނީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލަކަށް."

سعد بــن عبـدالمـنعــم ކުޑައިކޮށް މަޑުކޮށްލެއްވުމަށްފަހު ވިދާޅުވިއެވެ. "ތައުހީދުގެ ދިދަ އުފުލާ މީހުންގެ ފައުޖުގެ ސިފައިންގެ މީހަކަށްވުން ނޫން އެހެން ބޭނުމެއް އަޅުގަނޑުގެ ނެތް. މަނިކުފާނު ވަނީ އިސްލާމީ އުންމަތުގެ ދިފާޢީ ޙިޞާރެއްގެ ބިންގައު އަޅުއްވައިފައި. އަޅުގަނޑުގެ އެދުމަކީ އެ ޙިޞާރު ބިނާކުރެއްވުމުގައި އަޅުގަނޑުގެވެސް ލެޔާއި ދައު ޝާމިލުކުރުން. އަންދަލުސުގެ މުސްލިމުން މިހާރު ތިބީ އެބައިމީހުންގެ ދިރިތިބުމާއި ފަނާވެ ނެތިދިއުމާ ގުޅޭ މައްސަލަގަނޑެއްގައި ހައްޔަރުވެފައި. އަޅުގަނޑު މިއައީ އަންދަލުސުގެ މުސްލިމުން

ފަތަމުންގެންދާ ލޭގެ ކޯރު އެބައިމީހުންގެ އިސްކޮޅު ނުކާވަރަށް ފޫދޭހިނދު އަޅުގަނޑުމެންގެ އެފުރިކާގެ އަޚުންނަށް އަޅުގަނޑުމެންނާ ދިމާޔަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލެވޭނެތޯ ބަލައިލާން. މިތަނަށް އައުމުން އަޅުގަނޑަށް ޔަގީންވީ މިވަގުތު އެފުރިކާގެ މައިދާނުގައި ހިނގަމުންމިދަނީ އަންދަލުސުގެ މުސްލިމުންގެވެސް ދިފާޢީ ހަނގުރާމަކަން. އެފުރިކާގެ އެންމެދުރު ކަންކޮޅާ ހަމަޔަށް އިސްލާމްދީނުގެ ބަސް ގަދަކުރައްވާން ޢަޒުމު ކަނޑައަޅުއްވައިފައިވާ މާތް މުޖާހިދު އެމަނިކުފާނުގެ މުހިންމު ނިންމައިލެއްވުމަށްފަހު އަންދަލުސުގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާއާއި އެބައިމީހުންގެ އާރެއް ބާރެއް ނެތްކަން ދެކެވަޑައިނުގެން އެދިމާޔަށް ލޯފުޅު މަރުއްވައި ނުލައްވާނެކަން އަޅުގަނޑު ޔަގީންކުރަން. އެމަތިވެރި މުހިންމުގައި މަނިކުފާނާ ބައިވެރިވުމަކީ އަޅުގަނޑަށް ލިބޭ ބާއްޖަވެރި ކަމެއްކަމުގައި ވާނެކަމަށް އަޅުގަނޑު ޔަގީންކުރަން."

أميـر يـوسف بـن تـاشـفـيـن ވިދާޅުވިއެވެ. "އަންދަލުސުގެ މުސްލިމުންގެ ދާޚިލީ ކަމެއްގެ ތެރެޔަށް ވަންނާން އަޅުގަނޑު ގަބޫލު ނުވެއްޖެނަމަ.....؟"

"އަޅުގަނޑަށް ޔަގީން. އަލްފާންސޫގެ ކަނޑިކޮޅު އެބައިމީހުންގެ ވައިނޮޅިތަކާ ހަމަޔަށް ފޯރުމުން އަންދަލުސުގެ މުސްލިމުންނަށް އެބައިމީހުންގެ މައްސަލަޔާ މަނިކުފާނާ ބައްސާން މަޖުބޫރުވާނެ. އަންދަލުސުގެ މުސްލިމުން އަމިއްލަޔަށް މަނިކުފާނުގެ އަރިހުން އެހީފުޅަށްއެދި ދަންނަވާނެ. މަނިކުފާނުގެ ކުރިފުޅުމަތީގައި މިހާރުހުރި މަސައްކަތްޕުޅުތައް ނިންމައިނުލައްވައި އަންދަލުސާ ދިމާޔަށް އެނބުރި ވަޑައިގަންނަވާކަށެއް އަޅުގަނޑު ނުދަންނަވަން. އެކަމަކު އެފުރިކާގައި މަނިކުފާނުގެ މަސައްކަތްޕުޅު ނިންމެވުމަށްފަހު އިސްލާމްދީނާއި އިސްލާމީ އުންމަތަށްޓަކައި މަނިކުފާނުގެ ދެވަނަ މައިދާނަކަށްވާނީ އަންދަލުސު. އެދުވަހަކާ ހަމަޔަށް މަނިކުފާނާ ބައިވެރިވަމުން ގެންދަން އަޅުގަނޑު ބޭނުން."

يـوسف بـن تـاشـفـيـن ވިދާޅުވިއެވެ. "ކަލާ އަޅުގަނޑާމެދު ތިޔަކުރައްވަނީ ވަރަށްވެސް މަތިވެރި އުންމީދެއް. ތިޔަ މަތިވެރި މަޤުޞަދު އަޅުގަނޑަށް ހާސިލުކޮށްދެވޭނީ ކިހައިވަރަކަށްކަމެއް ދަންނަވާކަށެއް ނޭނގެ. އެކަމަކު އަޅުގަނޑު ކަލާއަށް ޔަގީންކޮށް އަރުވަން. އަލްޖަޒާއިރުން ފެށިގެން ސެނެގޯލާ ހަމަޔަށް އެއްދިދައެއްގެ ދަށަށް ޖަމާނުކުރެވޭހައި ހިނދަކު އަޅުގަނޑު އަރާމުގައި އިށީނދެލައިގެނެއް ނުއިންނާނަން. ޠަވާއިފުން މުލޫކީގެ ސަބަބުން އަންދަލުސުގެ މުސްލިމުން މިއަދު ކުރިމަތިލަމުން އެދާ މުސީބަތާ ކޮންމެވެސް ދުވަހަކުން އެފުރިކާގެ މުސްލިމުންވެސް ކުރިމަތިލާން ޖެހުނަދޭކަށެއް އަޅުގަނޑު ނޭދެން. މި މަސައްކަތުގައި އަޅުގަނޑުވަނީ ބަނޑުގައި ހިލަ ބަނދެގެންތިބެ ޖިހާދުކުރާނެ ސިފައިންނަށް ބޭނުންވެފައި. އެއަށްވުރެވެސް މާބޮޑަށް އަޅުގަނޑުވަނީ އިސްލާމްދީން ފަތުރަން ތިމާގެ ޙަޔާތު ވަޤުފުކުރާނެ ހިތްވަރުހުރި މުބައްލިޣުންނަށް ބޭނުންވެފައި."

"ޖިހާދަށާއި ތަބްލީޣަށާ ދެ ޚިދުމަތަށްވެސް އަޅުގަނޑު ތައްޔާރަށް ހުއްޓައި މަނިކުފާނަށް ފެނިވަޑައިގަންނަވާނެ."

"އަޅުގަނޑު ކަލާއަށް ވަރަށްބޮޑަށް މަރުޙަބާ ދަންނަވަން. އެކަމަކު އަންދަލުސާ ބެހޭގޮތުން އަޅުގަނޑަށް ކަލާގެ އަރިހުގައި މިވަގުތު އެއްވެސް ވަޢުދެއް ނުވެވޭނެ. އެކަމަކު ޝައްކެއްވެސް ނެތް އެކަށޭނަ ވަގުތެއް އައުމުން އަންދަލުސާ ބެހޭގޮތުން ރަނގަޅު ނިންމުމެއް ނިންމުމުގެ ތައުފީޤު ދެއްވުންއެދި އަޅުގަނޑު މިހާރުއްސުރެ ދުޢާކުރަމުން ގެންދާނަން."

سعد ޖަވާބު ދެއްވިއެވެ. "އަޅުގަނޑު މަނިކުފާނުގެ އަރިހަށް އެއްވެސް ބޭނުމެއްގެ ވާހަކައެއް ހުށައެއް ނާޅާނަން. އަޅުގަނޑު މަނިކުފާނަށް ޔަގީންފުޅުކޮށް އަރުވަން. އެފުރިކާގައި އަޅުގަނޑު ހުރިހައި ދުވަހަކު އިސްލާމްދީނާއި މުސްލިމުންގެ ހެވާއި ލާބަޔަށްޓަކައި އަޅުގަނޑު މަނިކުފާނާ އެއްބާރުލަމުން ގެންދާނީ އެއްވެސް ޝަރުޠެއްނެތި."

أميـر يـوسف ވިދާޅުވިއެވެ. އަޅުގަނޑު އަދިވެސް ކަލާއާ އެންމެ ސުވާލެއް ކޮށްލާނަން. އަޅުގަނޑު އުންމީދުކުރަން ކަލާ ތެދުބަހުން ޖަވާބު ދެއްވާނެކަމަށް. އެސުވާލަކީ "ކަލާ އަޅުގަނޑުގެ ގާތަށް ތިޔަވަޑައިގެންނެވީ އެހެންމީހަކު ދަންނަވައިގެންތޯ؟ ނުވަތަ ކަލާގެ އަމިއްލަ ޚިޔާލުފުޅަށް ފެނިވަޑައިގެންތޯ؟"

"މަނިކުފާނުގެ އަރިހަށް އަޅުގަނޑަށް އާދެވުނުކަމަށްޓަކައި އަޅުގަނޑު ޝުކުރުވެރިވަނީ ޣަރުނާޠާގެ ފަގީހެއްކަމުގައިވާ قـاضى أبـو جـعـفـر އަށް. އަޅުގަނޑު މަނިކުފާނުގެ އަރިހަށް މިއައީ މުލޫކުއްޠަވާއިފުންގެ ތެރެއިން ބޭފުޅެއްގެ އިޝާރަތަކަށް ކަމުގައި މަނިކުފާނު ޝައްކު ކުރައްވާނަމަ އަޅުގަނޑުގެ ވާހަކަ ދެންނެވުމުގެ ފުރުސަތު ދެއްވުން އެދެން!"

يـوسف بـن تـاشـفـيـن އޭނާގެ މޫނުފުޅުމައްޗަށް އޯގާވެރި ހިނިފުޅުވެޑުވުމެއް ވެރިކުރައްވަމުން ވިދާޅުވިއެވެ. "ކަލާގެ ވާހަކަ ވަނީ ކަލާގެ ނިތްކުރިފުޅުގައި ލިޔެވިފައި. ކަލާގެ ނާރުފުޅުތަކުގައިވަނީ ހިތްވަރުފުޅުގަދަ ބައްޕައެއްގެ ލޭފޮދު. ކަލާއަށް ކިރުފޮދު އެރުވީ ހެޔޮލަފާ މަންމައެއް. ކަލާ ތަރުބިޔަތު ކުރެއްވީ އިޙުތިރާމު ކުރާންޖެހޭ މުދައްރިސެއް. އެހެންކަމާއެކުވެސް ތިޔަ އުމުރުގެ ޒުވާނަކު ޣަރުނާޠާ ފަދަ ރަށްވެހި ރަށެއް ދޫކޮށްލައްވައިފައި މިފަދަ ވީރާނާ ތަނަކަށް ވަޑައިގަންނަވާން ޖެހިވަޑައިގެންނެވި ގޮތެއްގެ ވާހަކަޔަކީ އަޅުގަނޑު ޝައުޤުވެރިކަން ކުޑަ ވާހަކަޔަކަށް ނުވާނެ."

سعد ޤުރުޠުބާއަށް އައި އިންޤިލާބުތަކުގެ ވާހަކައާއި، އެރަށް ދޫކޮށްލައްވައިފައި ޣަރުނާޠާއަށް ވަޑައިގެންނެވިގޮތާއި އޭނާ ހޭފުޅުލައްވައިގެންނެވީއްސުރެ އަންދަލުސުގެ އިޖުތިމާޢީ މައްސަލަތަކާމެދު ވިސްނައިވަޑައިގެންނެވުން އާދަކުރެއްވުނުގޮތުގެ ވާހަކަ ކުރުގޮތަކަށް ވިދާޅުވެދެއްވިއެވެ.

* * * * * * * * * * *

سعد بــن عبـدالمـنعــم އެފުރިކާގައި ހުންނެވުމުގެ ތެރޭގައި ވަނީ އޭނާއަކީ އެންމެ ޤާބިލު ސިފައިންގެ މީހެއްކަމާއި އެންމެ ކާމިޔާބު ދާޢީއެއްކަން ސާބިތުކޮށްދެއްވައިފައެވެ. އޭނާ އެއްގަމުގެ ނުވަތަ ކަނޑުމަތީގެ މަޢުރިކާއެއް ނިންމަވައިފައި ވަޑައިގެން މަޑުކޮށްވެސް ނުލައްވައި ވަޑައިގަންނަވަނީ އެފުރިކާގެ ކޮންމެވެސް ދުރުހިސާބެއްގައި ދިރިއުޅޭ ޣައިރު މުސްލިމު ޤަބީލާއަކަށް ދީނަށް ގޮވައިލައްވާން ވަޑައިގަންނަވާ ޢިލްމުވެރީންގެ ޖަމާޢަތެއްގައެވެ. އޭނާ ސަހަރާވީ ބަރުބަރީންގެ ބަހުރުވައިން ފަރިތަފުޅުކަމާއެކު ތަޤުރީރުކުރައްވައެވެ.

އެފުރިކާގައި ހޭދަކުރައްވަމުން ގެންދެވި މުޖާހިދެއްގެ ދިރިއުޅުއްވުމާއެކުވެސް ބައެއްފަހަރުފަހަރު އޭނާގެ ބީރައްޓެހިފުޅުކަމުގެ އިޙުސާސު އޭނާގެ ހިތްޕުޅަށް އުނދަގޫކުރެއެވެ. އޭނާ ބައެއްފަހަރުފަހަރު ގިނިކަންޏާ އިންނަވައިގެން ޣަރުނާޠާގެ މަތީން ހަނދާންކުރައްވައެވެ. މަންމައާއި ކޮއްކޮމެންނާއި ތިމާގެފުޅު ބޭފުޅުންނާއި ރަޙުމަތްތެރީންގެ މަތީން ހަނދާންކުރައްވައެވެ. އެބޭފުޅުންގެ ޚިޔާލީ ތަސްވީރުތައް ބައެއްފަހަރުފަހަރު އޭނާގެ ހިތްޕުޅަށް އާދެއެވެ. އޭނާގެ ޚިޔާލުފުޅުގައި އެބޭފުޅުންނާ ވާހަކަފުޅު ދައްކަވައެވެ. "ކަލާ ހީފުޅުކުރެއްވީ އަޅުގަނޑު ކަލާގެ މަތީން ހަނދާން ނައްތައިލައިފި ކަމުގައިތޯއެވެ؟ ނޫނެކެވެ. ނޫނެކެވެ. އަޅުގަނޑު މިހުންނަނީ ކަލާ ދެކޭހިތުން ކެތްމަދުވެފައެވެ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަރަށްއަވަހަށް ކަލާގެ އަރިހަށް ދާނަމެވެ." ދެން އޭނާގެ ހަނދުމަފުޅަށް އަންނަނީ ميـمــونـة އެވެ. ميـمــونـة ގެ މަތީން ހަނދުމަފުޅުވުމާއެކު سعد ގެ ހިތްޕުޅުގެ އެންމެ ފުނުން އެތުރިގެން އަންނަނީ ވަރަށްވެސް ލަޠީފު ވަރަށްވެސް ފޮނި އިޙުސާސުތަކެއްގެ ރާޅުބާނީ ތަކެކެވެ. އުފާވެރިކަމުގެ އިޙުސާސު ތަކެކެވެ. ރޭގަނޑުގެ ހަމަހިމޭންކަމުގައި ކޮންމެވެސް ހިލައެއްގެ މަތީގައި އިންނަވައި އޭނާ އުޑުމަތީގައި ވިދައި ބަބުޅާ ތަރިތަކާ ދިމާޔަށް ބައްލަވަމުން ގެންދަވައެވެ. އޭނާގެ ހިތްޕުޅަށް އަރައެވެ. "ميـمــونـة މިހާރު މިތަރިތަކާ ސުވާލުކުރައްވާނެކަން ނޭނގެއެވެ. އަންދަލުސުގެ އުދަރެހުން މިނިވަންކަމުގެ އިރުއަރާނީ ކޮންއިރަކުހެއްޔެވެ؟ ހަމައެކަނި ميـمــونـة އެއް ނޫނެވެ. އަންދަލުސުގެ އެތަކެއް ލައްކަ އަންހެންދަރީން ކޮންމެރެއަކު މިތަރިތަކާ ސުވާލުކުރަމުން ގެންދާނެއެވެ. މިޤައުމުގެ ފިރިހެންދަރީން މިއަނދިރި ފަޒާގައި މިނިވަންކަމުގެ ގިންދީލުތައް ދިއްލާނީ ކޮންއިރަކުން ބާވައެވެ؟"

ބައެއްފަހަރަށް އޭނާގެ ހިތްޕުޅަށް އަރައެވެ. އަހަރެން ކުޑަދުވަސްކޮޅަކަށް ރަށަށް ދާންވީއެވެ. ޣަރުނާޠާގެ ސަރުކާރުން އަދިވެސް އަހަރެން ހޯދަމުން ގެންދާކަމުގައި ވެދާނެއެވެ. އަހަންނަށް ހެދުން ބަދަލުކޮށްގެންވެސް ޣަރުނާޠާއަށް ދެވިދާނެއެވެ. އަހަރެން މާގިނަދުވަހަކު އެރަށަކު ނުހުންނާނަމެވެ. أميـر يـوسف އުފާފުޅުން އަހަންނަށް ހުއްދަ ދެއްވާނެއެވެ. سعد އިށީނދެވަޑައިގެން އިންނަވާ ތަނުން ތެދުވެވަޑައިގަންނަވަނީ އެކަން ގަސްދުކުރައްވައިގެންނެވެ. އެކަމަކު އޭނާ أميـر يـوسف ހުންނަވާ ތަނަށް ވަޑައިގަންނަވާއިރު އިވިވަޑައިގަންނަވަނީ އެ މަޖްލިސުގައި ޢަސްކަރީ އޮފިސަރުން ކޮންމެވެސް މުހިންމު ޢަސްކަރީ މުހިންމަތެއްގެ ވާހަކަ ދައްކަވާ އަޑެވެ. ނުވަތަ ޢިލްމުވެރީން ކޮންމެވެސް ތަބުލީޣީ ދަތުރަކާ ބެހޭގޮތުން ވާހަކަ ދައްކަވާ އަޑެވެ. سعد ގެ ޚިޔާލުފުޅު ކުއްލިޔަކަށް ބަދަލުވެދެއެވެ. އޭނާގެ ކަންފަތްޕުޅުގައި ގުގުމާންފަށަނީ އޭނާގެ ބައްޕާފުޅުގެ އަންނަނިވި ޖުމުލައެވެ. "އަހަރެމެންގެ މަޤުޞަދު އަހަރެމެންގެ ޙަޔާތަށްވުރެ މާމަތިވެރިއެވެ."

سعد ރަމަޟާންމަސް ހޭދަކުރެއްވީ ސަބުތާގައެވެ. އެފުރިކާގެ ދުރު ހިސާބުހިސާބުގައި އެތަކެއް މައްސަރުތަކެއް ހޭދަކުރެއްވުމުގެ ސަބަބުން އޭނާއަށް އޭނާގެ ގެއާ ބެހޭގޮތުން އެއްވެސް ޚަބަރެއް ލިބިވަޑައެއް ނުގަންނަވައެވެ. سعد އޭނާގެ ކޮއްކޮ أحمد އަށް ސިޓީފުޅެއް ލިޔުއްވުމުން سيـربن أبى بـكـر ޚާއްޞަ ޤާޞިދަކު ޣަރުނާޠާއަށް ފޮނުއްވާގޮތަށް ހަމަޖައްސަވައިދެއްވިއެވެ. ޤާޞިދު އެނބުރި އައީ އީދުގެ ދެދުވަސް ފަހުންނެވެ. އޭނާ سعد ގެ އަތްޕުޅަށް ދެސިޓީ އެރުވިއެވެ. އެދެސިޓީގެ ތެރެއިން އެއްސިޓީއަކީ ميـمــونـة ގެ ސިޓީއެކެވެ. އަނެއް ސިޓީއަކީ شيـخ أبــو صـالـح ގެ ސިޓީއެކެވެ. ميـمــونـة ގެ ސިޓީގައި ލިޔުއްވައިފައިވެއެވެ.

"އަޅުގަނޑުގެ ސާހިބާއެވެ! أحمد އާއި حسن އާއި އަޅުގަނޑުގެ ބޭބެ إدريـس އާވެސް ގެޔަކު ވަޑައިގެނެއް ނުއުޅުއްވައެވެ. އެހެންކަމުން ކަލާގެ މަންމަ ވިދާޅުވެގެން މިސިޓީ ލިޔާންޖެހުނީ އަޅުގަނޑަށެވެ. އަންދަލުސުގެ ޢިލްމުވެރީންގެ މުހިންމު ނާކާމިޔާބުވުމާއެކު قـاضى أبـو جـعـفـر ޣަރުނާޠާއަށް އެނބުރިވަޑައިގެން އެކިދިމަދިމާޔަށް ރިޟާކާރުން ފޮނުއްވައިލައްވައިފިއެވެ. حسن ފޮނުއްވީ ސަރުޤިސްޠާ އަށެވެ. أحمد ވަޑައިގެންނެވީ ޠުލައިޠުލާއަށެވެ. ކަލާގެ އެކުވެރީންކުރެ ވަރަށްގިނަ އެހެން ބޭފުޅުންވެސް އެކިދިމަދިމާޔަށް ވަޑައިގެންފިއެވެ. އެބޭފުޅުންގެ މުހިންމުތަކުގެ ތަފުސީލުތަކެއް އެބޭފުޅުން އަޅުގަނޑަކަށް ނުދެއްވައެވެ. އަޅުގަނޑަށް އެނގޭވަރަކީ އެބޭފުޅުންގެ މަސައްކަތްޕުޅަކަށްވާނީ އެތަންތާނގައިތިބި މިނިވަންކަމުގެ ޙަރަކާތާ ގުޅުންހުރި ޖަމާޢަތްތަކުގެ މެމްބަރުންނާ ގުޅިވަޑައިގެން އަންދަލުސުގެ އާއްމު މުސްލިމުން ހޭލުންތެރި ކުރެއްވުންކަމެވެ. އަންދަލުސާ ކުރިމަތިވަމުން އަންނަ އިޖުތިމާޢީ ބޮޑު ނުރައްކަލާ ކުރިމަތިލާން އާއްމު މުސްލިމުން ތައްޔާރުކުރެއްވުން ކަމެވެ.

إدريـس ބޭބެވަނީ ވިޔަފާރީގެ ދަތުރުފުޅެއްގައި މާލިގާއަށް ވަޑައިގެންނެވެ. ކަލާގެ މަންމަގެ އެކަނިވެރި ހާލުކޮޅަށް ވިސްނައިވަޑައިގެން ބޮޑުދައިތަވަނީ ކަލާގެ މަންމަގެ އަރިހުގައި އިންނަން އަޅުގަނޑަށް ހުއްދަ ދެއްވައިފައެވެ. އޭނާ ކޮންމެ ނަމާދެއްގެ ފަހުގައި ދުޢާކުރައްވައެވެ. "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މިއަޅާގެ ކުދީންނަށް އިސްލާމްދީން މަތިވެރިކޮށް ނަސުރުވެރިކުރުމުގެ ހެޔޮ ތައުފީޤު ދެއްވާނދޭވެ!"

އަޅުގަނޑުގެ އޮތީ އެންމެ ޝަކުވާއެކެވެ. ކަލާގެ ޖިހާދަށްޓަކައި ޚިޔާރުކުރައްވައިފައިވާ މައިދާނަކީ އަޅުގަނޑަށް އުދުހިފައި ދެވޭވަރަށްވުރެވެސް މާދުރުގައިވާ މައިދާނެއްކަމުގެ ޝަކުވާއެވެ. ރޭގަނޑުގެ ދަތުރުވެރިޔާ ފަތިސްވެއްޖެކަމުގެ ޚަބަރު ގެންނަވާނީ ކޮންއިރަކުކަން ދެނެވޮޑިގެންވާނީ މާތް اللّـه އެވެ." ميـمــونـة

شيـخ أبــو صـالـح އޭނާގެ ސިޓީފުޅުގައިވަނީ ޣަރުނާޠާއާއި އަންދަލުސުގެ އެހެނިހެން ތަންތާނގެ އަދާހަމަ ޚަބަރުތައް ވިދާޅުވެދެއްވައިފައެވެ. شيـخ أبــو صـالـح ލިޔުއްވައިފައިވެއެވެ. معـتـمـد ގެ އަތްޕުޅުން إبـن عمّــار ޤަތުލުވެއްޖެއެވެ. ޠުލައިޠުލާ މީހުންތިބީ އެތާނގެ ރަސްގެފާނު يحـيى ذوالـنـّون (مـأمـون ذوالـنـّون ގެ ދަރިކަލުން — އޭނާއަށް يحـيى القــادر އޭވެސް ކިޔައެވެ.) ދެކެ ވަރަށްބޮޑަށް ރުޅިއައިސްފައެވެ. އެތާނގައި އާއްމު ބަޣާވަތެއްގެ އަސަރު ފެންނަމުން އެބަދެވެ. އަލްފާންސޫގެ ސިފައިން ސަރުޤިސްޠާއާއި ބަލަންސިއްޔާއާއި އިޝްބީލިއްޔާގެ ސަރަޙައްދަށް ޖަމާވަމުން އެބަދެއެވެ. قـاضى أبـو جـعـفـر ގެ އައު މުހިންމުވެސް ކާމިޔާބުވާނެ ކަމަކަށް ޅިޔަންބޭބެ ނުދެކެމެވެ. އަންދަލުސުގެ ހަރުދަނާ މީހުން ގަބޫލުކުރާގޮތުގައި މިހާރު އަންދަލުސު ސަލާމަތްކޮށްދެއްވޭނެ ޝަޚުޞިއްޔަތަކަށް އިސްލާމީ އުންމަތުގައި ހުންނެވި ހަމައެކަނި ބޭފުޅަކީ މުރާބިޠީންގެ أميـر يـوسف بـن تـاشـفـيـن އެވެ. قـاضى أبـو جـعـفـر ދުވަސްކޮޅަކު ޣަރުނާޠާގައި ހުންނަވައިފައި ބިޠުލިޔޫސަށް ވަޑައިގެންފިއެވެ. އޭނާ މަހެއްހައިދުވަހުގެ ތެރޭގައި އެނބުރިވަޑައިގަންނަވާނެކަމަށް ލަފާކުރެވެއެވެ. އޭނާ އެދިވަޑައިގަންނަވަނީ ދަރިފުޅުގެ މަސައްކަތާ ބެހޭގޮތުން ތަންކޮޅެއް ބޮޑަށް ތަފުސީލު ފޮނުވައިދިނުމެވެ. ދަރިފުޅު أحمد އަށް ފޮނުވި ސިޓީ ބޭބެ އޭނާއަށް ދެއްކީމެވެ. ނަމަވެސް އޭނާ އެވަރަކުން މާބޮޑަކަށެއް ހިތްޕުޅު ހަމަޖެހިވަޑައެއް ނުގެންނެވިއެވެ.

(ނުނިމޭ)