އިނގިރޭސި އެފްއޭ ކަޕުގައި ދެވަނަ ޑިވިޝަންގެ ބާންސްލީ އަތުން ހޯދި ހަނި މޮޅާއެކު ޗެލްސީން ކުއާޓާ ފައިނަލުގެ ޖާގައެއް ޔަގީންކޮށްފި އެވެ.

ބާންލީގެ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޗެލްސީން ބާންސްލީ ގޯލަށް އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާގައި ލީޑު ނަގައިދިނީ ޓެމީ އަބްރަހަމް އެވެ. މެޗުގައި ބާންސްލީގެ ފަރާތުން ހިތްވަރު ގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގެ ބޮޑު ބައެއްގައި އެޓީމުން ވަނީ ޗެލްސީއަށް ނުރައްކާ ކޮށްފައެވެ.

ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދު ދަށުން ޗެލްސީން މިހާތަނަށް ކުޅެފައިވާ ފަސް މެޗުން ވެސް ބަލިވެފައިނުވާއިރު، އެޓީމުން ވަނީ ހަތަރު މޮޅު ހޯދައިފަ އެވެ. ރޭގެ މެޗަށް ޗެލްސީން ބަދަލުތަކަކާއެކު ނުކުމެފައިވާއިރު، އާންމުކޮށް ލީގުގައި ފުރުސަތު ނުލިބޭ ގިނަ ކުޅުންތެރިންތަކަކަށް ވަނީ ފުރަތަމަ 11 އިން ފުރުސަތު ދީފައެވެ.

ގޯލްކީޕަރު ކެޕާ އަރީޒާބަލާގާގެ އިތުރުން ބިލީ ގިލްމޯ އާއި އެންގޯލޯ ކާންޓޭ، އެމަސަން އަދި ހަކިމް ޒިޔެޗާއި ކްރިސްޓިއަން ޕުލިސިޗް ވެސް ފުރަތަމަ 11 އިން ފެނިގެން ގޮސްފައިވާއިރު، ރޭގެ މެޗުގައި ޒިޔެޗާއި ޕުލިސިޗްގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

މެޗަށްފަހު ޗެލްސީ ކޯޗު ޓިޗެލް ބުނެފައިވަނީ ޗެލްސީއަށް އެއަށްވުރެ ރަނގަޅަށް ކުޅެވޭނެ ކަމަށާއި ކުޅުންތެރިން ފަރާތުން އެންމެ ބޮޑަށް މަދުވެގެން ދިޔައީ ކުރިއަށް ދިޔުމުގެ ހިތްވަރު ކަމަށެވެ. ނަމަވެސް މޮޅަކާއެކު ހިތްހަމަޖެހޭ ކަމަށާއި ކުޅުންތެރިންނަށް އެއްވެސް ޕްރެޝަރެއް ދޭން ބޭނުން ނުވާ ކަމަށް ޓުޗެލް ބުންޏެވެ.

ޗެލްސީން ކުއާޓާ ފައިނަލްގައި ނުކުންނަން ޖެހޭނީ ޝެފީލްޑްޔުނައިޓެޑާ ދެކޮޅަށެވެ. މެޗު އޮންނާނީ ޗެލްސީ ދަނޑުގައެވެ.