ފީފާ ކްލަބު ވޯލްޑް ކަޕު ކާމިޔާބުކޮށް، ބަޔާން މިއުނިކުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ގަތަރުގައި ރޭ ކުޅުނު ފައިނަލް މެޗުގައި އުތުރު އެމެރިކާގެ ޓިގްރެސް 1-0 އިން ބަލިކޮށް، ބަޔާންއިން ތަށި އުފުލާލައި އެޓީމުން ވަނީ ސީޒަނެއްގައި ހަ ތަށި ހޯދި ދެވަނަ ޓީމަށް ވެފައެވެ. މީގެ ކުރިން ސީޒަނެއްގައި ހަ ތަށި ހޯދި ހަމައެކަނި ޓީމަކީ ބާސެލޯނާ އެވެ. އެޓީމުން ވަނީ 2009 ވަނަ އަހަރު ޑޮމެސްޓިކް ހުރިހާ ޓްރޮފީއެއްގެ އިތުރުން ޔޫރަޕުގެ ޗެމްޕިއަން ކަމާއި ކްލަބު ވޯލްޑު ކަޕު ވެސް ހޯދައިފަ އެވެ.
ރޭގެ މެޗުގެ ހަމައެކަނި ގޯލު، ރޮބާޓް ލެވަންޑޮސްކީގެ ބޯޅައަކުން ބެންޖަމިން ޕަވާޑް ކާމިޔާބު ކޮށްދީފައިވާއިރު، އެ ގޯލު ގޯލެއް ކަމަށް ނިންމީ ވީއޭއާރުގެ އެހީގައެވެ. މިދިޔަ އަށް އަހަރު ވެސް ކްލަބު ވޯލްޑު ކަޕް ޔޫރަޕުގެ ޓީމަކުން ކާމިޔާބު ކޮށްފައިވާއިރު، ބަޔާންގެ ކުރިން އެ ޓްރޮފީ އުފުލާލީ ލިވަޕޫލުންނެވެ.
މެކްސިކޯއަށް ނިސްބަތްވާ ޓިގްރެސް ފައިނަލާ ހަމައަށް ދިޔައީ ރަނގަޅު ކުޅުމެއް ދައްކައިގެންނެވެ. އެ ޓީމަކީ އުތުރު އެމެރިކާ އިން ކްލަބު ވޯލްޑު ކަޕެއްގެ ފައިނަލް ތަމްސީލު ކުރި ފުރަތަމަ ޓީމެވެ. މިއަހަރުގެ ޓީމުން އެންމެ ގަދައަށް ވިދާލީ ކުރިން ފްރާންސް ގައުމީ ޓީމަށް ކުޅުނު ފޯވަޑް އެންދްރޭ ޕިއޭ ގިގްނަކެވެ. އޭނާއަކީ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ވެސް މެއެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ރޮބާޓް ލެވަންޑޮސްކީ ހޮވިފައިވާއިރު، ތިންވަނަ ޓީމަކީ އަލް އަހްލީ އެވެ.
ބަޔާންގެ ކާމިޔާބީއާއެކު ކުރިން ބާސާއާއެކު އެ ކާމިޔާބު ހޯދި ޕެޕް ގާޑިއޯލާ ވަނީ ހާއްސަ މެސެޖެއް ފޮނުވައިފަ އެވެ.
"ބަޔާންގެ ކާމިޔާބީއަށް ވަރަށް ބޮޑަށް މަރުހަބާ ކިޔަން. ދުނިޔޭގެ ޗެމްޕިއަންކަމާއެކު ހަ ތަށި ހަމަކުރުމަކީ ބޮޑު ފަހުރެއް. ބަޔާން ކޯޗަށް ބުނެލާނީ ތިއީ ހަ ޓްރޮފީ އެއް އަހަރު ތެރޭ ހޯދި ދެވަނަ ޓީމޭ. ކުރިން އެކަން ކުރީ 2009 ވަނަ އަހަރު ބާސެލޯނާ އިން. މެސީއަށް ގުޅައި އަހަރެން ބުނާނަން ހަތްވަނަ ތަށްޓަކަށް ކުޅެން ހިނގާށޭ. ތަނަކާ ވަގުތެއް އަންގާލަދީ،" ކުރިން ބަޔާންއަށް ކޯޗުކަން ކޮށްދިން މެންޗެސްޓާ ސިޓީގެ ކޯޗު ގާޑިއޯލާ ބުނެފައިވެ އެވެ.
މަދު އަދަދެއްގެ ސަޕޯޓަރުންނާއެކު ގަތަރުގައި ކުރިއަށް ގެންދިޔަ ކްލަބު ވޯލްޑު ކަޕަކީ ގަތަރުން އަންނަ އަހަރުގެ ވޯލްޑު ކަޕަށް ވެފައިވާ ތައްޔާރީތައް ވަޒަން ކޮށްލަން ކުރިއަށް ގެންދިޔަ މުބާރަތެކެވެ. އެ މުބާރާތް ފެނިގެން ދިޔައީ ވަރަށް ރަނގަޅަށް އިންތިޒާމު ވެގެން ދިޔަތަނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު