ފުވައްމުލަކު ސިޓީން އިތުރު ބަޔަކު ޕޮޒިޓިވްވެ، އެ ސިޓީން ޕޮޒިޓިވްވީ މީހުންގެ 11 އަށް އަރައިފިއެވެ.

ފުވައްމުލަކުން އެންމެ ފުރަތަމަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ އާދީއްތަ ދުވަހު ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިންނެވެ. އެމީހާ އަކީ ދުބާއީއިން އައިސް ފުވައްމުލަކުގައި ކަރަންޓީނުގައި ހުއްޓައި ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވި މީހެކެވެ.

ފުވައްމުލަކު ހޮސްޕިޓަލުން މިރޭ ބުނީ އެމީހާގެ ކޮންޓެކްޓުންގެ ތެރެއިން ޕޮޒިޓިވްވީ، މީހުންގެ އަދަދު ދިހައަކަށް އަރާފައިވާ ކަމަށެވެ. އެއާއެކު އެ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 11 އަށް އަރައިފައެވެ. ދުބާއީ ކްލަސްޓާގެ އިތުރުން ފުވައްމަލަކު ހޯމް ކަރަންޓީނުގައި ހުރި ދެމީހުންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން ފުވައްމުލަކު ސިޓީގައި މިވަގުތު އެކްޓިވް 13 ކޭސް އެބައުޅެއެވެ.

ދުބާއީ ކްލަސްޓާގެ ކޮންޓެކްޓުންގެ އަދަދު 306 މީހުން ހިމެނޭ އިރު، އޭގެ ތެރޭގައި ހައިރިސްކް 17 މީހަކާއި އަލާމާތްތައް ހުރި 11 މީހުން ހިމެނެއެވެ.

ނަމަވެސް އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާ މިހާރު ވަނީ ރަނގަޅުވެފައެވެ. އެކްޓިވް ކޭސްގެ އަަދަދަކީ ދިހައެކެވެ.

ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ފުވައްމުލަކު އޮތީ މޮނިޓަރިންގައެވެ. އަދި އެ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައްވެސް ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަށް އެއްގެއިން އަނެއްގެއަށް ނުދިއުމަށާއި ބޭރަށް ނުނިކުތުމަށް ވަނީ އަންގައިފައެވެ. އަދި އޮފީސްތައް ބަންދުކޮށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް އޮންލައިންކޮށް ދިނުމަށްވެސް ވަނީ އަންގައިފައެވެ.

މީގެ އިތުރުން ކެފޭތަކާއި ރެސްޓޯރެންޓްތައް ބަންދުކުރުމަށްވެސް ވަނީ އަންގައިފައެވެ. ނަމަވެސް ޑެލިވަރީގެ ހިދުމަތްތައް ދެވޭނެއެވެ. އަދި ޑެލިވަރީގެ ހިދުމަތްތައް ދޭ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަށް ކައުންސިލުން ވަނީ އަންގައިފައެވެ.

ސްކޫލުތަކާއި ކޮލެޖްތަކާއި ޓިއުޝަން ކްލާސްތަކާއި ގުރުއާން ކުލާސްތައްވެސް ބަންދުކުރުމަށް ވަނީ އަންގައިފައެވެ. އަދި ކްލާސްތައް އޮންލައިންކޮށް ގެންދިއުމަށް ވަނީ އަންގައިފައެވެ.

ގާޑިޔާތައްވެސް ބަންދުކޮށް، ހަމައެކަނި ޑެލިވަރީގެ ހިދުމަތްދިނުމަށް ކައުންސިލުން ވަނީ އަންގައިފައެވެ. އަދި އާންމު މައިދާންތަކާއި ޕާކުތަކަށް އެއްވުން މަނާކޮށް، ހުރިހާ ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުމަށްވެސް ވަނީ އަންގައިފައެވެ.

ކައުންސިލުން ވަނީ ސެލޫންތަކާއި ޖިމްތައްވެސް ބަންދުކުރުމަށް ނިންމައިފައެވެ. އަދި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.