މަގާމުން ދުރުކުރަން އުޅެނީ ވީޓީވީގެ "ގޮނޑިކޮއްކޮ" ޕްރޮގްރާމުގައި ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާ ވާހަކަ ދެއްކި ހިސާބުން އެކަމާ ހިތްހަމަނުޖެހިގެން ކަމަށް ވިދާޅުވެ، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު، އެމްޑީޕީގެ ޕީޖީ ލީޑަރު، އަލީ އާޒިމަށް ރައްދު ދެއްވައިފިއެވެ.
މަލީހުގެ އިތުބާރުނެތް ކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން އެޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ރައްޔިތުންގެ މަޖިލީހަށް ވެއްދުމުން، މިނިސްޓަރު މަލީހު ވަނީ އަސާސެއް ނެތް ކަމެއްގައި އަދަބު ދޭން އުޅުމަކީ ދުސްތޫރާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ، މަގާމުގެ މަސްއޫލިއްތުގެ ދަށުން ކުރަން ޖެހޭ އެއްވެސް ކަމެއް ނުކޮށް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.
މަހީލަށް ރައްދު ދެއްވައި އާޒިމް ވިދާޅުވީ، އެކަމުގައި ވެސް މަލީހު ހައްދަވަމުން ގެންދަވަނީ ދޮގު ކަމަށާއި ރައްޔިތުންނަށް އޮޅުވާލައްވަމުން ގެންދަވާ ކަމަށެވެ.
"ގަވާއިދު ހަދާ އޭޖީއަށް ފޮނުވާފައި ވަނީ މަނިކުފާނުގެ ނޯ ކޮންފިޑެންސް މައްސަލަ އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުން ނެގި ފަހުން. އެއްވެސް މީހަކު ގާނޫނަށްވުރެ މަތީގައި ހުރެގެން ނުވާނެ،" އާޒިމް ވިދާޅުވިއެވެ.
އާޒިމްގެ ޓުވީޓަށް ރައްދު ދެއްވައި މަލީހު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އޭނާ މަގާމުން ދުރުކުރަން އުޅެނީ ޓީވީ ޕްރޮގްރާމެއްގައި ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާ ވާހަކަ ދެއްކި ހިސާބުން އެކަން ހަޖަމުނުވެގެން ކަމަށެވެ.
"ވީޓީވީގެ ގޮނޑިކޮއްކޮ ޕްރޮގްރާމުގައި ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާ ވާހަކަ ދެއްކި ހިސާބުން ހަޖަމު ނުކުރެވިގެން ތިޔަ އުޅުއްވަނީ. ރައްޔިތުންނަށް ވާނުވާ ނޭނގޭ ކަމަށްތޯ ހީކުރައްވަނީ. ހަކުރާގޭ ފެންޑާ އެކޮޅުކޮޅުން އެލުވިޔަސް މާއްދާ 27ގެ ބޭނުން ހިފާނަން. ބިރު ނުދެއްކޭނެ،" މަލީހު ވިދާޅުވިއެވެ.
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، ރާއްޖޭގައި އިންޓަނެޓުގެ އަގު ހެޔޮ ނުވާ މައްސަލަ އާއި ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ނުހެދުމުގެ މައްސަލައިގައި އޭނާ މަގާމުން ވަކިކުރަން އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު