ތާޑް ޕާޓީ ޕޭމެންޓް ވެބްސައިޓުތަކުން ފައިސާ ދެއްކުމުގައި ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިލްތިމާސްކޮށްފިއެވެ.

ބީއެމްއެލުން ބުނީ ބައެއް ކަސްޓަމަރުން، ޓްރާންސެކްޝަންތައް ކޮންފާމް ކުރުމަށް ތާޑް ޕާޓީ ވެބްސައިޓު ބޭނުންކުރާކަން ބޭންކުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އޭގެ ތެރޭގައި ކަށަވަރު.ކޮމް ވެސް ހިމެނޭ ކަމަށެވެ.

މިފަދަ ޕްލެޓްފޯމުތައް ބޭނުންކޮށްގެން ތާޑް ޕާޓީ ޓްރާންސްފާ ކޮމްފާމް ކުރާ ކަމަށާއި މިގޮތުން ފުރަތަމަ ކަސްޓަމަރުންގެ ނަން، ފޯނު ނަންބަރު، އެކައުންޓް ނަންބަރު ފަދަ ޒާތީ މައުލޫމާތު ފޯރުކޮށްދޭން އެދޭ ކަމަށް ބީއެމްއެލުން ބުންޏެވެ. އެއަށްފަހު ކަސްޓަމަރަށް ކޮންފަމޭޝަން ކޯޑް ލިބުމުން އިންޓަނެޓް ބޭންކިން ޔޫސާ ނޭމް އަދި ފާސްވޯޑް ޖެހުމަށް އެދޭ ކަމަށްވެސް އެ ބޭންކުން ބުންޏެވެ.

ބޭންކުން ވަނީ އިންޓަނެޓް ބޭންކިންގެ މައުލޫމާތު އެހެން ފަރާތްތަކާ ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ބީއެމްއެލުން ބުނީ، އެކުންފުނީގެ މޯބައިލް އެޕްލިކޭޝަނާއި އިންޓަނެޓް ބޭންކިން ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްތައް ޔަގީންކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ބީއެމްއެލުން ބުނީ، އެ ބޭންކުން އަބަދުވެސް ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ރައްކާތެރިކަންމަތީ ބަލަހައްޓާނެ ކަމަށެވެ. ނަމަވެސް ކަސްޓަމަރުން ބޭނުންވެގެން އަމިއްލައަށް ތާޑް ޕާޓީ ވެބްސައިޓުތަކުގައި އަމިއްލަ ޒާތީ މައުލޫމާތު ހިއްސާކުރުމަކީ ބޭންކުގެ ކޮންޓްރޯލުތަކަށް ހުރަސް އެޅޭ ކަމެއް ކަމުގައިވެސް ބީއެމްއެލުން ބުންޏެވެ.

ބޭންކުން ބުނީ ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހޯދާ ވެބްސައިޓުތައް އަބަދުވެސް މޮނީޓާ ކުރާނެ ކަމަށާއި އަދި އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭނަމަ ފިޔަވަޅުވެސް އަޅާނެ ކަމަށެވެ.