(08 ފެބުރުއަރީގެ އަދަދާ ގުޅޭ)
سيـربن أبى بـكـر ވަރަށް ކުރުކޮށް އޭނާގެ ވާހަކަފުޅު ވިދާޅުވެދެއްވައިފިއެވެ. سعد އުންމީދު ކުރެއްވިގޮތާ ޚިލާފަށް މުރާބިޠީންގެ أميـر އެހުރިހައި ވާހަކަފުޅުތަކެއް އަޑުއެއްސެވީ އިންތިހާދަރަޖައިގެ ހަމަޖެހިވަޑައިގެންނެވުމާއި މަޑުމައިތިރިފުޅުކަމާ އެކުގައެވެ. އޭނާގެ ތަނަވަސް ނިތްކުރިފުޅަށް ރުލެއްވެސް އަރުއްވައެއް ނުލައްވައެވެ. މޫނުފުޅުމަތީގައި ކުޑަކޮށްވެސް ކަންބޮޑުވެވަޑައިގެންނެވުމުގެ އަސަރެއް ނެތެވެ. سيـر ގެ ވާހަކަފުޅު ނިމުމާއެކު أميـر يـوسف އޭނާގެ ކޮއްކޯފުޅާ ސުވާލު ކުރައްވާން ފެއްޓެވިއިރު سعد އަށް ހީފުޅުވީ ތެމާ ކަނޑެއްގެ އެންމެ އަޑީން ޠޫފާނެއް އުފެދޭން ފެށިހެންނެވެ. އޭނާ ފޭލިގެކޮޅުން ބޭރަށް ނުކުމެވަޑައިގެން ބާރު އަޑުފުޅުން ސިފައިންނަށާއި ކޮމާންޑަރުންނަށް އަމުރުކުރައްވާން ފެއްޓެވުމުން سعد އަށް ހީފުޅުވީ ޙަޔާތުގެ ހުރިހައި އަބުއިކަމަކާއި ކީރިތިކަމެއް އެ ދަރުވޭޝީ ޚަޞީލަތުގެ ވެރި أميـر ގެ ވުޖޫދާ އެއްވިހެންނެވެ. ކުޑަކުޑައިރުކޮޅެއްގެ ކުރީން ފޭލިގެކޮޅުގައި އިންނެވިއިރު ލޯތްބާއި ކުލުނުވެރިކަމާއި އޯގާވެރިކަން ނިހާޔަތަށް ހާމަވަމުންދިޔަ ރީތި ލޯފުޅުން މިހާރު ހީވަނީ ވިދައި ގުގުރައި ހޮނުއަޅާހެންނެވެ. ދާދި ކުޑައިރުކޮޅެއްގެ ތެރޭގައި ފަސްހާސް އަސްވާރުން އެތިބީ އޭނާގެ އަމުރުފުޅުގެ އިންތިޒާރުގައި ތައްޔާރަށެވެ. ދަތުރު ފެއްޓެވުމުގެ ކުރީން އޭނާގެ ފައިމަތީ ހަނގުރާމަކުރާ ސިފައިންގެ ކޮމާންޑަރަށް އަމުރުކުރެއްވިއެވެ. "ކަލާ ސިފައިން ގޮވައިގެން އަޅުގަނޑުމެންގެ ކުރީގެ މުޢަސްކަރަށް ވަޑައިގަންނަވާ! އެތާނގައި އަޅުގަނޑުގެ ދެވަނަ އަމުރަކަށް އިންތިޒާރު ކުރައްވާ!" ދެން އޭނާ އެނބުރިވަޑައިގެންނެވީ سيـربن أبى بـكـر އާ ދިމާޔަށެވެ. "سيـر! ކޮއްކޮ ތިޔަހުންނެވީ ޒަޚަމުވެވަޑައިގެންފައި. އަރާމުކުރައްވާ!"
"ނޫން. އަޅުގަނޑުގެ ޒަޚަމަކީ ވަރަށް އާދައިގެ ޒަޚަމެއް. މިހާރަކު އިޙުސާސެއްވެސް ނުވޭ."
"ކަލާ—؟" أميـر يـوسف އެންމެ ފުރަތަމަފަހަރަށް سعد އާ މުޚާޠަބު ކުރެއްވިއެވެ.
"އަޅުގަނޑު ވަރުބައްޔެއް ނުވޭ. ޒަޚަމެއްވެސް ނެތް. އަޅުގަނޑު މަނިކުފާނާ ބައިވެރިވާނަން."
سيـربن أبى بـكـر އޭނާގެ ވާހަކަ ވިދާޅުވެދެއްވިއިރު سعد ތަޢާރުފުކޮށްދެއްވިއެވެ. ނަމަވެސް
أميـر يـوسف އަދިވެސް سعد އަށް ސަމާލުކަމެއް ނުދެއްވާކަމުގައި ހީފުޅުކުރައްވައި سيـر ވިދާޅުވިއެވެ. "މީނާ ޣަރުނާޠާއިން މިވަޑައިގެންނެވީ އަޅުގަނޑުމެންނާއެކު ޖިހާދުގައި ބައިވެރިވެވަޑައިގެންނެވުމުގެ ޝައުޤުވެރިކަމުގައި."
أميـر يـوسف ވިދާޅުވިއެވެ. "ޒުވާނާ! ކަލާ ތިޔަ ފައިންޕުޅު އެޅުއްވީ ވަރަށް ތަނަވަސް މައިދާނެއްގައި. ކަލާގެ މުލައްދަނޑިފުޅުގެ ބާރު ވަޒަންކުރައްވަން އަދަދު ނުކުރެއްވޭހައި ގިނަ ފުރުސަތު ލިބިވަޑައިގަންނަވާނެ. އެކަމަކު މިވަގުތު ކަލާ އަރާމުކުރެއްވުން ބޭނުން. ކަލާގެ މޫނުފުޅުމަތީ އެނގެނީ ތިޔަހުންނެވީ ވަރުބަލިފުޅު ވެފައިކަން."
سعد ޖަވާބު ދެއްވިއެވެ. "މަނިކުފާނުގެ އަމުރުފުޅަށް ތަބާވުމަކީ އަޅުގަނޑުގެ ވާޖިބެއް. އެކަމަކު އަޅުގަނޑުގެ އެންމެބޮޑު އެދުމަކީ މަނިކުފާނުގެ އަރިހުގައި ދިޔުން. އަޅުގަނޑުގެ އިޙުސާސުތައް އަޅުގަނޑުގެ މޫނުމަތީން ތަރުޖަމާ ވާނެނަމަ....."
أميـر يـوسف އޭނާގެ ކޮމާންޑަރަކަށް އަމުރު ކުރެއްވިއެވެ. "މި ޒުވާނާއަށް އެންމެ ރަނގަޅު އަހެއް އަރުވާ!"
އިރުކޮޅެއްގެ ތެރޭގައި ދަތުރު ފެށުމުގެ ބެރުޖަހައިފިއެވެ. ސަހަރާގެ ތެރެއިން އުފުލޭންފެށި ހިރަފުހުގެ ވިލާތައްވަނީ ފަސްހާސް އަސްވާރުން އޭގެ ބަނޑުދަށުލައިފައެވެ. سعد بــن عبـدالمـنعــم ގެންދެވީ އެފުރިކާގެ ކުޅަދާނަފުޅު އަސްވާރާއެކު ދަތުރުކުރައްވަމުންނެވެ. ޤުދުރަތުން އޭނާއަށް ޢަމަލީ މަސައްކަތްޕުޅުގެ ދޮރު ހުޅުއްވައިދެއްވީ އޭނާ އުންމީދުކުރެއްވި ވަރަށްވުރެ މާއަވަހަށެވެ. أميـر يـوسف بـن تـاشـفـيـن ގެ އަންނަނިވި ބަސްފުޅު ދިޔައީ އޭނާގެ ކަންފަތްޕުޅުގައި ގުގުމަމުންނެވެ! "ޒުވާނާ! ކަލާ ތިޔަ ފައިންޕުޅު އެޅުއްވީ ވަރަށް ތަނަވަސް މައިދާނެއްގައި." سعد ގެންދެވީ ޒަމާނުގެ ފަރުދާ ހިއްލައިލައްވައިފައި މާޒީގެ ޙާދިޘާތައް ޚިޔާލުފުޅަށް ގެންނަވަމުންނެވެ. އޭނާގެ ޚިޔާލީ ލޯފުޅަށް ފެނިވަޑައިގަންނަވަނީ ޢަރަބިކަރައިގެ ހިލަވެލި ސަހަރާތަކުން ނުކުމެގެން ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިގެންދިޔަ ޤާފިލާތަކެވެ. އޭނާ ވަނީ އިސްލާމީ ދުނިޔެއިން އަނެއްކާވެސް خــالــد އަކު ނުވަތަ طــارق އަކު (رحـمـهم اللّـه) ފާޅުކުރެއްވުން އެދިވަޑައިގެން ތަކުރާރުކުރައްވައި ދުޢާކުރައްވައިފައެވެ. އޭނާ އެބޭކަލެއްގެ އަރިހަށް ވަޑައިގެން ވިދާޅުވުމަށްޓަކައެވެ. "އަޅުގަނޑަކީ ކަލޭގެފާނުގެ ލަޝްކަރުގެ ސިފައިންގެ މީހަކީމެވެ. އަޅުގަނޑު ސިފައިންގެ ހުރިހައި ފަންނުތަކެއް ދަސްކުރީ ކަލޭގެފާނާ ބައިވެރިވުމަށްޓަކައެވެ."
أميـر يـوسف بـن تـاشـفـيـن ގެންދެވީ އޭނާގެ އަސްމަތީގައި ލަޝްކަރުގެ ތެރޭގައި ބުރުޖައްސަވަމުންނެވެ. އޭނާ އެކިއެކި ގެމަތަކުގެ ކޮމާންޑަރުންނަށް އިރުޝާދު ދެއްވަމުން ގެންދެވުމުގެ ތެރޭގައި އޭނާ سعد ގެ އަރިހުންވެސް ބައެއްފަހަރު ވަޑައިގެންނެވިއެވެ. سعد ގެ ހިތްޕުޅަށް އެރިއެވެ. "މިއީ މިޒަމާނުގައި طــارق رحـمـه اللّـه ގެ ހަނދާން ދިރުއްވަވަން ޤުދުރަތުން އިންތިޚާބު ކުރައްވައިފައިވާ އަސްވާރު ބާވައެވެ؟ މިއީ ކޮންމެވެސް ދުވަހަކުން އަންދަލުސުގެ މުސްލިމުންގެ ސަލާމަތެއްކަމުގައި ހިމެނިވަޑައިގަންނަވާނެ މުޖާހިދު ބާވައެވެ؟— طــارق رحـمـه اللّـه ރޮޑްރިކާ ދެކޮޅަށް އުފުލައިލެއްވި ކަނޑިކޮޅު އަލްފާންސޫއާ ދެކޮޅަށް އުފުލައިލައްވާނެ ބަޠަލަކީ މިއީ ބާވައެވެ؟ "އެފުރިކާގައި މުރާބިޠީންގެ أميــر ގެ ކުރިފުޅުމަތީގައި އަދިވެސް ވަރަށްގިނަ މަސައްކަތްޕުޅުތަކެއް ފުނިޖެހިފައި އެބަހުރިކަން سعد އަށް އިޙުސާސުވެވަޑައިގަންނަވައެވެ. އެ މަސައްކަތްޕުޅުތަކުގެ ގިނަކަމާ އެއްވަރަށް އެމަސައްކަތްޕުޅުތައް މުހިންމުކަންވެސް އޭނާއަށް އެނގިވަޑައިގަންނަވައެވެ. އަންދަލުސުގެ މުސްލިމުންގެ ބުރިކަށި ޙިމާޔަތްކޮށްދެވޭނީ އެފުރިކާގައި ފިސާރި އާރާއި ބާރުހުރި އިސްލާމީ ރަސްކަމެއް އުފެދިގެންނެވެ. ހަމައެކަނި އަންދަލުސެއް ނޫނެވެ. އިސްލާމީ ދުނިޔޭގައި ވަރުގަދަ ތަފާލެއްޖަހާން ޞަލީބީ ދިދައިގެ ދަށަށް ޖަމާވަމުންދާ ޔޫރަޕުގެ ދަޢުވަތްތަކަށް އެކަށޭނަ ރައްދެއް ދެވޭނީވެސް އެފަދަ ދައުލަތަކަށެވެ.
* * * * * * * * * * *
މުރާބިޠީންގެ ކިއްލާއަށް ޙަމަލަދިން ދުޝްމިނުންވަނީ ކިއްލާ ހިފަން އެންމެފަހުގެ ޙަމަލަދޭން ފަށައިފައެވެ. ކިއްލާގެ މުޖާހިދުން ތިންފަހަރެއްގެ މަތީން ވަނީ ދުޝްމިނުން ކިއްލާއިން ބޭރަށް ނެރެފައެވެ. ދުޝްމިނުން ހަތަރުވަނަ ޙަމަލަދިނީ ރޭގަނޑުގެ ފަތިސްމެންދަމުގައެވެ. އެ ޙަމަލަ އިންތިހާޔަށް ވަރުގަދައެވެ. ދުޝްމިނުންގެ ބައެއް މީހުންވަނީ ކިއްލާގެ ބޭރުފާރުގައި ހަރުގަނޑުތައް ލައްކޮށްގެން ކިއްލާގެ ތެރެޔަށް ވަނުމުގައި ކާމިޔާބު ހޯދައިފައެވެ. އެކަމަކު އެބައިމީހުންނަކަށް އަދިއެއް ކިއްލާ ހިފުމުގައި ކާމިޔާބެއް ނުހޯދެއެވެ. ކިއްލާގެ ފާރަވެރީން އަނެއްކާވެސް އެބައިމީހުންގެ ފުރާނަތަކާ ކުޅެގެން ދުޝްމިނުން ކިއްލާއިން ބޭރުކުރާން ފަށައިފިއެވެ.
އެ ޙަމަލައިގައިވަނީ ކިއްލާގެ ފާރަވެރިކަމުގައިތިބި ސަތޭކަ މީހުންގެ ތެރެއިން ސާޅީސް މީހުން ޝަހީދުވެފައެވެ. ކިއްލާ ޙިޞާރުކުރި މީހުން އެންމެފަހު ޙަމަލަދިނުމުން ކިއްލާގެ ފާރަވެރީންގެ ތެރެއިން ބާކީތިބި މީހުންކުރެ އެކަކަށްވެސް އެދުވަހުގެ އިރުއޮއްސޭ މަންޒަރު ފެންނާނެކަމުގެ ޔަގީންކަމެއް ނެތެވެ. ކިއްލާގެ ފާރަވެރީންގެ ތުރުކަސްތައް ވަނީ ގާތްގަނޑަކަށް ހުސްވެފައެވެ. ދުޝްމިނުން ތިންފަރާތުން އެއްފަހަރާ ޙަމަލަދިނުމުން ކިއްލާގެ ފާރަވެރީން އެޙަމަލަ މަތަކުރާން މަސައްކަތް ކޮށްކޮށްތިބީ އިންތިހާދަރަޖައިގެ މާޔޫސްކަމާ އެކުގައެވެ. އެވަގުތު ދެކުނުފަރާތުން ހިރަފުހުގެ ވިލާތައް އުފުލޭން ފަށައިފިއެވެ. ކިއްލާގެ ކޮމާންޑަރު ހުންނެވީ ޒަޚަމުވެވަޑައިގެންފައެވެ. ނަމަވެސް އޭނާ ގެންދެވީ ކިއްލާގެ ދޮރޯށީގެ ބުރުޒުމަތީގައި ހުންނަވައި އޭނާގެ ސިފައިންނަށް އިރުޝާދު ދެއްވަމުންނެވެ. އޭނާ ބާރު އަޑުފުޅުން ގޮވައިލެއްވިއެވެ. "މުޖާހިދުންނޭ! ހިތްވަރު އެލުވައިނުލާ! ރަނގަޅަށް ސާބިތުވެލާ! ލަޝްކަރު އަތުވެއްޖެ! އަހަރެމެންގެ ލަޝްކަރު އަތުވެއްޖެ!"
ހަރުގަނޑުތަކުގެ ޒަރީޢާއިން ފާރުމަތީން އަރައިގެން ކިއްލާއަށް ވަންނަ މީހުން ލޮންސިއާއި ކަނޑިއާއި ތީރާއި ހިލައިގެ ޒަރީޢާއިން ހުއްޓުވަން ކިއްލާގެ ސިފައިން އައު ހިތްވަރަކާއެކު މަސައްކަތް ފަށައިފިއެވެ. މާގިނައިރެއްނުވެއެވެ. ހިރަފުސްގަނޑުގެ ތެރެއިން ލަޝްކަރެއް ފާޅުވެއްޖެއެވެ. އެ ލަޝްކަރުގެ ސަވާރުން ވަށްބުރެއްގެ ދެބައިކުޅައެއްބައި ފަދައިން އެތުރިގެން ކިއްލާގެ ތިންފަރާތަށް ފެތުރިގެންފިއެވެ. ކިއްލާއަށް ޙަމަލަދިން ދުޝްމިނުންގެ މުޢަސްކަރު ޙިމާޔަތްކުރަން ހަވާލުވެތިބި އަސްވާރުންނާއި ފައިމަތީ ހަނގުރާމަކުރާ މީހުން ބިރުން އައްސޭރީގެ އުސް ހިލަތަކާއި ފަރުބަދަތަކާ ދިމާޔަށް ދުވާންފަށައިފިއެވެ. މާގިނައިރެއް ނުވަނީސް މުރާބިޠީންގެ ލަޝްކަރުގެ ދެބައިކުޅައެއްބައި ސަވާރުން އަސްމަތީން ފައިބައި ކިއްލާގެ ވަށަވަށައިގެންހުރި ފަރުބަދަތަކާއި އުސް ހިލަފުނިފުނީގެ ނިވަލުގައި މަރުކަޒުތައް ހަދައިފިއެވެ. މުރާބިޠީންގެ ބައެއްގެ ގެމަތައް ތިބީ އެބައިމީހުންގެ އަސްތައް ބެލެހެއްޓުމުގެ މަސައްކަތުގައެވެ. ދެން ތިބި ސަވާރުންގެ މަސައްކަތަކަށްހެދީ ފިލައިގެންދާ ދުޝްމިނުން ފަހައިދިޔުމެވެ. ކިއްލާއަށް ޙަމަލަދިން ލަޝްކަރުގެ ސިފައިންގެ ގިނަމީހުން އިރުކޮޅެއްކުރީން ގެންދިޔައީ ކިއްލާއަށް ވަދެގަންނަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިހާރު އެބައިމީހުން ވިސްނަމުން ގެންދަނީ ފުރާނަ ސަލާމަތްކުރާނެ ގޮތަކާ ބެހޭގޮތުންނެވެ. އެމީހުން ފިލައިގެންދާން ކުރާ މަސައްކަތުގައި ބައެއްފަހަރު ވެވެނީ މުރާބިޠީންގެ ތީރުތަކުގެ އަމާޒުފަތްގަނޑުތަކަކަށެވެ. އަނެއްބައިފަހަރު ބޮނޑިވެވެނީ ކިއްލާގެ ފާރުދޮށަށެވެ.
މެންދުރުވީއިރު ދުޝްމިނުންގެ ލަޝްކަރުގެ ދޮޅުހާސްމީހުން ޤަތުލުކުރުމަށްފަހު މުރާބިޠީނުން ގެންދިޔައީ ދެންތިބި މީހުން ކަނޑާދިމާއަށް ފައްސަމުންނެވެ. ކަނޑިންމަތެރެއާއި ކަނޑިންމައިން ބޭރުގައި އެބައިމީހުންގެ ފަސް ނައު އޮތެވެ. ދުޝްމިނު ސިފައިންގެ ބައެއް މީހުން ކަނޑަށް ފުންމައިލައިގެން ފަތައިފައި ނަވަށްދާން މަސައްކަތް ކުރިއެވެ. އެކަމަކު އޭގެތެރެއިން ގިނަމީހުންވީ މުރާބިޠީންގެ ތީރުތަކުގެ އަމާޒަކަށެވެ. ކުއްލިޔަކަށް ކުރިމަތިވި ޙާލަތާ ގުޅިގެން ދުޝްމިނުންގެ ތިން ނައު އައްސޭރި ދޫކޮށްލައިފައި ބޭރުކަނޑަށް ނުކުމެއްޖެއެވެ. أميـر يـوسف ގެ އަތްޕުޅުދަށުގައި ހައްޔަރުވި ޤައިދީންގެ ކިބައިން މަޢުލޫމާތު ލިބުނުގޮތުގައި އޭގެތެރެއިން ދެ ނަވަކީ އިޓަލީގެ ކަނޑުފޭރޭ މީހުންގެ ދެ ނަވެވެ. އަނެއް ނަވަކީ ފަރަންސޭސި ކަނޑުފޭރޭ މީހުންގެ ނަވެކެވެ. ދުޝްމިނުންގެ ދެންއޮތް ދެ ނައު ކިއްލާޔާ ތަންކޮޅެއް ދުރުން ކަނޑިންމައިގެ ފުޅާ ދިމާޔަކަށްގޮސް މަޑުކޮށްގެން އޮތެވެ. އެ ދެ ނަވުގެ ފަޅުވެރީން ގެންދިޔައީ ދުޝްމިނުންގެ ތެރެއިން ކަނޑަށްފުމުނު ސިފައިން ބައްތެލިފަހަރުގައި ނަވަށް އުފުލަމުންނެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެއެވެ. މުރާބިޠީނުން ކަނޑިންމައިގެ ދެފައިކަށިވެސް ހިފައިފިއެވެ. ދުޝްމިނުންގެ ބާކީތިބި ހަތަރުހާހާ ކައިރިކުރާ އަދަދެއްގެ ސިފައިން ހަތިޔާރު ބަހައްޓައިފިއެވެ. ދުޝްމިނުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު ދެ ނައުވެސް އައްސޭރި ދޫކޮށްލައިފައި ބޭރުކަނޑަށް ނުކުމެއްޖެއެވެ.
أميـر يـوسف بـن تـاشـفـيـن ކިއްލާއަށް ވެދެވަޑައިގެންފިއެވެ. އޭނާ އެރޭގެ މަޣުރިބުނަމާދު ކުރެއްވީ ކިއްލާގައެވެ. މާގިނަ ސިފައިންނަށް ތިބެވޭވަރަކަށެއް ކިއްލާގައި ޖާގައެއް ނެތެވެ. އެހެންކަމުން أميـر يـوسف ކިއްލާގައި ފަސްސަތޭކަ ސިފައިން ބައިތިއްބަވައިފައި ދެންތިބި ސިފައިންނާއިގެން ވަޑައިގެން މަޑުކުރެއްވި ވާދީގެ ތެރޭގައި ކުރީން ދުޝްމިނުން ތިބީ މުޢަސްކަރުގައެވެ. މުރާބިޠީނުންނަށް ދުޝްމިނުންގެ އަތުން ވަނީ އެތައްސަތޭކަ އަސްތަކަކާއި ޖަމަލުތަކަކާއި ވަރަށްގިނަ އަދަދެއްގެ ފޯރުމާލު ލިބިފައެވެ. أميـر يـوسف ގެ އަމުރުފުޅަށް ޤައިދީން މުޢަސްކަރުގެ ކައިރިޔަށް ޖަމާކުރެވި އެމީހުން ބެލެހެއްޓުންވަނީ މުރާބިޠީންގެ ލަޝްކަރުގެ ގެމަތަކަކާ ހަވާލުކުރެވިފައެވެ.
أميـر يـوسف ރޭގަނޑުގެ ފަރީއްކޮޅުގެ ވަގުތުގައި سيـر بن أبى بـكـر އާ ސުވާލު ކުރެއްވިއެވެ. "ކޮއްކޮގެ އަންދަލުސީ ރަޙުމަތްތެރިޔާ ކޮބައިތޯ؟ މިއަދުގެ ހަނގުރާމައިގެ މައިދާނުގައި އަޅުގަނޑު އޭނާއާމެދު ޚާއްޞަ ގޮތެއްގައި ވިސްނިން. އަޅުގަނޑަށް ހީވާގޮތުގައި އޭނާގެ އެންމެ ދުންޏެއްވެސް ބޭކާރެއްނުވޭ. ކިއްލާއިން އެނބުރި އައިއިރު އޭނާ އަޅުގަނޑުމެންނާއެކު ހުންނެވި. މިހާރު ކޮބައިތޯ؟"
سيـر ޖަވާބު ދެއްވިއެވެ. "އަޅުގަނޑުމެންނަށް މިތަނަށް އާދެވުމާއެކު އޭނާ ބިންމަތީގައި އޮށޯވެވަޑައިގެން ވަރަށް ގަދަޔަށް އަވަހާރަފުޅުލައްޕަވައިފި. އޭނާ ހުންނެވީ ވަރަށް ވަރުބަލިފުޅުވެފައި. އެހެންވެ އަޅުގަނޑަށް އޭނާ ހޭލައްވަން ނުއުޅުނީ!"
"އޭނާ ޒަޚަމުވެވަޑައެއް ނުގަންނަވާތޯ؟"
"އަޅުގަނޑެއް ނުދެކެން. އޭނާ އަޅުގަނޑުގެ ގާތަކު ވިދާޅެއްވެސް ނުވޭ."
ކޮމާންޑަރުންގެ ތެރެއިން އެއްބޭފުޅަކު ވިދާޅުވިއެވެ. "އަޅުގަނޑު އޭނާގެ ގަމީސްކޮޅުގެ އަތުކުރީން ލޭގެ ލައްތަކެއް ދުށީން. އަޅުގަނޑު ސުވާލުކުރުމުން އޭނާ ހިނިފުޅުވަޑުވައިލައްވައިފައި ވިދާޅުވީ، އާދައިގެ ކޫރުމެއްކަމަށް."
أميـر يـوسف ވިދާޅުވިއެވެ. "سيـر! ކޮއްކޮ އޭނާޔަށް ރަނގަޅަށް އަޅުއްވައިލައްވާތި! އަޅުގަނޑުމެންނަށް އެކަހަލަ ޒުވާނުން ވަރަށް ބޭނުން!"
سيـر ފަރީއްކޮޅުން ނިމިވަޑައިގެން ފެންފޮދު ހިއްޕަވައިގެން ތެދުވެވަޑައިގެންފިއެވެ. އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު އެބައަންނަން އޭނާގެ ޚަބަރު ބަލައިފައި."
أميـر يـوسف ވިދާޅުވިއެވެ. "މަޑުކުރައްވާ! އަޅުގަނޑުވެސް ކޮއްކޮގެ އަރިހުގައި ދާނަން."
* * * * * * * * * * *
سعد ގަދައަވަހާރަފުޅަކުން ހޭފުޅުލައްވައިފިއެވެ. އޭނާ ދަންމަރުގެ އަލީގައި އޭނާގެ ވަށައިގެން ތިއްބެވި ބޭފުޅުންނާ ދިމާޔަށް ބައްލަވައިލެއްވިއެވެ. ކޮންމެވެސް މީހެއް ގުދުވެގެންއޮވެ އޭނާގެ ގަމީސްކޮޅުގެ އަތުކުރި އޮޅާން އުޅެއެވެ. އެއީ މުރާބިޠީންގެ أميـر އެވެ. سعد ތެދުވެވަޑައިގެން އިށީނދެވަޑައިގެންފިއެވެ.
يـوسف بـن تـاشـفـيـن ވިދާޅުވިއެވެ. "އޮހޯ! ކަލާ އޮށޯވެވަޑައިގެން އޮންނަވާ! އަޅުގަނޑު ކަލާގެ ޒަޚަމު ބަލައިލާން ބޭނުން."
سعد ލަދުފުޅުން އިންނަވައި ވިދާޅުވިއެވެ. "މިއީ ވަރަށް އާދައިގެ ކޫރުމެއް."
أميـر يـوسف، سعد ގެ ޒަޚަމު ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "އެކަމަކު ޒަޚަމެއް ހާމަޔަށް ބަހައްޓަވާކަށެއް ނުވާނެ. ދެއްވާ އަޅުގަނޑު ބެންޑޭޖު ކޮށްލަދޭނަން."
أميـر يـوسف، سعد ގެ މުލައްދަނޑިފުޅު ބެންޑޭޖުކޮށްދެއްވައިފައި ތެދުވެވަޑައިގެން ވިދާޅުވިއެވެ. "سيـر ކޮއްކޮގެ އަރިހުގައި މީނާ ގެންދަވާ! ފަރީއްކޮޅު އަރުއްވާ. އަޅުގަނޑު އަންނާނަން ދެންތިބި ޒަޚަމީންވެސް ދެކެލައިފައި."
ޖެހިގެންއައި ދުވަހުގެ ހަވީރު މަޣުރިބުގެ ކަނޑުގެ ސިފައިންގެ މަރުކަޒުތަކުން މުރާބިޠީންގެ ދިހަ ނައު އަތުވެއްޖެއެވެ. أميــرالبحـر ގެ ނާއިބު އުފާވެރިކަމުގެ ޚަބަރު ދެއްވިއެވެ. "އަޅުގަނޑުމެން ދެތިން މޭލެއްގެ ބޭރުން ދުޝްމިނުންގެ ތިން ނައު އަންދައިލައިފިން. އަޅުގަނޑުމެން ވަނީ އޭގެތެރެއިން އެއްނަވެއްގެ ގްރީކު ކެޕްޓަނުވެސް ދިރިހުއްޓައި ހައްޔަރުކޮށްފައި."
أميـر يـوسف ހަތަރުވަނަޔަށްވީ ދުވަހުގެ ފަތިސްނަމާދުން ނިމިވަޑައިގެން سعد بــن عبـدالمـنعــم އޭނާގެ ފޭލިގެކޮޅަށް ގެންދަވައިފިއެވެ. أميـر ވިދާޅުވިއެވެ. "ޒުވާނާ! ކަލާއާ ވާހަކަދައްކާނެ ވަގުތެއް އަޅުގަނޑަށް އަދި މިދަނީ ނުލިބި. ކަލާ ވަޑައިގެންނެވި ބޭނުންފުޅެއް އޮޅުންފިލުވުމަކީ އަޅުގަނޑުގެ ވާޖިބެއް. ކޮންމެވެސް ރޮނގަކުން ކަލާއަށް އެހީފުޅެއް ވެދެވިއްޖެނަމަ އެކަންވާނީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލަކަށް."
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު