ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ކުރިއަށް ގެންދާ ރަމަޒާން ބާޒާރު މިއަދު ފަށައިފި އެވެ.
މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 22 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ގްރޭންޑް ޕްރައިޒަސްގެ ގޮތުގައި މިފަހަރު ހުށަހަޅާފައިވަނީ އިނާމުތަކެއް ހިމެނޭ ޕެކޭޖުތަކެކެވެ.
އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް ދޭ ޕެކޭޖުގައި ހިމެނެނީ 55 އިންޗީގެ ފިލިޕްސް އެލްއީޑީ ޓީވީ އަކާއި ހިޓާޗީ ފުރިޖަކާއި ޓެކްނޯ ދޮންނަ މެޝިނަކާއި ފިލިޕްސް ސައުންޑު ބާ އަކާއި ސެންފޯޑު އަވަނެކެވެ.
ދެވަނަ އަށް ހޮވޭ ފަރާތަކަށް ދޭ ޕެކޭޖުގައި ހިމެނެނީ 55 އިންޗީގެ ފިލިޕްސް އެލްއީޑީ ޓީވީ އާއި ހިޓާޗީ ފުރިޖަކާއި ހިޓާޗީ ވެކިއުމް ކުލީނާގެ އިތުރުން ކުކަރެކެވެ. ތިން ވަނައަށް ހޮވޭ ފަރާތަކަށް ދޭ ޕެކޭޖުގައި ހިމެނެނީ 43 އިންޗީގެ އޭއޯސީ ސްމާޓު ޓީވީ އަކާއި ހިޓާޗީ ދޮންނަ މެޝިނެއްގެ އިތުރުން ހިޓާޗީ ވެކިއުމް ކުލީނާއެކެވެ.
މިއަހަރުގެ ބާޒާރުގައި ވެސް އެސްޓީއޯ އިން ވިއްކާ ޕްރޮޑަކްޓުތަކުން ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެ އެވެ. އެގޮތުން ހިޓާޗީގެ ޕްރޮޑަކްޓުތަކުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޭން ނިންމާފައިވާއިރު ނިޕޯން ކުލައިންނާއި ޓީވީތަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.
އެސްޓީއޯ އިން ބުނީ، މިފަހަރުގެ ބާޒާރު އެސްޓީއޯ ހޯމް އިމްރޫވްމަންޓުންނާއި ސުޕަމާޓުން ކުރިއަށް ގެންދާއިރު، ހޯމް އިމްރޫވްމަންޓުން 1000 ރުފިޔާއިން މަތީގެ ވިޔަފާރި ކުރުމުންނާއި އަދި ސުޕަމާޓުން 500 ރުފިޔާގެ ވިޔަފާރި ކުރުމުން ޕްރޮމޯޝަންގެ ލަކީޑްރޯގައި ބައިވެރިވެވޭނެ ކަމަށެވެ.
އޭގެ އިތުރުން މިއަދުން ފެށިގެން ހޯމް އިމްޕްރޫވްމެންޓުގެ އައިޓަމްތައް އީ-ސްޓޯރުން ގަތުމުން ޑެލިވަރީ ކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން ބުނީ، ރަމަޒާން ބާޒާރުގެ ނުވަތަ އެހެންވެސް ޕްރޮޕޯޝަނަކާ ގުޅިގެން ލިބޭ އިނާމެއް ދިނުމަށް އެ ކުންފުނީގެ ސްޓާފެއްގެ މޮބައިލް ނަމްބަރުން ނުގުޅާނެ ކަމަށާއި ނަސީބުވެރިންނަށް ގުޅާނީ އެސްޓީއޯގެ ރަސްމީ ނަމްބަރުތަކުން ކަމަށެވެ. އަދި ގުޅާފައި އެކައުންޓް ނަމްބަރު ނޫނީ ކޭޝްކާޑު ނަމްބަރު ހޯދަން ނާހާނެ ކަމަށް ވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު