ކުޅިވަރު

ދިވެހި ރާއްޖެއިން އެމިރޭޓްސް ދަނޑަށް: އާސެނަލްގެ އެއްވެސް މެޗެއް ވައްޓައި ނުލައި ބަލާތާ 10 އަހަރު!

ރިސޯޓް ދާއިރާގައި މަސައްކަތް ކުރާ މުހައްމަދު ސޮލާހްގެ ނަން މިއަދު ދުނިޔޭގެ އެތައް ބަޔަކަށް އެނގިގެން ހިނގައްޖެއެވެ. މުޅި ދުނިޔޭގެ އެންމެ ޝަރަފުވެރި، އަދި އެންމެ ބޮޑު އެއް ކްލަބު، އާސެނަލްގެ ރަސްމީ ޕޭޖުން ސޮލާހް، އާސެނަލްއަށް ބަހައްޓާ ލޯބީގެ ވާހަކަ ކިޔައިދިނުމާއެކު އެންމެންނަށްވެސް ކުރެވުނީ ތަފާތު އިހުސާސެކެވެ. ދިވެއްސެއްގެ އެފަދަ ކޮންމެ ވާހަކައަކީވެސް، ދިވެހީން ފަހުރުވެރިކަމާއެކު ބަލައިގަންނާނެ ވާހަކަތަކެއްކަން ޔަގީނެވެ.

"އަހަރެން އުޅެ ބޮޑުވީ ދިވެހި ރާއްޖޭގައި. މާލޭގައި އަހަރެން ދިރިއުޅުނީ. އަހަރެން ފުރަތަމަ ފުޓުބޯޅަ ބަލަން ފެށިއިރު، ރާއްޖެއިން ބޭރުގެ ފުޓުބޯޅައިގެ ކަންކަން ބެލޭނީ ވަރަށް މަދުން. އަހަރެން މެޗުތައް ބަލަން ފެށީ 1995-96 އިން ފެށިގެން. ދެން 1997 ހިސާބު މެޗުތަކުގެ އުސްއަލިތައް ފެންނަން ފަށައިފި،" ސޮލާހް އާސެނަލްގެ އެމިރޭޓްސް ދަނޑުގައި ހުރެ ކިޔައިދީފައިވެއެވެ.

ޕެންޑަމިކްގެ ކުރިން އާސެނަލްއިން ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗު ބެލުމަށް ގޮސް، ސޮލާހް އާސެނަލްގެ ސްޓޭޑިއަމްގައި ނެގި ޓުއާ ކްލަބުން ވަނީ ރެކޯޑުކޮށް، ކުޑަކުޑަ ވީޑިއޯ ކްލިޕެއް ހަދާފައެވެ. އާސެނަލްއަށް ސޮލާ ހާއްސަވީ، އިނގިރޭސިވިލާތާ މާ ދުރުގައި އޮތް ކުޑަކުޑަ ގައުމަކުން އާސެނަލްގެ ދަނޑަށް ދިޔަ "ސުޕަ ފޭން" އެއްގެ ގޮތުގައެވެ. އެމިރޭޓްސްއަކީ ސޮލާހް އާސެނަލްއަށް ލޯބި ޖެހުނު ސްޓޭޑިއަމް ނޫން ނަމަވެސް، އެ ޝަރަފުވެރި ދަނޑުން އޭނާއަށް ކުރެވޭ އިހުސާސް މޫނުމަތިން ފެންނަ ހިނިތުންވުމުން ސާފުވެއެވެ.

"އަހަންނަކަށް ނޭނގެ (ލޯބި ޖެހުނު) ހިސާބެއް. ހައިބެރީ ސްޓޭޑިއަމްގައި އާސެނަލް ކުޅޭ ކުޅުން ބަލަން އަހަންނަށް ވަރަށް ކަމުދިޔަ. އޭރު އަދި ތައްޓެއްވެސް ނުލިބޭ އާސެނަލްއަށް. އެހިސާބުން އާސެނަލްގެ ސަޕޯޓަރެއްގެ ގޮތުގައި މިހުންނަނީ. އެއީ ހަޔާތުގައި ނިންމުނު އެންމެ ރަނގަޅު ނިންމުން،" ސޮލާހް ބުނެފައިވެއެވެ.

ކޮންމެ ހަފްތާއަކު، ކޮންމެ ދުވަހަކު އަހަރެންގެ ދިރިއުޅުމާ އާސެނަލް ވަނީ ގުޅިލާމެހިފައި
ސޮލާހް

ސޮލާހަށް އެންމެ ފުރަތަމަވެސް ކަމުދިޔަ ކުޅުންތެރިޔަކީ ފްރެޑީ ލިޔުންބާގެވެ. ލިޔުންބުގެ އިސްތަށިގަނޑުގެ ސަޓައިލުން ފެށިގެން ކުޅުމަކީވެސް ސޮލާހް އާސެނަލްއަށް ދިން ލޯބި އިތުރުވި ކަމެކެވެ.

"ލިޔުންބާގު އަހަންނަށް ވަރަށް ކަމުދިޔަ. އޭނާގެ ހެޔާސްޓައިލައި ހަލުވި ހުނަރުވެރި ކުޅުން. ވަރަށް އަވަސް ކުޅުމެއް އަރިމަތިން ކުޅޭ ހުނަރުވެރި ކުޅުންތެރިއެއް އޭނާއަކީ. އޭގެފަހުން ދެން އައިސް ތިއެރީ އޮންރީ އާއި ބާކޭމްޕް ކަހަލަ ކުޅުންތެރިންނާއެކު އާސެނަލް ކުޅުނުއިރު އެއީ ބަލައި ފޫހިނުވާނެ އިރެއް،" ސޮލާހް ފާހަގަކޮށްފައިވެއެވެ.

ސޮލާހްގެ ދިރިއުޅުން ހުންނަ ގޮތުން މެޗުތައް ބަލާ ގޮތްތައް ކިޔައިދެމުން އެންމެ ފާހަގަކޮށްލެވޭ ވާހަކައަށް ބުނެފައި ވަނީ ވޭތުވެދިޔަ 10 އަހަރު، އާސެނަލް ކުޅުނު އެއްވެސް މެޗެއް ވައްޓާނުލައި ބެލި ކަމަށް އޭނާ ބުނި ވާހަކައެވެ. އެއީ ކްލަބަށް އޮތް ލޯތްބެވެ. މެންދަމެއް، ހަވީރެއް ބެލުމެއް ނެތި، އާސެނަލް ކުޅޭނަމަ ސޮލާހަށް އެ މެޗު ނުބަލައެއް ނުހުރެވެއެވެ. އާސެނަލްގެ ޓީމަށްވެސް އެކަން ހާއްސަކަން، ވީޑިއޯގެ ކެޕްޝަނުން އެނގެއެވެ. ކެޕްޝަން ހާއްސަކޮށްފައި ވަނީ މެންދަމު ދޭއް، ތިނެއް ޖަހާއިރު މެޗުތައް ބެލުމަށް ސޮލާހް ހޭލާކަމަށް ބުނެފައިވާ ބުނުމަށެވެ.

"އާސެނަލް ފޭން ކްލަބެއް ރާއްޖޭގައިވެސް އޮންނާނެ. މެޗުތައް ބަލަނީ އާންމުކޮށް އެޕާޓްމަންޓްގައި އެކުވެރިންނާއެކު. ބައެއް ފަހަރު މެންދަމު ދޭއް، ތިނެއް ޖަހާއިރު ހޭލައިގެން މެޗުތައް ބަލަން. 10 ވަރަކަށް އަހަރުވީ އާސެނަލް މެޗެއް ވައްޓާނުލައި ބަލާތާ. އަހަރެން މަސައްކަތް ކުރަނީ ރިސޯޓެއްގައި. އެންމެ ބޮޑު މާކެޓަކީ އިނގިރޭސި ފަތުރުވެރިން. އެހެން ކްލަބުތަކުގެ މީހުންނާވެސް އެކު މެޗުތައް ބަލަން. އެއީ ވަރަށް ތަފާތު އިހުސާސެއް. ސޯޓް ކޮޅެއްގައި ހުސްފައިގައި ހުރެގެން އާންމުކޮށް މެޗުތައް ބަލަނީ،" ސޮލާހް ބުނެފައިވެއެވެ.

ސޮލާހް އެމިރޭޓްސްއަށް ދިޔައީ ނޯވޭގެ ހާއްސަ ސަޕޯޓަރެއް ކަމަށްވާ ނައީމްގެ އުފަން ދުވަހުގެ ހާއްސަ ހަދިޔާއެއްގެ ގޮތުންނެވެ. ނާއިމްއަކީވެސް އާސެނަލްއަށް އިންތިހާއަށް ލޯބިކުރާ، އާސެނަލްގެ ތާރީހުވެސް އޮޅުމެއް ނެތި އެނގޭ "ސުޕަ ފޭން" އެކެވެ.