ޚަބަރު

އާޒިމް މަލީހަށް: އަދިވެސް ތިޔަ އުޅުއްވަނީ އޮޅުވާލަން، އެއްވެސް މީހަކު ގާނޫނަށްވުރެ މަތީގައި ހުރެގެން ނުވާނެ!

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އުޅުއްވަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށް ވިދާޅުވެ، އޭނާއަށް އެމްޑީޕީގެ ފަރާތުން އެޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ރައްދު ދެއްވައިފި އެވެ.

މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުން ސައިންސް އެންޑް ޓެކްނޮލިޖީ މިނިސްޓްރީން ކުރި ބައެއް މަސައްކަތްތައް ދައްކުވައިދޭ ޑޮކިއުމެންޓެއްގެ ފޮޓޯއަކާއެކު ކުރެއްވި ޓުވީޓެއްގައި މިނިސްޓަރު މަލީހު ވިދާޅުވީ، އަސާސެއް ނެތް ކަމެއްގައި އަދަބު ދޭން އުޅުމަކީ ދުސްތޫރާ ހިލާފު ކަމެއް ކަމަށެވެ. އަދި މަގާމުގެ މަސްއޫލިއްތުގެ ދަށުން ކުރަން ޖެހޭ އެއްވެސް ކަމެއް ނުކޮށް ނޯންނާނެ ކަމަށް ވިދާޅުވެ، މަލީހު ވަނީ ގާނޫނަށްވުރެ މަތީގައި މިގައުމުގައި ބަޔަކު އުޅެނީތޯ ސުވާލު އުފައްދަވައިފަ އެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، ރާއްޖޭގައި އިންޓަނެޓުގެ އަގު ހެޔޮ ނުވާ މައްސަލަ އާއި ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ނުހެދުމުގެ މައްސަލައިގައި އޭނާ މަގާމުން ވަކިކުރަން އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމުމުންނެވެ.

ނަމަވެސް މަލީހު ހިއްސާ ކުރެއްވި ފޮޓޯގައި ނުވަ ގަވާއިދެއް އެކުލަވާލައި، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެޓާނީ ޖެނެރަލް އޮފީހުގެ ލަފަޔަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.

މަލީހުގެ އެ ޓުވީޓަށް ރައްދު ދެއްވައި އާޒިމް ވިދާޅުވީ، އެކަމުގައި ވެސް މަލީހު ހައްދަވަމުން ގެންދަވަނީ ދޮގު ކަމަށާއި ރައްޔިތުންނަށް އޮޅުވާލައްވަމުން ގެންދަވާ ކަމަށެވެ.

"ގަވާއިދު ހަދާ އޭޖީއަށް ފޮނުވާފަ ވަނީ މަނިކުފާނުގެ ނޯ ކޮންފިޑެންސް މައްސަލަ އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުން ނެގި ފަހުން. އެއްވެސް މީހަކު ގާނޫނަށްވުރެ މަތީގައި ހުރެގެން ނުވާނެ،" އާޒިމް ވިދާޅުވި އެވެ.