އިނގިރޭސި އެފްއޭ ކަޕްގައި ރޭ މެންޗެސްޓާ ސިޓީން ސްވަންސީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު، ޖެހިޖެހިގެން ހޯދި 15 މޮޅާއެކު އެޓީމުން އިނގިރޭސި ފުޓުބޯޅައިގެން ތާރީހީ ރެކޯޑެއް މުގުރާލައިފިއެވެ.
ރޭ ސްވަންސީ އަތުން 3-1ގެ ނަތީޖާއަކުން ސިޓީ މޮޅުވެފައި ވަނީ ސްވަންސީ ދަނޑުގައި ކުޅެގެންނެވެ. މޮޅާއެކު ސިޓީން އެފްއޭ ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައިވާއިރު، ސިޓީގެ ގޯލްތައް ޖަހައިދިނީ ކައިލް ވޯކާގެ އިތުރުން ރަހީމް ސްޓާލިންނާއި ގެބްރިއަލް ޖީސަސްއެވެ. ސްވަންސީން މެޗުގައި ޖެހި ހަމައެކަނި ގޯލް ޖަހައިދިނީ މޯގަން ވިޓްޓޭކާއެވެ.
ސިޓީން ޖެހިޖެހިގެން 15 މެޗުން މޮޅުވެފައިވާއިރު، މީގެ ކުރިން އިނގިރޭސި ފުރަތަމަ ޑިވިޝަންގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވެފައި ވަނީ 14 މެޗުންނެވެ. އެއީ 1987-88 ވަނަ އަހަރުގެ ސީޒަންގައި އާސެނަލްގެ އިތުރުން 1891-92 ވަނަ އަހަރުގެ ސީޒަންގައި ޕްރެސްޓޮން ސިޓީ ހަދާފައިވާ ރެކޯޑެކެވެ. އެ ދެ ކްލަބަކީވެސް ބަލިނުވެ ލީގު ނަގާފައިވާ ހަމައެކަނި ދެ ކްލަބުވެސް މެއެވެ. އާސެނަލްއިން ޕްރިމިއާ ލީގު އެރާގައިވެސް ބަލިނުވެ ލީގު ނަގާފައިވާއިރު، ޕްރެސްޓޮންއިން ބަލިނުވެ ލީގު ނެގީ ޕްރިމިއާ ލީގު އެރާގެ ކުރިންނެވެ.
ރެކޯޑަށްފަހު ގާޑިއޯލާ ބުނެފައި ވަނީ މޮޅަކަށްފަހު މޮޅެއް ލިބުމުގެ އަސްލަކީ ކުޅުންތެރިންގެ ހާއްސަކަން ކަމަށެވެ.
"ކުޅުންތެރިންގެ ހާއްސަކަން މި ފެންނަނީ. އަހަރެންގެ ވިސްނުން ދެން ހުރީ އަނެއް މެޗަށް. އަހަންނަށް އެނގޭ ތާރީހީ ރެކޯޑެއް މުގުރާލެވިއްޖެކަން. މިހިސާބަށް ދެވުމަކީ ވަރަށް އުނދަގުލުން ވާނެ ކަމެއް. މިއީ ވަރަށް އުނދަގޫ އަދި ބުރަ މަސައްކަތެއް. މި ރެކޯޑުވެސް އަދިވެސް މުގުރާލެވިދާނެ. އެއީ ކުޅިވަރަކީ މިކަހަލަ ކަމެއް. އެހެންނަމަވެސް ވިންޓާގެ އުނދަގޫ މެޗުތަކުގެ ތެރެއިން މި ރެކޯޑުތައް ހާސިލްކުރުމަކީ ވަރަށް އުނދަގޫ ކަމެއް." ގާޑިއޯލާ ބުނެފައިވެއެވެ.
ގާޑިއޯލާގެ ސިޓީން މި ސީޒަންގެ ހަތަރު ތައްޓަށް އަދިވެސް ވާދަކުރަމުން އަންނައިރު، އެޓީމުން އޮތީ ޕްރިމިއާ ލީގުވެސް އެއްވަނައިގައެވެ. ގާޑިއޯލާ މިދިޔަ ހަފްތާއަށްފަހު ބުނެފައި ވަނީ ސިޓީއަކީ މިހާރުވެސް ލީގު ޗެމްޕިއަނުން ކަމަށާއި، މިސީޒަނަކީ ސިޓީއަށް ކާމިޔާބު ސީޒަނަކަށް ހެދުމަށް މުޅި ސްކޮޑު ތައްޔާރު ކަމަށެވެ.
ސިޓީއާއެކު ގާޑިއޯލާ ޕްރިމިއާ ލީގުގެ އިތުރުން އެފްއޭ ކަޕާއި ލީގު ކަޕްވެސް ކާމިޔާބު ކޮށްފައިވާއިރު، އޭނާއަށް އެންމެ ބޮޑަށް ސިޓީން ޑިމާންޑް ކުރަމުންދަނީ ޔޫރަޕްގެ ޗެމްޕިއަންކަން ހޯދުމަށެވެ. ބޮޑެތި ހަރަދުތަކާއެކު ސިޓީގެ ވެރިން ގާޑިއޯލާއާ ހަވާލުކޮށްފައިވާ އެންމެ ބޮޑު ޓާސްކަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު