އުތުރު އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ އެރިޓްރެއާ އާއެކު ރާއްޖެއިން ހާރިޖީ ގުޅުން ގާއިމުކޮށްފިއެވެ.

އެރިޓްރެއާއެކު ހާރިޖީ ގުޅުން ގާއިމުކުރުމާ ގުޅޭ ޖޮއިންޓް ކޮމިއުނިކޭގައި ސޮއިކުރުން އޮތީ އިއްޔެ، ނިއުޔޯކްގައި ހުންނަ ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެންއެވެ. އެރިޓްރެއާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ފަރާތުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ސޯފިއާ ޓެސްފަމަރިއަމް ޔޮހާނޭސް އެވެ.

ފޮރިން މިނިސްޓްރީން ބުނީ، ރާއްޖެއާއެކު އޮންނަ ގުޅުމަށް އިހްތިރާމު ކުރާ، އަދި އެގުޅުމުގެ އަގު ވަޒަންކުރާ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގައި އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.

ރަތްކަނޑުގެ އައްސޭރީގައި އޮންނަ އެރިޓްރެއާ އަކީ އާބާދީގައި ގާތްގަނޑަކަށް 3.2 މިލިއަން މީހުން ހިމެނޭ އަދި އިތިއޯޕިއާ، ސޫދާން، އަދި ޖިބޫތީ އާއެކު ސަރަހައްދީ އިން ހިއްސާކުރާ ގައުމެކެވެ.

އެރިޓްރެއާއެކު ސިޔާސީ ގުޅުން ގާއިމުކުރުމާއެކު ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކުގެ އަދަދަކީ 176 އެވެ.