ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާއާ ބައްދަލު ކުރައްވައިފިއެވެ.
ޝެއިހް ހަސީނާއާ މިނިސްޓަރު ބައްދަލު ކުރެއްވީ، ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. އޭ.ކޭ. އަބްދުލް މޮމެންގެ ދައުވަތަކަށް އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.
މިއަދު ބޭއްވި އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ބަންގްލަދޭޝް މިނިވަންވިތާ 50 އަހަރު ފުރޭ އަހަރާއި ޝެއިހް ހަސީނާގެ ބައްޕާފުޅު ޝެއިހް މުޖިބުއްރަހުމާންގެ 100 ވަނަ އުފަން ދުވަހާ ދިމާވާތީ މަރުހަބާ ވިދާޅުވެފައެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ، ރާއްޖެއާއި ބަންގްލަދޭޝްއާ އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
ދަތުރަށް ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރު ޝާހިދު ވިދާޅުވި ގޮތުގައި ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝް ރައްޔިތުންގެ މައްސަލައަށް ހައްލު ހޯދުމަށް އެ ދަތުރުގައި މަޝްވަރާކުރައްވާނެ ކަމަށެވެ.
މިނިސްޓަރު ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި، މި ދަތުރުގައި ދެ އެއްބަސްވުމެއްގައި ސޮއިކުރައްވާނެއެވެ. އެއް އެއްބަސްވުމަކީ ބަންގްލަދޭޝްގެ މަސައްކަތްތެރިންނާ ގުޅޭ އެއްބަސްވުމެއް ކަމަށާއި އަނެއް އެއްބަސްވުމަކީ ދެގައުމުގެ ފޮރިން ސާވިސް އެކެޑެމީގެ ދެމެދުގައި ސޮއިކުރާ އެއްބަސްވުމެއް ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއްބަސްވުންތަކުގެ ތަފުސީލެއް ނުދެއްވައެވެ.
މިނިސްޓަރު ޝާހިދުގެ އަރިހުގައި މި ދަތުރުގައި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދާއި ޖޮއިންޓް ސެކްރެޓަރީ ފާތިމަތު ގިނާ ބައިވެރިވެވަޑައިގަންނަވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު