ލިވަޕޫލް ކޯޗު ޔާގަން ކްލޮޕްގެ މަންމަ، އިލިސަބެތު ކްލޮޕް އުމުރުން 81 އަހަރުގައި މަރުވެއްޖެއެވެ.

މަންމަގެ މަރާއެކު މަންމަގެ ހަނދާންތައް ކްލޮޕް އާކޮށްފައިވާ އިރު، އޭނާ އެންމެ ހިތްދަތިވެފައި ވަނީ ޖަނާޒާގެ ކަންކަމުގައި ބައިވެރިނުވެވޭތީއެވެ. ޖަރުމަނުގެ ކޮވިޑް އުސޫލުތައް ބުނެފައިވާ ގޮތުން އިނގިރޭސިވިލާތުން އެއްވެސް މީހަކަށް މިވަގުތު ޖަރުމަނަށް އެތެރެ ނުވެވޭނެއެވެ. އެހެންކަމުން މިވަގުތު އިނގިރޭސިވިލާތުގެ ލިވަޕޫލްގައި ހުރި ކްލޮޕަށް އޭނާގެ މަންމަގެ ޖަނާޒާއަށް ދެވޭނެ ގޮތެއް ނެތެވެ.

ޖަރުމަނުގެ ނޫހެއް ކަމަށްވާ ޝްވަޒްވައެލްޑާއަށް ދިން އިންޓަވިއުއެއްގައި ކްލޮޕް ބުނީ މަންމައަކީ އޭނާގެ ހުރިހާ އެއްޗެއް ކަމަށާއި، މަންމައަކީ އަބަދުވެސް މަންމައެއްގެ ފުރިހަމަ ލޯބި އޭނާއަށް ދިން މީހެއް ކަމަށެވެ. ކްލޮޕް ބުނެފައި ވަނީ ޖަރުމަނަށް އެނބުރި ދެވޭނެ ދުވަހަކުން މަންމަގެ ހަނދާނުގައި ހާއްސަ އިވެންޓެއް ބާއްވާނެ ކަމަށެވެ.

ކްލޮޕަކީ މަންމަގެ އެންމެ ހަގު ދަރިއެވެ. ކްލޮޕްގެ މަންމަ އެލިސަބެތާއި ބައްޕަ ނޯމަންއަށް ދެން ލިބިފައި ވަނީ އަންހެން ދެކުދިންނެވެ. ކްލޮޕްގެ ބައްޕަ އުމުރުން 66 އަހަރުގައި މަރުވެފައިވަނީ 2000 ވަނަ އަހަރުއެވެ.

ލިވަޕޫލާއެކު ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައިވާ ކްލޮޕް ކުރިން ބުނެފައިވަނީ ބައްޕައަކީ ކޯޗަކަށްވާ އިރު، ކެރިއަރުގައި މުހިއްމު ކާމިޔާބީތަކެއް ދެކެން ބައްޕަ ނެތުމަކީ ލިބުނު ވަރަށް ބޮޑު މާޔޫސްކަމެއް ކަމަށެވެ.

ކްލޮޕަށް ހިތްވަރު ދިނުމުގެ ގޮތުން ލިވަޕޫލްގެ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކްލޮޕް ހުރީ އެކަނި ނޫން ކަމަށެވެ. "ޔޫވިލް ނެވާ ވޯކް އެލޯން" އާއެކު ލިވަޕޫލުން ވަނީ ކްލޮޕާއެކު ތިބިކަން ދައްކާލަ ދީފައެވެ.