ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އާ އުސޫލުތަކުގެ ސަބަބުން ރާއްޖޭގެ ފުޓުބޯޅަ ހުއްޓިފައި އޮތުމުން، އެ ނިންމުންމާ މެދު އަލުން ވިސްނާ ލީގުގެ ކުޅުން ފެށޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް އަލީ އަޝްފާގު (ދަގަނޑޭ) އިލްތިމާސްކޮށްފިއެވެ.
ލީގު މެދުކެނޑިފައި އޮތުމާއެކު ކުޅުންތެރިންނާއި ކްލަބުތަކަށް ދިމާވާ ދަތިތަކާ މެދު ކަންބޮޑުވުން ފާޅުކުރުމަށް ރާއްޖެ ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ދަގަނޑޭގެ އިތުރުން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅޭ ހުރިހާ ކްލަބުތަކެއްގެ ސީނިއާ ކުޅުންތެރިންނާއެކު މިއަދު ވަނީ ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އިއްޔެ ކްލަބުތަކުގެ މެނޭޖުމަންޓުންނާއި ހުރިހާ ކްލަބުތަކުގެ ކޯޗުންވެސް ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ލީގު މެދުކަނޑާލުމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކުގެ ވާހަކަ ހިއްސާ ކޮށްފައިވާ އިރު، މިއަދުގެ ޕްރެސްގައި ފެނިގެން ދިޔައީ ރާއްޖޭގެ އެންމެ ސީނިއާ ކުޅުންތެރިންނެވެ.
"ކޮވިޑް-19އާ ދެކޮޅަށް ސިއްހީ ދާއިރާގެ މީހުން އެ ކުރާ މަސައްކަތަށް ވެސް ޝުކުރު އަދާކުރަން. އަޅުގަނޑު އެދެނީ ލީގާއި ޕްރެކްޓިސް ހުއްޓާލާފައި މިހެން އޮތުމުން މި ލިބޭ ގެއްލުންތައް ކުޑަކުރެވޭތޯ މަސައްކަތްކުރުން. އަދި ވީ އެންމެ އަވަހަކަށް ރަސްމީ އިދާރާތަކުން ވިސްނައި މިކަމަށް ހައްލެއް ހޯދައިދިނުމަށް. އުއްމީދަކީ ވީ އެންމެ އަވަަހަށް ޕްރެކްޓިސްތަކާއި ފުޓްބޯޅައިގެ ކަންކަން ފެށޭގޮތް ވުން،" ކްލަބު ވެލެންސިއާގެ ކެޕްޓަން ދަގަނޑޭ ބުންޏެވެ.
އޭގެ އިތުރުން ދަގަނޑޭ ވަނީ ފުޓްބޯޅައިގެ ހައްގުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ކުރައްވާ މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.
ހުރިހާ ކްލަބެއްގެ ކުޅުންތެރިންގެ މިއަދުގެ ޕްރެސްގައި އެދިފައިވަނީ އެޗްޕީއޭގެ އުސޫލު އަލުން އެކުލަވާލައިގެން ނަމަވެސް ލީގާއި ކްލަބުތަކުގެ ތަމްރީނުތައް އަލުން ފެށޭނެ ގޮތެއް ހޯދައިދިނުމަށެވެ. ނުކުޅެ ހޭދަވާ ކޮންމެ ދުވަހަކާއެކު، މާލީ ގޮތުންނާއި މެޗު ފިޓްނަސްއަށް ބޮޑެތި އަސަރުތަކެއް ކުރާ ކަމަށް ބުނެ ކުޅުންތެރިން ކަންބޮޑުވުން ފާޅުކުރިއެވެ. ކުރިއަށް ވޯލްޑް ކަޕް ކޮލިފައިނާއި އޭއެފްސީ ކަޕްގެ މެޗުތަކެއް ހުރި އިރު، ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިން މަސައްކަތް ހުއްޓާލައިގެން ތިބެން ޖެހުމުން އޭގެ ގެއްލުން ރާއްޖޭގެ ކުޅިވަރަށް ކުރާނެ ކަމަށް ކުޅުންތެރިން ބުނެފައިވެއެވެ.
ރާއްޖެއިން ކޮވިޑް 19ގެ އާ ވޭރިއަންޓެއް ފެނި، ކޮވިޑުގެ ތިންވަނަ ރާޅެއް އައުމާއެކު މާލެ ސަރަހައްދުގެ ހުރިހާ ކުޅިވަރު މުބާރާތްތައް ހުއްޓާލަން އެޗްޕީއޭ އިން ވަނީ އަންގައިފައެވެ. އެ އެންގުމާއެކު ރާއްޖޭގެ ފުޓުބޯޅަވެސް އަނެއްކާ ހުއްޓުމަކަށް އައެވެ. ދިވެހި ޕްރިމިއާ ލީގު އެކަންޏެއް ނޫނެވެ. ތިންވަނަ އަދި ދެވަނަ ޑިވިޝަންވެސް މުއްދަތެއް ނެތް ގޮތަށް ފަސްވެގެން ގޮސްފައިވާ އިރު، އެ ނިންމުމާއެކު ހުރިހާ ކްލަބަކުވެސް ވަނީ ބޮޑެތި ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.
އިއްޔެ ބޭއްވި ޕްރެސްގައި ކްލަބުތަކުން ބުނެފައިވަނީ ފުޓުބޯޅައަކީ އެތައް ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ ކަމަށެވެ. އެޗްޕީއޭގެ ގައިޑްލައިނަށް ކްލަބުތަކުން ފުރިހަމައަށް އަމަލުކުރަމުން ދަނިކޮށް، ކުއްލިއަކަށް ލީގު ހުއްޓާލުމުން ކްލަބުތައް ބަނގުރޫޓްވުމާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށްވެސް ކްލަބުތަކުގެ މެނޭޖުމަންޓުން ބުނެފައިވެއެވެ. ވެކްސިން ޖަހައިގެން ނަމަވެސް ލީގުގެ ކުޅުން އަލުން ފެށުމަށް މަގުފަހިކޮށްދިނުމަށް ކްލަބުތަކުން ސަރުކާރާއި އެޗްޕީއޭގައި އެދިފައިވާ އިރު، މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ކްލަބުތަކާއެކު ހުރިކަން ހާމަކޮށްފައެވެ.
އަލީ އަޝްފާގު
އަލީ އަޝްފާގު