ރާއްޖެއަށް ވަންނަ ޑޮލަރުގެ ތެރެއިން ގައުމުގެ އެތެރޭގައި ދައުރުވަނީ އެންމެ 20 ވަރަކަށް ޕަސެންޓް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ޑޮލަރުގެ ކަޅު ބާޒާރު އުފެދުމަކީ ޒަމާންވީ މައްސަލައެއް ކަަމަށާއި އެ މައްސަލައަށް އެއްވެސް ސަރުކާރަކަށް ހައްލެއް ހޯދައިދެވިފައި ނުވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ، ދުނިޔެއަށް އަންނަ ކޮންމެ އިގްތިސޯދީ ލޮޅުމަކާއެކު ޑޮލަރުގެ އަގު ރާއްޖޭގައި އުފުލިގެންދާކަމަށެވެ. ޑޮލަރުގެ ކަޅު ބާޒާރެއް ރާއްޖޭގައި އުފެދިފައި ވަނީ ރާއްޖެއަށް ޑޮލަރު ވަންނަ މިންވަރު މަދުވެގެން ނޫން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
"ރާއްޖެއަށް ޑޮލަރު ވަންނަ މިންވަރު މަދުވެގެންނެއް ނޫން މި މައްސަލަ މި ދިމާވަނީ. އެހެންނަމަވެސް ރާއްޖެއަށް ވަންނަ ޑޮލަރު ރާއްޖޭގެ އެކްސްޗޭންޖް މާކެޓްގެ ތެރޭގައި ދައުރުވާ މިންވަރު ވަރަށްވެސް ކުޑަ. އަންދާޒާއަކީ ގާތްގަނޑަކަށް 20 ޕަސެންޓް ވަރު މާކެޓްގެ ތެރޭގައި ސާކިއުލޭޓް ވަނީ." މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ޑޮލަރުގެ މައްސަލައަށް ހައްލެއް ގެނައުމަށް އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި އެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު މާރުކުރުމަށް ކަނޑައަޅާފައިވާ އަގަކީ 15.42ރ އެވެ. ނަމަވެސް ކޮވިޑާއި އެކު ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި ޑޮލަރުގެ އަގު 18ރ އާއި 20ރ އަށް ވަނީ އުފުލިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު