ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭގޮތުން އޭރުގެ ފިނޭންސް މިނިސްޓަރު އަދި ފަހުން ނައިބު ރައީސަކަށް ހުންނެވި އަބްދުﷲ ޖިހާދުގެ މައްޗަށް ކުރި ކޮރަޕްޝަންގެ ދައުވާ އެމަނިކުފާނު މިއަދު އިންކާރު ކުރައްވައިފިއެވެ.
މި މައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ދައުވާ އިއްވުމުން، ދައުވާ ސާފުވެޖެކަމަށް ޖިހާދު ވިދާޅުވިއެވެ. އެއާއެކު ދައުވާއަށް އިންކާރު ކުރައްވާ ކަމަށްވެސް ޖިހާދު ވިދާޅުވިއެވެ.
އެކަމާގުޅިގެން ޖިހާދުގެ މައްޗަށް އެ މައްސަލަ ސާބިތުކުރުމަށް ހުށަހަޅާ ޝަފަވީ، ދެ ހެކީންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ މައްސަލައާ ގުޅުން އޮތްކަމަށްބުނާ ބޭރު މީހެއް ވަނީ ދައުލަތުން ހުށަހަޅައިފައެވެ.
ކިތާބީ ހެކީގެ ގޮތުގައި، އެސެޓް ރިކަވަރީ ކޮމިޝަނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ޖިހާދު ދެއްވާފައިވާ ބަޔާނާއި، ނޭޝަނަލް ޕްލޭނިން ކައުންސިލުންނާއި ވަޒީރުންގެ މަޖިލީހުން ކ. ފުށިދިއްގަރުފަޅާ ގުޅޭގޮތުން ނިންމާފައިވާ ނިންމުންތައް ވެސް ދައުލަތުން ހުށަހެޅިއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި، ޖިހާދުގެ ދިފާއީ ވަކީލަށް ހެކި ހުށަހެޅުއްވުމަށް ފުރުސަތު ދެއްވުމުން ވަކީލު ވަނީ ލިޔުމުން ހެކި ހުށަހެޅުމުގެ ފުރުސަތަށް އެދިވަޑައިގެންފައެވެ. އެހެންކަމުން ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ އެ ފުރުސަތު ދިފާއީ ވަކީލުންނަށް ދެއްވައިފައެވެ.
ޝަރީއަތާ ގުޅޭގޮތުން ދެ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކަަށް 14 ދުވަސް ދިނުމަށްފަހު ގާޒީ ވަނީ މިއަދުގެ ޝަރީއަތުގެ މަޖިސް ނިންމަވާލައްވައިފައެވެ.
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު