މި ސަރުކާރުގައި އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ބޯޑުގެ ޗެއާޕާސަން އަދި ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަ އަލުން ހުށަހަޅަން ދިން މުއްދަތުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެކަން ކޮށްފައި ނުވާތީ، އެ މައްސަލަ ބަލައިނުގަންނަން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވީ ރަނގަޅަށް ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވައިފައިވަނިކޮށް އެ މައްސަލަ ބަލައިގަތުމަށް ހައިކޯޓުން ނިންމައި މައްސަލަ މިއަދު ފަށަން އެޖެންޑާ ކޮށްފިއެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާއެވެ.

އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ 2:00 އަށެވެ.

ޖިހާދުގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކުރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގެ 25 ގައި ނިންމައިފައެވެ. ކުރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް 12 ގައި ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ އިސްތިއުނާފީ މައްސަލަ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ގައި ހައިކޯޓަށް ބަލައިގަތެވެ. ނަމަވެސް ޖިހާދު ދިރިއުޅެމުންދާ އެޑްރެސް ނޭނގޭތީ ހައިކޯޓުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ގައި އަނބުރާ ފޮނުވާލައިފައެވެ.

އެފަހުން ދައުލަތުން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 16 ގައި ޖިހާދުގެ މައްސަލަ އަލުން ހައިކޯޓަށް ހުށަހަޅައިފައެވެ. ނަމަވެސް ހައިކޯޓުގެ ރަޖިސްޓްރާ އޮކްޓޫބަރު 28 ގައި ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށެވެ. ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުން ދައުލަތުގެ ފަރާތުން، އޮކްޓޫބަރު 30 ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައި ރަޖިސްޓްރީގެ ނިންމުން ރިވިއުކޮށްދިނުމަށް އެދުނެވެ. ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެ މައްސަލައިގައި ގޮތެއް ނިންމައިފައިވަނީ ނޮވެމްބަރު މަހުގެ 28 ގައެވެ. އެ ނިންމުމުގައި ވަނީ ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށާއި އެ ނިންމުން ބަދަލުކުރަން ޖެހޭ ސަބަބެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ.

ނަމަވެސް ޖިހާދުގެ މައްސަލަ އަލުން ކުރިއަށް ގެންދަން ނިންމާފައި މިވަނީ، ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވަނިކޮށެވެ. އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ދައުލަތުން ޖިހާދުގެ މައްޗަށް ކުރި ދައުވާ ކުރިމިނަލް ކޯޓަށް ހުށަހަޅަމުން ވިދާޅުވެފައިވަނީ ފުށިދިއްގަރު ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާ ގޮތަށް ޖޮއިންޓްވެންޗާ އެއްބަސްވުމެއް ހެދުމަށް 29 ނޮވެމްބަރު 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުމުގައި އޮތީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދުކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބެން ޖެހޭނެ ކަމަށެވެ.

އެކަމަކު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޖިހާދު އެ ރަށުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ކަނޑައެޅިގެން ހިލާފަށް ކަމަށް ދައުލަތުން ބުނެފައިވެއެވެ. ދައުލަތުން ބުނެފައިވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ހިލާފުވާން ޖެހޭ ސަބަބެއް ނެތި ޖިހާދު، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސޮއިކުރެއްވީ 50 ޕަސެންޓުގެ ބަދަލުގައި ދިވެހި ދައުލަތުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ކަމަށެވެ.

"އަބްދުﷲ ޖިހާދުގެ މި އަމަލުގެ ސަބަބުން ރައްޔިތުންނާއި ދައުލަތަށް ލިބެން އޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައި ވެސް 604،713،750 ޑޮލަރު އުނިވެފައިވެއެވެ. މީގެ އިތުރުން، ދައުލަތުގެ 50 ޕަސެންޓް ހިއްސާގެ ބަދަލުގައި 25 ޕަސެންޓަށް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާއިން ލިބޭނެ ގެއްލުން ވެސް އޮންނާނެއެވެ،" ދައުލަތުން ބުނެފައިވެއެވެ.

ވަޒީރުންގެ މަޖިލީހުން ނިންމެވި ގޮތުންނަމަ، ބިމު ކުލިން 50 އަހަރުގެ ތެރޭގައި 411،720،000 ޑޮލަރު އަދި ޕްރައިމް ލޮކޭޝަން ޗާޖު، 50 އަހަރުގެ ތެރޭގައި 192،993،750 ޑޮލަރު ލިބޭނެއެވެ. ނަމަވެސް ޖިހާދު އަމަލުކުރެއްވި ގޮތުން އެ ފައިދާ ނުލިބި ދައުލަތަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ.