މި ސަރުކާރުގައި އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ބޯޑުގެ ޗެއާޕާސަން އަދި ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ހަވާލުކުރުމަށް ފުލުހުންގެ ބެލުމުގެ ދަށުން ޖިހާދު ހައިކޯޓަށް ހާޒިރުކޮށްފިއެވެ.
ޖިހާދުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާއެވެ. ޖިހާދުގެ މައްޗަށް ކުރާ އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކުރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 25 ގައި ނިންމައިފައެވެ. ކުރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް 12 ގައި ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ އިސްތިއުނާފީ މައްސަލަ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ގައި ހައިކޯޓަށް ބަލައިގަތެވެ. ނަމަވެސް ޖިހާދު ދިރިއުޅެމުންދާ އެޑްރެސް ނޭނގޭތީ ހައިކޯޓުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ގައި އަނބުރާ ފޮނުވާލައިފައެވެ.
އެފަހުން ދައުލަތުން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 16 ގައި ޖިހާދުގެ މައްސަލަ އަލުން ހައިކޯޓަށް ހުށަހަޅައިފައެވެ. ނަމަވެސް ހައިކޯޓުގެ ރަޖިސްޓްރާ އޮކްޓޫބަރު 28 ގައި ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށެވެ. ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުން ދައުލަތުގެ ފަރާތުން، އޮކްޓޫބަރު 30 ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައި ރަޖިސްޓްރީގެ ނިންމުން ރިވިއުކޮށްދިނުމަށް އެދުނެވެ. ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެ މައްސަލައިގައި ގޮތެއް ނިންމައިފައިވަނީ ނޮވެމްބަރު މަހުގެ 28 ގައެވެ. އެ ނިންމުމުގައި ވަނީ ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށާއި އެ ނިންމުން ބަދަލުކުރަން ޖެހޭ ސަބަބެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ.
ނަމަވެސް ފަހުން ޖިހާދުގެ މައްސަލަ އަލުން ކުރިއަށް ގެންދަން ހައިކޯޓުން ވަނީ ނިންމައިފައެވެ. އެއިރު ދައުލަތުގެ ފަރާތުން ވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ،
ހައިކޯޓުން އެ މައްސަލަ އަލުން ބަލަން ނިންމައި އިއްޔެ ވަނީ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައެވެ. އެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ހުސައިން މަޒީދު ވިދާޅުވީ މައްސަލައިގެ ލިޔުންތައް ހަވާލުކުރަން ވެސް ޖިހާދު ކޯޓަށް ހާޒިރުކުރަން ޖެހުނީ ފުލުހުންގެ މައްޗަށް އަމުރެއް ނެރެގެން ކަމަށެވެ.
ފަނޑިޔާރުގެ އެ ވާހަކައާ ގުޅިގެން ޖިހާދު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ދައުވާއެއް ކޯޓުގައި އޮތްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. ޖިހާދު ވިދާޅުވީ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އެހެންވެ ޖިހާދު ވަނީ ވަކީލަކު އައްޔަންކޮށް، ލިޔެކިޔުންތައް ދިރާސާ ކުރުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް އެދިވަޑައިގެންފައެވެ.
ނަމަވެސް ފަނޑިޔާރު މަޒީދު ވިދާޅުވީ ޖިހާދުއާ ދެކޮޅަށް ކޮށްފައިވާ ދައުވާތަކަކީ ކޯޓަށް ހުށަހަޅާ ތާރީހުން ފެށިގެން 14 ދުވަސް ތެރެއިގައި ނިންމަންޖެހޭ ބާވަތުގެ މައްސަލައެއް ކަމަށްވުމުން ފަސް ދުވަހުގެ މުއްދަތެއް ނުދެވޭނެ ކަމަށެވެ. ޖިހާދު އެދިވަޑައިގަންނަވާ ގޮތަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވައިފިނަމަ ފަނޑިޔާރުންނަށް މައްސަލަ ދިރާސާ ކުރައްވައި މައްސަލަ ނިންމަވަން ލިބިވަޑައިގަންނަވާނީ ދެ ދުވަސް ކަމަށް ފަނޑިޔާރު މަޒީދު ވިދާޅުވިއެވެ.
ފަނޑިޔާރު މަޒީދު އިތުރަށް ވިދާޅުވީ މައްސަލައިގެ ލިޔެކިޔުންތައް ހިފައިގެން ކޯޓު އޮފިސަރު ޖިހާދު އުޅުއްވާ ގެއަށް ދިޔުމުން އެ ގޭގެ މެއިޑް އެންމެ ފުރަތަމަ ޖިހާދު ގޭގައި އުޅުއްވާ ކަމަށް ބުނެ ފަހުން އައި ފޯނު ކޯލަކާ އެކު ގޭގައި ނޫޅުއްވާ ކަމަށް ބުނެފައިވާ ކަމަށެވެ. ފަނޑިޔާރު ވިދާޅުވި ގޮތުގައި، ފުލުހުންގެ އަމުރެއްގެ ދަށުން ލިޔުންތައް ހަވާލުކުރަން ޖެހުނީ ވެސް ގެއިން ލިޔުންތަކާ ހަވާލު ނުވުމުގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑުމެން މުއާމަލާތު ކުރަމުން މިދަނީ ކުޑަކުދިންނަކާ ނޫން، ބޮޑުވެ ތަސައްރަފު ފުދިފައި ތިބި މީހުންނާ، ކޯޓުން ޗިޓް ހިފައިގެން ދިޔަ މުވައްޒަފު ލިޔެ ސޮއިކޮށްފައި އެބައޮވޭ މުއާމަލާތު ކުރެވުނު ގޮތް، އަޅުގަނޑުމެން އެއަށް އިތުބާރު ކުރަން، އޭގައި ސާފުކޮށް އެބަ އޮވޭ ފުރަތަމަ މެއިޑް ބުނި ކަމަށް ޖިހާދު އެބައުޅުއްވާ ކަމަށް، ދެން ޖިހާދު ތި ވިދާޅުވަނީ ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގެންނެވި ކަމަށް، ކޯޓުގެ މުވައްޒަފު ޗިޓް ހިފައިގެން ދިޔައީ އޭގެ ފަހުން، ޗިޓްގައި ބަޔާންކޮށްފައި އޮތީ އަންހެނުން މެއިޑްއަށް ގުޅުމުން ދެން ބުނި ކަމަށް ގޭގައި ނެތޭ، މިއީ ކުޑަކުދިންނާ މުއާމަލާތު ކުރާ ގޮތަށް މިދަނީ ކަންކަން، އެގޮތަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުުރާނަން" ފަނޑިޔާރު މަޒީދު ވިދާޅުވިއެވެ.
އެ ވާހަކަތަކާ ގުޅިގެން ޖިހާދު ވިދާޅުވީ ކޯޓަށް ފިލައިގެން ނޫޅުއްވާ ކަމަށާއި އޭނާ ވަނީ މީގެ ކުރިން ވެސް ކޯޓުތަކުގެ އެންގުންތަކާ އެއްގޮތަށް ކޯޓަށް ހާޒިރުވެފައި ކަމަށެވެ. ޖިހާދު ވިދާޅުވީ އޭނާއަކީ ކޯޓަށް އެއްބާރުލުން ނުދޭ މީހެއްގެ ގޮތުގައި ކޯޓުން ސިފަކުރާތީ އެކަމާ ދެރަވާ ކަމަށާއި އޭނާއަކީ ގާނޫނީ ބޭފުޅަކަށް ނުވުމުން ގާނޫނީ ނުކުތާތަކަށް ޖަވާބުދާރީވުމަށް ވަކީލެއްގެ އެހީ ބޭނުންވާނެ ކަމަށެވެ.
ނަމަވެސް ޖިހާދުގެ އެ ވާހަކަތަކާ ގުޅިގެން ފަނޑިޔާރުން ގޮތެއް ނުނިންމައި ނިންމެވީ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންގޮސް ދައުވާއާ ގުޅިގެން ދައުލަތުން ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކުރަން ފުރުސަތު ދިނުމަށެވެ. ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވުމުގެ ފުރުސަތު ދެއްވުމުން ވެސް ޖިހާދު އެދިވަޑައިގެންނެވީ ވަކީލަކު އައްޔަން ކުރެއްވުމަށް މުއްދަތެއް ދެއްވުމަށެވެ.
މިފަހަރު ވެސް ފަނޑިޔާރުން ނިންމެވީ އެކަމަށް ގޮތެއް ނުނިންމައި، މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށެވެ.
ފަނޑިޔާރު މަޒީދު ވިދާޅުވީ މި މައްސަލައާ ގުޅިގެން ފަނޑިޔާރުން އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ މައްސަލައިގައި ހުކުމް ކުރުން ކަމަށެވެ.
ދައުލަތުން ޖިހާދުގެ މައްޗަށް ކުރި ދައުވާ ކުރިމިނަލް ކޯޓަށް ހުށަހަޅަމުން ވިދާޅުވެފައިވަނީ ފުށިދިއްގަރު ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާ ގޮތަށް ޖޮއިންޓްވެންޗާ އެއްބަސްވުމެއް ހެދުމަށް 29 ނޮވެމްބަރު 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުމުގައި އޮތީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދުކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބެން ޖެހޭނެ ކަމަށެވެ.
އެކަމަކު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޖިހާދު އެ ރަށުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ކަނޑައެޅިގެން ހިލާފަށް ކަމަށް ދައުލަތުން ބުނެފައިވެއެވެ. ދައުލަތުން ބުނެފައިވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ހިލާފުވާން ޖެހޭ ސަބަބެއް ނެތި ޖިހާދު، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސޮއިކުރެއްވީ 50 ޕަސެންޓުގެ ބަދަލުގައި ދިވެހި ދައުލަތުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ކަމަށެވެ.
"އަބްދުﷲ ޖިހާދުގެ މި އަމަލުގެ ސަބަބުން ރައްޔިތުންނާއި ދައުލަތަށް ލިބެން އޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައި ވެސް 604،713،750 ޑޮލަރު އުނިވެފައިވެއެވެ. މީގެ އިތުރުން، ދައުލަތުގެ 50 ޕަސެންޓް ހިއްސާގެ ބަދަލުގައި 25 ޕަސެންޓަށް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާއިން ލިބޭނެ ގެއްލުން ވެސް އޮންނާނެއެވެ،" ދައުލަތުން ބުނެފައިވެއެވެ.
ވަޒީރުންގެ މަޖިލީހުން ނިންމެވި ގޮތުންނަމަ، ބިމު ކުލިން 50 އަހަރުގެ ތެރޭގައި 411،720،000 ޑޮލަރު އަދި ޕްރައިމް ލޮކޭޝަން ޗާޖު، 50 އަހަރުގެ ތެރޭގައި 192،993،750 ޑޮލަރު ލިބޭނެއެވެ. ނަމަވެސް ޖިހާދު އަމަލުކުރެއްވި ގޮތުން އެ ފައިދާ ނުލިބި ދައުލަތަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު