މި ސަރުކާރުގައި އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ބޯޑުގެ ޗެއާޕާސަން އަދި ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަން މައްސަލަ ކުރިމިނަލް ކޯޓުން ބޭރުކޮށްލީ ގޯސްކޮށް ކަމަށް ކަނޑައަޅައި އެ މައްސަލަ ކުރިމިނަލް ކޯޓުން އަލުން ބެލުމަށް ހައިކޯޓުން އަންގައި ހުކުމްކޮށްފިއެވެ.
ޖިހާދުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާއެވެ. ދައުލަތުން ޖިހާދުގެ މައްޗަށް ކުރި ދައުވާ ކުރިމިނަލް ކޯޓަށް ހުށަހަޅަމުން ވިދާޅުވެފައިވަނީ ފުށިދިއްގަރު ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާ ގޮތަށް ޖޮއިންޓްވެންޗާ އެއްބަސްވުމެއް ހެދުމަށް 29 ނޮވެމްބަރު 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުމުގައި އޮތީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދުކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބެން ޖެހޭނެ ކަމަށެވެ.
އެކަމަކު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޖިހާދު އެ ރަށުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ކަނޑައެޅިގެން ހިލާފަށް ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ. ދައުލަތުން ވިދާޅުވެފައިވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ހިލާފުވާން ޖެހޭ ސަބަބެއް ނެތި ޖިހާދު، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސޮއިކުރެއްވީ 50 ޕަސެންޓުގެ ބަދަލުގައި ދިވެހި ދައުލަތުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ކަމަށެވެ.
"އަބްދުﷲ ޖިހާދުގެ މި އަމަލުގެ ސަބަބުން ރައްޔިތުންނާއި ދައުލަތަށް ލިބެން އޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައި ވެސް 604،713،750 ޑޮލަރު އުނިވެފައިވެއެވެ. މީގެ އިތުރުން، ދައުލަތުގެ 50 ޕަސެންޓް ހިއްސާގެ ބަދަލުގައި 25 ޕަސެންޓަށް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާއިން ލިބޭނެ ގެއްލުން ވެސް އޮންނާނެއެވެ،" ދައުލަތުން ވިދާޅުވެފައިވެއެވެ.
ވަޒީރުންގެ މަޖިލީހުން ނިންމެވި ގޮތުންނަމަ، ބިމު ކުލިން 50 އަހަރުގެ ތެރޭގައި 411،720،000 ޑޮލަރު އަދި ޕްރައިމް ލޮކޭޝަން ޗާޖު، 50 އަހަރުގެ ތެރޭގައި 192،993،750 ޑޮލަރު ލިބޭނެއެވެ. ނަމަވެސް ޖިހާދު އަމަލުކުރެއްވި ގޮތުން އެ ފައިދާ ނުލިބި ދައުލަތަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.
ޖިހާދުގެ މައްޗަށް ކުރާ އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކުރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 25 ގައި ނިންމައިފައެވެ. ކުރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެ މައްސަލައިގެ ތަހުގީގު އަލުން ފެށި ސަބަބު ޖިހާދަށް އަންގާފައިނުވާތީއާއި ދައުވާގެ އޭގެ މައްޗަށް ބިނާވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަޔާނުގެ ސައްހަކަން ކަށަވަރު ކުރެވިފައިނުވާ ކަމަށް ބުނެއެވެ.
އެހެންވެ ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުގައެވެ. އެ އަޑުއެހުމުގައި ދައުލަތުން ވިދާޅުވެފައިވަނީ ޖިނާއީ ތަހުގީގުކުރުމުގެ ގާނޫނީ ބާރަކީ ގާނޫނުއަސާސީން ނުވަތަ ގާނޫނުން ތަހުގީގީ އިދާރާތަކަށް ލިބިދޭ ބާރެއް ކަމަށެވެ. އެގޮތުން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އެ ބާރު ލިބިގެންވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ. އަދި ތަހުގީގު ހިންގުމަށްޓަކައި ވަކި ކޮމިޝަންތައް އެކުލަވާލުމުގެ ބާރު ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ކަމަށާއި ޖިހާދާ ގުޅޭ މައްސަލަ ތަހުގީގުކޮށްފައިވަނީ އެ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދެވި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ކަމަށެވެ.
ދައުލަތުން ވިދާޅުވެފައިވަނީ ޖިހާދަށް ކުރެވުނު ތުހުމަތާ ގުޅިގެން އޭނާ ބަންދުކޮށްފައިނުވާ ކަމަށެވެ. ދައުލަތުން ވިދާޅުވެފައިވަނީ ގާނޫނުލްއުގޫބާތުގެ 61 ވަނަ މާއްދާގައިވާ ގޮތުން މަތިން ޖިނާޔަތުގެ ތެރޭގައި ހިމެނޭ ކުށްކުށުގައި ދައުވާކުރުމުގެ މުއްދަތަކީ އެ ކުށް ކުރި ވަގުތުން ފެށިގެން އަށް އަހަރު ދުވަސް ކަމަށެވެ. އެހެންކަމުން ޖިހާދުގެ މައްޗަށް ދައުވާކޮށްފައިވަނީ ގާނޫނީ މުއްދަތުގެ ތެރޭގައި ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.
މައްސަލައާ ގުޅިގެން އާ ހެއްކެއް ލިބުމުގެ ސަބަބުން މައްސަލަ އަލުން ތަހުގީގުކޮށް ދައުވާކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަސައްވަރުކުރާ ކަމެއް ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ. އެހެންކަމުން ގާނޫނު މަނާ ނުކުރާ ހިނދަކު އާ ހެއްކެއްގެ މައްޗަށް ބިނާކޮށް ތަހުގީގު އަލުން ހުޅުވާލުމަކީ ތަހުގީގު ކުރުމުގެ ގާނޫނީ ބާރު އޮންނަ ފަރާތަކަށް ކުރެވޭނެ ކަމެއް ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.
ޖިހާދުގެ ފަރާތުން ހައިކޯޓުގެ ޝަރީއަތުގައި ވިދާޅުވެފައިވަނީ މައްސަލައިގައި ކުރިއަށްދިއުމަށް ގާނޫނީ ވަކީލަކު ހޯދުމަށް ފަސް ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށެވެ. ނަމަވެސް މި މައްސަލައަކީ ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ގާނޫނުން ލާޒިމުކުރާ މައްސަލައަކަށްވުމުން ޝަރީއަތުން ނިންމީ ޖިހާދުގެ އެދުނު ގޮތަށް ފަސް ދުވަހުގެ މުއްދަތެއް ނުދިނުމަށެވެ. އެއީ ފަސް ދުވަހުގެ މުއްދަތެއް ދީފިނަމަ މައްސަލަ ދިރާސާކޮށް މައްސަލައިގައި ގޮތެއް ކަނޑައަޅަން ލިބޭނީ އެންމެ ދެ ދުވަސް ކަމަށްވާތީއެވެ.
އެ ދުވަހުގެ ޝަރީއަތަށާއި މައްސަލައިގެ ލިޔެކިޔުން ހަވާލުކުރުމަށް ޖިހާދު ކޯޓަށް ހާޒިރުކޮށްފައިވަނީ ފުލުހުން މެދުވެރިކޮށްކަން ވެސް ޝަރީއަތުން ފާހަގަކުރިއެވެ. އެ ދުވަހުގެ ޝަރީއަތް ނިންމާލީ މިއަދު މައްސަލައިގައި ހުކުމްކުރާ ގޮތަށެވެ. މި މައްސަލައިގައި ހައިކޯޓުގައި ބާއްވައިފައިވަނީ އެންމެ އަޑުއެހުމެކެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސައިން މަޒީދު މައްސަލައިގެ ރައުޔުގައި ވިދާޅުވީ ޖިހާދުގެ މައްސަލައަށް ބަލާއިރު ކުރިން ތަހުގީގުކޮށް ނިންމާފައިވާ މައްސަލައެއް އަލުން ބެލުމަށް ބާރު ލިބެނީ ގާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އަލުން ތަހުގީގު ކުރަން ހިމެނޭ ގޮތަށް ތަހުގީގު ކުރުމަށް އެސްޓް ރިކަވަރީ ކޮމިޝަން އެކުލަވާލުމަށް ނެރުނު ރިޔާސީ ގަރާރުގެ ދަށުން ކަމަށެވެ.
"ތަހުގީގު ކޮމެޓީން އެވަނީ މި ތަހުގީގު ކުރުމުގެ ގާނޫނީ ބާރު ލިބޭ ގޮތް އަބްދުﷲ ޖިހާދަށް އެންގުމަށް ރިޔާސީ ގަރާރަށް ހަވާލާދީފައެވެ" ފަނޑިޔާރު މަޒީދު ވިދާޅުވިއެވެ.
ކުރިމިނަލް ކޯޓުން މި މައްސަލަ ނުބެލޭނެ ކަމަށް ނިންމި އަނެއް ސަބަބަކީ، މި މައްސަލައިގެ ތަހުގީގު އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިއަށް ގެންދިޔައިރު އަދީބުގެ ހެކި ބަޔާން ހޯދައިފައި އޮތް އިރު، އޭނާއަކީ ޝައްކުގެ މަހައްލުގައި ހުރި މީހެއް ކަމަށް ބުނެއެވެ.
"މިއީ ޝަރީއަތުން ފާހަގަކުރާ ނަމަވެސް އަންތަރީސްވާން ޖެހޭފަދަ ނިންމުމެކެވެ. ސަބަބަކ،ީ އަހުމަދު އަދީބު އަބްދުލްޣަފޫރަކީ ގާނޫނުލްއުގޫބާތުގައި ނުވަތަ ޖިނާއީ ކުށް ބަޔާންކުރާ އެހެން ގާނޫނެއްގައިވެސް ބަޔާންވެގެންނުވާ ނަމަވެސް މި ބާވަތުގެ މައްސަލަތަކުގެ ކުރިމަރާލައި ޝަރީއަތް ނުކުރުމަށް ބޭނުންކުރެވިދާނެ، ކޯޓުތަކުން ބަލައިގަންނަ ގާނޫނީ ދިފާއެއްކަމަށް ދޭހަކޮށް ގަނެވޭތީއެވެ. ނަމަވެސް ޝަރުއީ އަދި ގާނޫނީ ހަމައަކުން ބަލާ އިރު، އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ބަޔާނެއް ތަހުގީގަށް ހޯދުމަކީ، އޭނާއަކީ ޝައްކުގެ މަހައްލެއްގައި ހުރި މީހަކަށްވެގެން ކަމަށް ބުނެ، އެ ތަހުގީގު އުނިވާނެ ނުވަތަ ފާސިދުވާނެ ސަބަބެއް ކަމުގައި ނުވެއެވެ" ފަނޑިޔާރު ސަލީމް ވިދާޅުވިއެވެ.
ފަނޑިޔާރު ވިދާޅުވީ ކީރިތި ގުރުއާނުގައި ބަޔާން ކުރައްވަނީ ފާސިގަކު ހަބަރަކާއިގެން އައުމުން، އެ ހަބަރު ގަބޫލު ނުކުރުން ނޫން ކަމަށާއި އެ ހަބަރެއްގެ ތެދުދޮގު ބަލައި ހަގީގަތް ހޯދުން ކަމަށެވެ.
"ހެކިންގެ ނިސްބަތުގައި އެ ހަގީގަތް ހޯދަންޖެހޭ މަރުހަލައަކީ ހެކިންގެ ހެކިބަސް ނަގާ މަރުހަލާއެވެ. ތަހުގީގުގެ މަރުހަލާއެއް ނޫނެވެ. ހަމައެހެންމެ، އެއްމުސްލިމަކު އަނެއް މުސްލިމުގެ މައްޗަށް ހެކިބަސް ދިނުމުގައި އަދުލުވެރިން ކަމުގައި ވާނެ ކަމަށް ބެލުމަކީ މުސްލިމުން ދޭ ހެކި ބަހާ ގުޅޭގޮތުން ދެކެން ޖެހޭ އާންމު އަސާސީ އުސޫލެއްކަން އޭނާގެ ހެކިބަސް ޝަރީއަތުން ގަބޫލުކުރަންނުޖެހޭ ސަބަބުތައް ހާމަކޮށް ދެއްކުމަކީ އޭނާގެ އަދުލުވެރިކަމާ މެދު ސުވާލު އުފައްދާ ފަރާތުން ކުރަންޖެހޭ ކަމެކެވެ. އެކަމަކީ ކްރޮސް އެގްޒަމީނޭޝަންގެ މަރުހަލާގައި ކުރެވޭން އޮތް ކަމެކެވެ" ފަނޑިޔާރު ވިދާޅުވިއެވެ.
އަދީބުގެ ނަން އަޑުއިވޭ ހިސާބުން އެއީ ޝައްކުގެ ޝައްކުގެ މަހައްލުގައި ހުރި މީހެއްކަން ޝަރީއަތް ނުކޮށް ނިންމާނީ ކިހިނެއްތޯ ފަނޑިޔާރު ސުވާލު އުފެއްދެވިއެވެ. އެ ހާދިސާ ހިނގި އިރު، ޖިހާދެކޭ އެއްފަދައިން އަދީބަކީ ވެސް ކެބިނެޓްގައި ހިމެނޭ ކެބިނެޓް މިނިސްޓަރެއް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެހެންކަމުން އަދީބަކީ ޝައްކުގެ މަހައްލުގައި ހުރި މީހެއް ކަމަށް ބުނެ، އޭނާ ދޭ ބަޔާނުގެ ސައްހަކަން ތަހުގީގުގައި ކަށަވަރު ކުރަންޖެހޭ ގޮތަށް މާނަކޮށް، އެކަން ނުކުރާ ކަމަށް ބުނެ އަދީބު ބަޔާން ދީފައިވާ ތަހުގީގުތައް ފަސާދަ ވާނެކަމަށް ނޫނީ އުނިވާނެކަމަށް ނުވަތަ އެނޫންވެސް ގޮތަކުން އެކަމުން ތަހުގީގަށް އަސަރުކޮށް، އެފަދަ ތަހުގީގަކާ ގުޅިފައިވާ ދައުވާތަކާ ގުޅޭގޮތުން، ޝަރީއަތުގެ ކުރިން ގޮތް ކަނޑައަޅައި ޝަރީއަތް ނުކޮށް އެފަދަ ދައުވާތައް ބޭރުކޮށްލެވޭ ހުއްޖަތަކަށް އަދީބު ހެދުމަކީ ޝަރުއީ އަދި ގާނޫނީ ހަމައަކުން ވެސް ކުރެވޭނެ ކަމެއް ކަމަކަށް ނުދެކޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެހެންވެ ފަނޑިޔާރު ސަލީމް ރައުޔު ކަނޑައެޅުއްވީ ކުރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށް އަލުން މި މައްސަަލަ ބެލުމަށް ކުރިމިނަލް ކޯޓަށް ފޮނުވުމަށެވެ.
އެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު މުހައްމަދު ފައިސަލް އަދ ފަނޑިޔާރު މުހައްމަދު ނިޔާޒް ތާއީދުކުރެއްވުމުން، މި މައްސަލައިގައި ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ފަނޑިޔާރު ސަލީމް ވިދާޅުވީ މި މައްސަލައިގައި ކުރިމިނަލް ކޯޓުން (ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާ މެދު ނިންމި ނިންމުން) ބާތިލުކޮށް، މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ހުކުމްކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު