މި ސަރުކާރުގައި އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ބޯޑުގެ ޗެއާޕާސަން އަދި ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަ އަލުން ހުށަހަޅަން ދިން މުއްދަތުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެކަން ކޮށްފައި ނުވާތީ، އެ މައްސަލަ ބަލައިނުގަންނަން ހައި ކޯޓުގެ ރަޖިސްޓާ ނިންމެވީ ރަނގަޅަށް ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވައިފައިވަނިކޮށް އެ މައްސަލަ ބަލައިގަތުމަށް އެންމެފަހުން ހައިކޯޓުން ނިންމައިފިއެވެ.
ހައި ކޯޓުން ޖިހާދުގެ މައްސަލަ ބަލައިގަތުމަށް ނިންމާފައިމިވަނީ ދައުލަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވަނިކޮށެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ ޝަފީއު އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ ހައި ކޯޓުން އެ މައްސަލަ ބަލައިގަތުމަށް ނިންމައިފައިވާ ކަމަށެވެ. އެހެންވެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައާ މެދު އެ އޮފީހުން ގޮތެއް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޖިހާދުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާއެވެ.
އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކުރިމިނަލް ކޯޓުން ވަނީ މިއަހަރުގެ ޖުލައިމަހުގެ 25 ގައި ނިންމައިފައެވެ. ކުރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން ވަނީ މިއަހަރުގެ އޮގަސްޓް 12 ގައި ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ އިސްތިއުނާފީ މައްސަލަ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ގައި ހައިކޯޓަށް ބަލައިގަތެވެ. ނަމަވެސް ޖިހާދު ދިރިއުޅެމުންދާ އެޑްރެސް ނޭނގޭތީ ހައިކޯޓުން ވަނީ ސެޕްޓެމްބަރު މަހުގެ 21 ގައި އަނބުރާ ފޮނުވާލައިފައެވެ.
އެފަހުން ދައުލަތުން ވަނީ ޖިހާދުގެ ކޮރަޕްޝަން މައްސަލަ އަލުން ހައިކޯޓަށް އޮކްޓޫބަރު 16 ގައި ހުށަހަޅައިފައެވެ. ނަމަވެސް ހައިކޯޓުގެ ރަޖިސްޓްރާ އޮކްޓޫބަރު 28 ގައި ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ. ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުން ދައުލަތުގެ ފަރާތުން ވަނީ އޮކްޓޫބަރު 30 ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައި ރަޖިސްޓްރީގެ ނިންމުން ރިވިއުކޮށްދިނުމަށް އެދިފައެވެ. ހައި ކޯޓުގެ ފަނޑިޔާރުން މަޖިލީހުން އެ މައްސަލައިގައި ގޮތެއް ނިންމައިފައިވަނީ ނޮވެމްބަރު މަހުގެ 28 ގައެވެ. އެ ނިންމުމުގައި ވަނީ ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށާއި އެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
ދައުލަތުން ޖިހާދުގެ މައްޗަށް ކުރި ދައުވާ ކުރިމިނަލް ކޯޓަށް ހުށަހަޅަމުން ވިދާޅުވެފައިވަނީ ފުށިދިއްގަރު ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާ ގޮތަށް ޖޮއިންޓްވެންޗާ އެއްބަސްވުމެއް ހެދުމަށް ނޮވެމްބަރު، 29، 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުމުގައި އޮތީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދުކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބެން ޖެހޭނެ ކަމަށެވެ.
އެކަމަކު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޖިހާދު އެ ރަށުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ކަނޑައެޅިގެން ހިލާފަށް ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ. ދައުލަތުން ވިދާޅުވެފައިވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ހިލާފުވާންޖެހޭ ސަބަބެއް ނެތި ޖިހާދު، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސޮއިކުރެއްވީ 50 ޕަސެންޓުގެ ބަދަލުގައި ދިވެހި ދައުލަތުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ކަމަށެވެ.
"އަބްދުﷲ ޖިހާދުގެ މި އަމަލުގެ ސަބަބުން ރައްޔިތުންނާއި ދައުލަތަށް ލިބެން އޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައި ވެސް 604،713،750 ޑޮލަރު އުނިވެފައިވެއެވެ. މީގެ އިތުރުން، ދައުލަތުގެ 50 ޕަސެންޓް ހިއްސާގެ ބަދަލުގައި 25 ޕަސެންޓަށް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާ އިން ލިބޭނެ ގެއްލުން ވެސް އޮންނާނެއެވެ،" ދައުލަތުން ވިދާޅުވެފައިވެއެވެ.
ވަޒީރުންގެ މަޖިލީހުން ނިންމެވި ގޮތުންނަމަ، ބިމު ކުލިން 50 އަހަރުގެ ތެރޭގައި 411،720،000 ޑޮލަރު އަދި ޕްރައިމް ލޮކޭޝަން ޗާޖު، 50 އަހަރުގެ ތެރޭގައި 192،993،750 ޑޮލަރު ލިބޭނެއެވެ. ނަމަވެސް ޖިހާދު އަމަލުކުރެއްވި ގޮތުން އެ ފައިދާ ނުލިބި ދައުލަތަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު