ކ. ކާށިދޫ ޗަސްބިން ސަރަހައްދާއި މޯލްޑިވްސް ވިކްޓްރީ ޝިޕްރެކް ސަރަހައްދު ހިމާޔަތްކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ އެ ދެ ސަރަހައްދު ހިމާޔަތްކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ، އެންވަޔަރަމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު، އެ މަޖިލީހުން ދެއްވި ލަފާފުޅާ އެއްގޮތަށް ކަމަށެވެ.

ކާށިދޫ ޗަސްބިން ސަރަހައްދަކީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން 2003 މެއި 22 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ކަންޒުކަހަބު ދިރިއުޅޭ ސަރަހައްދެކެވެ. ކަންޒުކަހަބު ދިރިއުޅޭ ތިން ރަށެއް ރާއްޖޭގައި އޮންނައިރު، އޭގެ ތެރެއިން ކާށިދުއަކީ މި ބާވަތުގެ ދިރުން އެންމެ ގިނައިން ދިރިއުޅޭ ރަށެވެ. މީގެ އިތުރުން މި ސަރަޙައްދަކީ ކަނޑޫފާ، ކުއްޅަވައްފާ ހިމެނޭ ގުދުރަތީ ދިރުންތަކުން މުއްސަނދިވެފައިވާ ސަރަހައްދެކެވެ.

އެންވަޔަމަންޓް މިނިސްޓްރީން ބުނީ މި ސަރަހައްދު ހިމާޔަތްކުރުމުގެ ބޭނުމަކީ ދިރޭ ތަކެތީގެ މުއްސަނދިކަން ލިބިފައިވާ މި ސަރަހައްދު ރައްކާތެރިކޮށް ދެމެހެއްޓުމާއި ކަންޒުކަހަބު ހިމާޔަތްކުރުމުގެ މަގުސަދު ހާސިލުވާނީ އެ ތަކެތި ދިރިއުޅޭ މާހައުލު ހިމާޔަތްކޮށްގެންކަމުގައި ވާތީ ކަމަށެވެ. އަދި މި ސަރަހައްދަކީ ރާއްޖޭގައި ވަރަށް މަދު ރަށެއްގައި ނޫނީ ނުހެދޭ ކުއްޅަވައް ގަސް ގިނަ އަދަދަކަށް ހެދިފައިވާ ސަރަހައްދެއްކަމުގައިވާތީ މި ބާވަތުގެ ގަސްތަކާ ވެސް އެކު ގުދުރަތީ އެ މާހައުލު ހިމާޔަތްކޮށް ދިރުންތައް ދިރުވައި އާލާކުރުމަށް ކަމަށެވެ.

އިއްޔެ ދެން ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން ރައީސް ނިންމެވި މޯލްޑިވްސް ވިކްޓަރީ އުރިފައިވާ ސަރަހައްދަކީ 1981 ވަނަ އަހަރު ހުޅުލޭ ހުޅަނގު ދެކުނު ފަރާތަށް "މޯލްޑިވްސް ވިކްޓަރީ" އަޑިއަށް ދިޔަ ސަރަހައްދެވެ. މި ބޯޓު އަޑިއަށް ގޮސްފައިވާ ސަރަހައްދަކީ މިހާރު "އާޓިފިޝަލް" ފަރެއް ހެދިފައިވާ، މުރަކައާއި މަސްމަހާމެހިން މުއްސަނދިވެފައިވާ ސަރަހައްދެކެވެ. އަދި މިއީ ރާއްޖޭގައި ޑައިވްކުރާ އެންމެ މަޝްހޫރު އެއް ޝިޕްރެކް ކަމަށްވުމުގެ އިތުރުން ދިރޭ ތަކެތިން މުއްސަނދިވެފައިވާ ވަރަށް ހާއްސަ މާހައުލެއް ލިބިފައިވާ ސަރަހަދެއްވެސް މެއެވެ.

ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިހާތަނަށް މާލެ އަތޮޅުގެ 13 ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 11 ޑައިވް ސައިޓަކާއި ރަސްފަރި އަދި ކ. ހުރާގެ ކަނޑޫފާ ސަރަހައްދެވެ. މީގެ އިތުރުން ވެސް، ބޮޑު ތިލަދުންމަތީގެ 14 ސަރަޙައްދަކާއި އައްޑޫ ސިޓީގެ ހަތަރު ސަރަޙައްދަކާއި ފުވައްމުލަކު ސިޓީގެ އެއް ސަރަހައްދު އަދި ފާދިއްޕޮޅުގެ ފަސް ސަރަހައްދެއް މި ސަރުކާރުން ވަނީ ހިމާޔަތްކޮށްފައެވެ. ކުރިން ހިމާޔަތްކޮށްފައިވާ 47 ސަރަހައްދަކާއި މި ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާއެކު ޖުމްލަ 71 ސަރަހައްދެއް ރާއްޖެގައި ވަނީ ހިމާޔަތްކޮށްފައެވެ.