އުމްރާނީ ތަރައްގީގެ ދާއިރާގައި ރާއްޖޭގެ އެންމެ އިސްސަފުގައި މަސައްކަތްކުރަމުން އަންނަ ރާއްޖޭގެ އެންމެބޮޑު ކޮންޓްރެކްޓަރު އެމްޓީސީސީގެ މަގުސަދަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމެވެ. ބަނދަރު ހެދުމާއި، ފަޅު ފުންކުރުމާއި، ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޒަރީއާއިންނެވެ. އެއާޕޯޓް ތަރައްގީ ކުރުމާއި މަގުހެދުމުގެ ޒަރީއާއިންނެވެ. ބަނދަރު ހެދުމާއި ފަޅު ފުންކުރުން ފަދަ މަސައްކަތްތަކަކީ 1990 ގެ އަހަރުތަކުގެ ތެރޭގައި ތައާރަފުވި މަސައްކަތްތަކެއް ކަމުގައިވިޔަސް، އެއާޕޯޓް ތަރައްގީކުރުމާއި، މަގުހެދުމުގެ މަސައްކަތަކީ ފަހުގެ އަހަރުތަކުގައި ކުންފުނިން ފަށައިގެން މަސައްކަތްތަކެކެވެ.

އެމްޓީސީސީން ވަނީ މި ދާއިރާތަކަށް އައު ޓެކްނޮލޮޖީ އާއި ހުނަރު ތައާރަފުކޮށް، މި ދާއިރާގެ މަސައްކަތަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނެސްދީފައެވެ. ރާއްޖޭގެ މާހައުލުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ދިމާވާ މައްސަލަތަކާއި

ގޮންޖެހުންތައް ހައްލުކުރުމުގެ ގޮތުން، މަސައްކަތަށް ތައްޔާރުވުމުގައާއި މަސައްކަތް ކުރިއަށް ގެންދިއުމުގައި ގެންގުޅޭނެ އަމިއްލަ އުސޫލުތަކާއި މަސައްކަތްކުރާ އަމިއްލަ މިންގަނޑުތަކެއް އެމްޓީސީސީން ވަނީ އެކުލަވާލައި ތަރައްގީކޮށްފައެވެ. ހިންގާ ކޮންމެ މަޝްރޫއެއްގެ ތަޖުރިބާގެ އަލީގައި އެމްޓީސީސީގެ މަސައްކަތް ހިންގާ ގޮތް އިތުރަށް ފުރިހަމަކުރަމުން ގެންދެއެވެ. މިގޮތުން، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު، ޏ. ފުވައްމުލަކުގެ ރިންގް ރޯޑު ޒަމާނީ ފެންވަރަކަށް ހަދައި ނިންމާލެވުމަކީވެސް ކުންފުނީގެ ތަޖުރިބާގެ ސަފްހާއަށް އިތުރުވި އައު ބާބެކެވެ. ފުވައްމުލަކުގެ ރައްޔިތުންނަށް ލިބުނު ލުއިފަސޭހައެކެވެ. ގުދުރަތީ ރީތިކަމެއް ލިބިފައިވާ ފުވައްމުލަކުގެ މަލަމައްޗަށް ލިބުނު އިތުރު ފަރިކަމަކާއި ނަލަކަމެކެވެ.

ރާއްޖޭގެ ދެކުނުން ގދ. އަތޮޅާއި އައްޑޫ ސިޓީއާއި ދޭތެރެއިން ކަނޑުގެ މެދުގައި އޮންނަ ފުވައްމުލަކު ސިޓީއަކީ އެއްފަސްގަނޑަކަށް އެއް އަތޮޅެއްގެ ގޮތުގައި އޮންނަ އެކަހެރި ރަށެކެވެ. އަށް އަވަށަކަށް ބެހިފައިވާ މިރަށުގައި 14،000 އެއްހާ މީހުން ދިރިއުޅެއެވެ. ތަރައްގީގެ ރޮނގުން ބަލާއިރު ފުވައްމުލަކަކީ ރާއްޖޭގެ އެންމެ ތަރައްގީ ރަށްތަކުގެ ތެރޭ ހިމެނޭ އެއް ރަށެވެ. ރާއްޖޭގެ އެއް ރަށަކުން އެންމެ ރަނގަޅު ތައުލީމާއި ސިއްހީ ހިދުމަތް ލިބެން އޮތް އެއް ރަށަކީ ފުއައްމުލަކެވެ. އަދި މިރަށަކީ މީހުން އާބާދުވުމަށް ބިމުގެ ގޮތުން ޖާގަ ތަނަވަސް، ދަނޑުވެރިކަމާއި ސިނާއީ މަސައްކަތްތަކާއި ފަތުރުވެރިކަމަށްވެސް އިންވެސްޓްކުރުމަށް ފުރުސަތު އޮތް، ބިން ތިޔާގި ރަށެކެވެ.

ފުވައްމުލަކުގެ ބޮޑެތި މަގުތަކުގައި އެއްޒަމާނެއްގައި އެންމެ ގިނައިން ދުއްވަމުން އައީ ބައިސްކަލެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާއެކު ސައިކަލު ދުއްވާ މީހުންގެ އަދަދު އިތުރުވެގެން ދިޔައެވެ. އަދި 2003 ވަނަ އަހަރު ލަފާފުރަން ފަސޭހަ ބަނދަރެއް ރަށުގައި ގާއިމުކުރެވުމާއެކު ނިސްބަތުން ރަށުގައި ދުއްވާ އުޅަނދުފަހަރުގެ އަދަދު އިތުރުވެގެން ދިޔައެވެ. ނަމަވެސް، ރަނގަޅަށް ހެދިފައިވާ މަގުތައް ނެތުމާއެކު، މިކަން ވެގެން ދިޔައީ ރަށުގައި ހިނގާ އެކްސިޑެންޓްތަކުގެ އަދަދު އިތުރުވެގެން ދިޔަ ކަމަކަށެވެ. ވާރޭކޮޅެއް ވެހިލާއިރަށް ފެން ނުހިނދި އެތަކެއް ދުވަހެއް ވުމުގެ ސަބަބުންނާއި، ފެން ހިނދުމަށްފަހުވެސް ބޮޑެތި އަޑިގުޑަންތަކެއް ހުރުމުގެ ސަބަބުން ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ދަތިތަކާ ކުރިމަތިވެ ރައްޔިތުންގެ ޝަކުވާ އިންތިހާއަށް އިތުރުވިއެވެ.

ފުވައްމުލަކުގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރާނެ ދުވަހަކަށް އެ ރަށުގެ ރައްޔިތުން ކުރަމުން އައި އިންތިޒާރަށް ނިމުން އައީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު، ސަރުކާރުން ފުވައްމުލައް ރިންގް ރޯޑް ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުންނެވެ. މި މަޝްރޫއުގެ ދަށުން، 2950 މީޓަރުގެ ހިނގާ ސަރަހައްދަކާއި، 20،650 އަކަ މީޓަރުގެ ދުއްވާ ސަރަހައްދަކާއި، 4425 އަކަ މީޓަރުގެ ޕޭވްމެންޓެއް ހަދައި، މަގުބައްތި ހަރުކޮށް މަގުމަތީ ނިޝާން ހަރުކުރެވުނެވެ.

މަސައްކަތް ނިންމައިލެވުނުއިރު ފުވައްމުލަކުގެ މަގުތަކަކީ ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރެވިފައިވާ މަގުތަކެކެވެ. ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީކުރެވިފައިވާ މަގުތަކެކެވެ. ރައްޔިތުންގެ ހިޔާލު ހޯދައިގެން ރައްޔިތުންގެ މަޝްވަރާގެ މަތިން މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީ އެމްޓީސީސީގެ އަމާޒެވެ. ފުވައްމުލަކު ރިންގް ރޯޑް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އައިއިރު، ފުވައްމުލަކު ރައްޔިތުންގެ އެއްބާރުލުން އެމްޓީސީސީގެ ޓީމަށް ފުރިހަމައަށް ލިބުނެވެ. މަޝްރޫއުގެ މަސައްކަތަށް ފުވައްމުލަކުގެ 30 ރައްޔިތުންނަށް ވަޒީފާ ދެވުނެވެ. މިއީ ކޮވިޑްގެ ދަތި ހާލަތުގައި ފުވައްމުލަކު ރައްޔިތުންނަށް އާމްދަނީ ލިބޭނެ އިތުރު ދޮރެއް ހުޅުވައިދީ، ރަށުގެ އިގުތިސާދު ރަނގަޅު ކުރުމަށް އެމްޓީސީސީއަށް ކޮށްދެވުނު ހެޔޮކަމެކެވެ.

ކޮވިޑް 19 ގެ ދަތި ދުވަސްވަރު ފުވައްމުލަކު ރިންގް ރޯޑް މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. މެޓީރިއަލް ގެނައުމުގައި ގިނަ ދަތިތަކެއް ދިމާވިއެވެ. ހާއްސަކޮށް ޕޭވްމަންޓް ބްލޮކް ގެނައުމުގައި ދަތިތައް ދިމާވިއެވެ. އޯޑަރުކޮށްފައި ހުރި މުދާ ބާޖްތަކަށް ބަރުކޮށްފައި މަސް ދެމަސް ވަންދެން ބަހައްޓަން ޖެހުނެވެ. ނަމަވެސް ތިމަންމެންނަކަށް ނުވިއޭ ކިޔާފައި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ މަސައްކަތް ހުއްޓާލުމަކީ އެމްޓީސީސީގެ އުސޫލެއް ނޫނެވެ. ދަތިތަކާ ހުރަސްތަކާއެކުވެސް އެ ކުންފުނިން މަސައްކަތް ފުރިހަމަ ކުރިއެވެ. އެމްޓީސީސީގެ 40 އަހަރުގެ ދިގު މާޒީގައި 2020 ވަނަ އަހަރު އެންމެ ކާމިޔާބު އަހަރެއްގެ ގޮތުގައި ހިމެނުން އެއީ މިކަމުގެ އަލިގަދަ ދަލީލެކެވެ.

ފުވައްމުލަކު ރިންގް ރޯޑު މަޝްރޫއާއެކު ވޭތުވެދިޔަ އަހަރު ކުންފުނިން 34 މަޝްރޫއު ނިންމިއެވެ. މިއީ އަހަރެއްގެ ތެރޭގައި އެމްޓީސީސީގެ ދިގު ތާރީހުގައި އެންމެ ގިނަ މަޝްރޫއު ނިންމުނު އަހަރެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ދިމާވި ދަތިތަކާއެކުވެސް ވަރުބަލިކަމެއްނެތި އެމްޓީސީސީގެ ޓީމު ދެއްކި ހިތްވަރަކީ ތައުރީފު ހައްގު ހިތްވަރެކެވެ. މިއަދު އެމްޓީސީސީއަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެންމެ މުހިއްމު ބައިވެރިޔާއެވެ. ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭ ރައްޔިތުންގެ ކުންފުންޏެވެ. ފުވައްމުލަކު ރިންގް ރޯޑު މަޝްރޫއަކީ ފުވައްމުލަކު ރައްޔިތުން ޒަމާނުއްސުރެ ތަހައްމަލު ކުރަމުން އައި ދަތިތަކަށް ނިމުން ގެނެސްދިން މަޝްރޫއެކެވެ. ނަލަ ރީތި ފުވައްމުލަކުގެ މަލަމައްޗަށް އިތުރު ހިތްގައިމުކަމެއް ގެނެސްދިން މަޝްރޫއެކެވެ.