ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިއުލާންކޮށްފިއެވެ.

އެ އިއުލާނާއެކު، އެ ލިސްޓަށް ޝަކުވާ ހުށަހަޅުމަށްވެސް ކޮމިޝަނުން ވަނީ ހުޅުވާލައިފައެވެ. އެ ދެ އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އެޕްރީލް މަހުގެ ދިހަ ވަނަ ދުވަހުއެވެ.

އީސީން މިއަދު ނެރުނު އިއުލާނުގައި ބުނީ، ސަރުކާރުގެ ގެޒެޓާއި އެ ކޮމިޝަނުގެ ވެބްސައިޓު އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާއިންނާއި ސިޓީތަކުގެ ސިޓީ ކައުންސިލް އިދާރާ/އަވަށު އޮފީހުން ވޯޓާސް ލިސްޓު މިއަދުން ފެށިގެން އާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ.

އޭގެ އިތުރުން 1414 އަށް އެސްއެމްއެސް (VR space IDNO Send to 1414) ކޮށްގެން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޗެކްކުރެވޭނެ ކަމަށް އިއުލާންގައި ބުންޏެވެ.

އީސީން ބުނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 1:00 އަށް ހުޅުވާލާ ކަމަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖައްސާފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު އެ ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމުގައި އީސީން ބުންޏެވެ.

ޝަކުވާ ފޯމު އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ، [email protected] އަށް ފޮނުވުމަށް އިސީން އެދެއެވެ. އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށެއްގެ ކައުންސިލް އިދާރާ އަދި ސިޓީތަކުގެ ސިޓީ ކައުންސިލް އިދާރާ/އަވަށު އޮފީސްތަކުން ރަސްމީ ލިޔެކިއުންތައް ބަލައިގަތުމަށް ކަނޑައަޅާފައިވާ ނިޒާމެއްގެ ތެރެއިން ޝަކުވާ ހުށަހެޅުމަށްވެސް އެ ކޮމިޝަނުން އެދެއެވެ.