ކުޑަކުދިން އިންޓަނެޓުގެ އަނދިރި ފަރާތުން ސަލާމަތްކުރުމަށް އެންމެން އެކުގައި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވެފައި މިވަނީ ރައްކާތެރިކޮށް އިންޓަނެޓް ބޭނުންކުރުމާ ބެހޭގޮތުން ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 3 އިން 9ގެ ދަރިވަރުންނަށް ހާއްސަކޮށްގެން ހިންގާ "ބީ އިންޓަނެޓް އޯސަމް" ކޯސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައެވެ. މި ކޯސް އިފްތިތާހުކުރީ މިއަދު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އިންޓަނެޓުގެ ޕޮޒިޓިވް ފަރާތެއްވާ ފަދައިން އިންޓަނެޓުގެ އަނދިރި ފަރާތެއްވެސްވާ ކަމަށެވެ. އަދި ދިރިއުޅުމުގައި މިހާބޮޑަށް ބޭނުންޖެހިފައިވާ ކަމެއްގައި މިހާރަށްވުރެ ރައްކާތެރިގޮތެއްގައި އިންޓަނެޓް ބޭނުންކުރެވޭނެ ގޮތްގޮތަށް ބަލަންޖެހޭ ކަމަށެވެ.

"ވަކިން ހާއްސަކޮށް ކުޑަކުދިން އިންޓަނެޓުގެ އަނދިރި ފަރާތުން ސަލާމަތްކުރުމަށް އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްތަކެއް ކުރަންޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ސްކޫލުތަކުގެ ދަރިވަރުންނަށް މި ކޯސް ކުރިއަށް ގެންދާނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުންނެވެ. މި ކޯސް ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 3 އިން 9އާ ދެމެދުގެ ހުރިހާ ދަރިވަރުން ފުރިހަމަ ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ރައްކާތެރިކޮށް އިންޓަނެޓް ބޭނުންކުރުމަށް އަހުލުވެރި ކުރުމުގެ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީ އާއި ޔުނިސެފް އަދި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ "ސައިބާ ސްމާޓް" ކެމްޕެއިންގެ ޕޯސްޓަރާއި ޓްރެއިލާ ވެސް ލޯންޗްކޮށް ދެއްވައިފައެވެ.

މި ކެމްޕެއިނަކީ ސްކޫލް ކުދިން ކިޔެވުމަށާއި އެހެން ބޭނުންތަކަށް ރައްކާތެރިކޮށް އިންޓަނެޓް ބޭނުންކުރުމާބެހޭ މައުލޫމާތު ދިނުމަށްޓަކައި ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ކެމްޕެއިންގެ ދަށުން ކުދިންނާއި ބެލެނިވެރިންނާއި ޓީޗަރުންނަށް އިންޓަނެޓް ސޭފްޓީ އާއި އޮންލައިން ލާނިންގް ފަދަ މައުލޫއާގުޅޭ މައުލޫމާތު، ޕޯސްޓަރާއި ވީޑިއޯ އަދި އެހެނިހެން ގޮތްތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހިއްސާކުރެވިގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.