އައްޑޫ ސިޓީ ހިތަދޫ ކްލަސްޓާއާ ގުޅިގެން ގދ. ތިނަދޫން މީހަކު ޕޮޒިޓިވްވުމުން ރެންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ތެރެއިން މީހަކު ޕޮޒިޓިވްވުމުން އެރަށުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށްފިއެވެ.
އެ މީހާ ޕޮޒިޓިވްވެފައިވަނީ މިއަދުއެވެ.
ތިނަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، މިއަދުން ފެށިގެން އެރަށުގެ ސައިހޮޓާތަކާއި ރެސްޓޯރެންޓްތައް ރޭގަނޑު 11:00 ގައި ބަންދުކުރަން ޖެހޭނެ ކަމަށެވެ. އަދި ފިހާރަތަކާއި ގާޑިޔާތައް ރޭގަނޑު 10:00 ގައި ބަންދު ކުރަން ޖެހޭނެ ކަމަށެވެ.
އިއުލާނުގައި ބުނީ، ކަސްރަތު ކްލާސްތަކާއި ޖިމާއި ދުވާ ޓްރެކް އަދި ހުރިހާ ކުޅިވަރު ކޯޓުތަކެއްވެސް މިއަދުން ފެށިގެން ބަންދުވާނެ ކަމަށެވެ.
މީގެ އިތުރުން ފަރުމަސްވެރިކަމަށްވެސް ނުކުމެވޭނީ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށާއި ކަނޑުމަސްވެރިކަމަށްވެސް ނުކުމެވޭނީ ކައުންސިލާއި ވެވޭ ހާއްސަ އިގުރާރެއްގެ ދަށުން ކަމަށް ތިނަދޫ ކައުންސިލުން ބުންޏެވެ.
ތިނަދޫ މޮނީޓަރިންގެ ހާލަތަށް ލާފައިވާއިރު، އެރަށުގެ ޕާކްތަކާއި ސްކޫލުތަކާއި ޔުނިވާސިޓީތަކާއި ޓިއުޝަން އަދި ގުރުއާން ކްލާސްތައްވެސް ވަނީ ބަންދުކޮށް، ކިޔަވައިދިނުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އަންގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު