ލޯކަލް ކައުންސިލް އިންތިހާބު ކުރުމަށް ފޯމު ހުށަހެޅި ކެންޑިޑޭޓުންގެ ތެރެއިން އިތުރު އަށް ކެންޑިޑޭޓަކު ނަން ނަގައިފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ނަން އަނބުރާ ނަގަން ހުޅުވާލުމާއިއެކު ގިނަ ކެންޑިޑޭޓުން ދަނީ ނަން ނަގަމުންނެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން އެންމެ އެންމެ ފަހުން ނަން ނަގާފައިވަނީ، ބ. ފެހެންދޫ ކައުންސިލަށް ކުރިމަތިލި ކެންޑިޓަކާއި ހދ. ނޮޅިވަރަންފަރު ކައުންސިލްގެ ރައީސަށް އަމިއްލަ ގޮތުން ކުރިމަތިލި ކެންޑިޑޭޓަކާއި، ތ. އޮމަދޫ ކައުންސިލްގެ މެންބަރުކަމަށް އަމިއްލަ ގޮތުން ކުރިމަތިލި ކެންޑިޑޭޓަކާއި ހދ. ތަކަންދޫ ކައުންސިލްގެ މެންބަރުކަމަށް އަމިއްލަ ގޮތުން ކުރިމަތިލި ކެންޑިޑޭޓަކާއި ށ. ފީވަކު ކައުންސިލްގެ މެންބަަރުކަމަށް އަމިއްލަ ގޮތުން ކުރިމަތިލި ކެންޑިޑޭޓަކާއި އދ. ހަންޏާމީދޫ ކައުންސިލްގެ މެންބަރުކަމަށް ޕީޕީއެމުން ކުރިމަތިލި ކެންޑިޑޭޓަކާއި އއ. ފެރިދޫ ކައުންސިލަށް ޖޭޕީން ކުރިމަތިލި ކެންޑިޑޭޓެއްގެ އިތުރުން ދ. މީދޫ ކައުންސިލަށް އެމްޑީއޭއިން ކުރިމަތިލި ކެންޑިޑޭޓެކެވެ.

އީސީން ބުނީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު އަށް ކެންޑިޑޭޓަކު ނަން ނަގާފައިވާ ކަމަށެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރާ ދެ ކެންޑިޑޭޓުންނާއި ޕީޕީއެމްގެ ދެ ކެންޑިޑޭޓުންނާއި ޖޭޕީގެ ކެންޑިޑޭޓަކާއި އެމްޑީޕީގެ ތިން ކެންޑިޑޭޓުންނެވެ.

ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިއްޔެގެ ނިޔަލަށް 188 ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. މީގެ ތެރެއިން އެންމެ ގިނައިން ނަން އަނބުރާ ގެންގޮސްފައިވަނީ ވެރިކަންކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެއީ 84 ކެންޑިޑޭޓުންނެވެ.

ދެވަނައަށް އެންމެ ގިނައިން ނަަން އަނބުރާ ގެންގޮސްފައިވަނީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނެވެ. އެއީ 67 ކެންޑިޑޭޓެކެވެ. ޕީޕީއެމްގެ 27 ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާއިރު ޖޭޕީން ނަން އަނބުރާ ގެންދިޔައީ ނުވަ ކެންޑިޑޭޓެކެވެ.

ކައުންސިލް އިންތިހާބު ބާއްވަން ތާވަލުކޮށްފައިވާ ވަނީ އޭޕްރީލް މަހުގެ ދިހަ ވަނަ ދުވަހުއެވެ. ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންނަށް ނަން ނެގުމުގެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހު ހަމަވާނެއެވެ.