ގދ. ތިނަދޫން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ސާމްޕަލެއް ޕޮޒިޓިވް ވުމުން އެ ރަށުގައި ކޮމިޔުނިޓީ ސްޕްރެޑެއް އޮތް ކަމުގެ ބިރު ބޮޑު ވެއްޖެ އެވެ.

ތިނަދޫ ކައުންސިލް ރައީސް އަލީ އަމްޖަދު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އިއްޔެ އެރަށުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން އެއް ސާމްޕަލް މިހާތަނަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ނަމަވެސް ނެގީ ކިތައް ސާމްޕަލް ކަން ސާފު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗީއޯއޯސީން ބުނީ ތިނަދޫން ނެގި ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވުމާއި ގުޅިގެން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

އައްޑޫން ޕޮޒިޓިވް ވި މީހަކާ ކޮންޓެކްޓް ވި މީހަކު ތިނަދޫގައި ހުއްޓައި ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް ވަނީ މޮނިޓަރިން އަށް ލައިފަ އެވެ.

ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަރަންޓީން އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެދޭ ކަމަށެވެ. އަދި ރޯގާގެ އެއްވެސް އަލާމާތެއް ފާހަގަ ކުރެވޭނަމަ އެ ހޮސްޕިޓަލުގެ ހޮޓްލައިން ނަންބަރު 7934641 އާއި ހިއްސާކުރުމަށް ވެސް ވަނީ އެދިފަ އެވެ.

މި ކޭހާ އެކު ތިނަދޫގައި މިހާރު ކޮވިޑް ބަލީގެ މީހުންގެ އަދަދު ވަނީ ދެއަކަށް އަރައިފަ އެވެ.