(06 ފެބުރުއަރީގެ އަދަދާ ގުޅޭ)
سعد ގެ އެކުވެރިޔާ ޖަވާބު ދެއްވިއެވެ. "ދުޝްމިނުންގެ ޢަދަދާ މެދަކު އަޅުގަނޑު ފިކުރުބޮޑެއް ނުވޭ. އެބައިމީހުން ޙަމަލަދިނީ އަޅުގަނޑުމެންގެ ލަޝްކަރު އެހެން މައިދާނަކަށް ސަމާލުކަންދީގެން ތިބުމާއެކު ކިއްލާގެ ދިފާޢުގައި ތިބި މީހުންނަށް އެއީ ލިބުމުގެ ކުރީން ކިއްލާއަށް ވެރިވެވިދާނެކަމަށް ހީކޮށްގެން. ކިއްލާގެ މީހުންނަށް ދެދުވަހަކު ހިފަހައްޓައިލެވިއްޖެނަމަ ކިއްލާއަށް އެހީވާން އަޅުގަނޑުމެންގެ ލަޝްކަރަށް ދެވިދާނެ. އޭރުން އަޅުގަނޑުމެންގެ ސަވާރުންގެ ކުރިމަތީގައި އެބައިމީހުންނެކޭ ހިކިފަތްތަކެކޭ އެއްގޮތްވާނެ."
سعد ވިދާޅުވިއެވެ. "އަޅުގަނޑު ހައިރާންވަނީ މި ސަހަރާވީ ބަދަވީން އެހައިގިނަ ނައުފަހަރު ހޯދިގޮތަކާމެދު."
"ކަލާ ތިޔަ ދެކެވަޑައިގެންނެވީ އެބައިމީހުންގެ ކަނޑުގެ އަރުމާދުގެ ވަރަށް އާދައިގެ މިންވަރެއް. ޔޫރަޕުގެ އެތައް ދައުލަތްތަކެއްގެ ކަނޑުފޭރޭ މީހުންވަނީ އެމީހުނާ ބައިވެރިވެފައި. ޞަލީބީ ދައުލަތްތަކުގެ ވެރީންވެސް އެބައިމީހުންނަށް އެހީދެއްވާ. އެފުރިކާގެ އުތުރުގައި މުސްލިމުން ހޭލައިގަތުމަކީ ޞަލީބީންގެ ނަޒަރުގައި އެބައިމީހުންނަށްހުރި ނުރައްކަލެއް. އަޅުގަނޑު ބިރުގަންނަނީ ބާޣީ ޤަބީލާތަކާ ދެކޮޅަށް އަޅުގަނޑުމެން މިކުރާ ހަނގުރާމަ ދިގުލައިގެން ހިނގައްޖެނަމަ ރޫމީންނާއި ގްރީކުންނާއި އަންދަލުސުގެ އުތުރުގެ ޢީސާއީން އެފުރިކާގެ އައްސޭރިޔަށް ފާޅުގައި ޙަމަލަދީފާނެތީ. އަޅުގަނޑުމެން ހުޅަނގުދެކުނަށް އަޅުގަނޑުމެންގެ ދައުލަތް ފުޅާކުރުމުގެ ކުރީން މިހިސާބުގައި ބާރުގަދަކުރާން އިސްކަންދެނީ އެހެންވެ. އަޅުގަނޑަށް ޔަގީން. ދުޝްމިނުން އެއްފަހަރާ ކަނޑުމަގުންނާއި އެއްގަމު މަގުން ކިއްލާއަށް ޙަމަލަދިނުމުގެ މަޤުޞަދަކީ އަޅުގަނޑުމެންނަށް އެފުރިކާގެ އައްސޭރި ޙިމާޔަތްކުރުމުގެ ޤާބިލުކަން ލިބިފައިވަނީ ކިހައިވަރަކަށްތޯ ވަކަރު ޖަހައިލުން. ބާޣީ ޤަބީލާތަކަށް ކިއްލާ ހިފިއްޖެނަމަ އުތުރުގެ ޞަލީބީ ދައުލަތްތަކުން ބާޣީންނަށް ފޯރުމާލާއި އަފުރާދީ އެހީ ފޯރުވުމުގެ ދޮރު ހުޅުވިދާނެ."
"މުސްލިމުންވެސް ތިޔަ ވިދާޅުވި ބާޣީ ޤަބީލާތަކާ ބައިވެރިވޭތޯ؟" سعد ސުވާލުކުރެއްވިއެވެ.
"އާދެ. ނަމުގައި މުސްލިމުން ކަމުގައިވާ ބައެއް ޤަބީލާތަކުންވެސް ބާޣީންނާ ބައިވެރިވޭ.
އެ ޤަބީލާތަކުގެ ސަރުދާރުންނާއި ޝައިޚުން ދެކެވަޑައިގަންނަވާ ގޮތުގައި އެފުރިކާގައި ބާރުހުރި އިސްލާމީ ދައުލަތެއް އުފެދުމަކީ އެބޭފުޅުންގެ އަމިއްލަފުޅު ވެރިކަމަށްހުރި ނުރައްކަލެއް. އަޅުގަނޑުމެން ދެކޭގޮތުގައި އެފުރިކާގެ މުސްތަޤުބަލަށް އެފަދަ އިސްލާމީ ޤަބީލާތަކުގެ ނުރައްކާތެރިކަން ޣައިރު އިސްލާމީ ޤަބީލާތަކަށްވުރެ ވަކި ކުޑައެއް ނޫން.
* * * * * * * * * * *
އިރުއޮއްސި އިރާދަން ހުސްވެއްޖެއެވެ. ވަރުބަލިވެފައިވާ ޖަމަލުތައް މަޑުމަޑުން ކުރިޔަށްދެއެވެ. سعد އާއި އޭނާގެ އެކުވެރީން ވަނީ ބަނޑުހައިފުޅުކަމާއި ވަރުބަލިފުޅުކަމުގެ ސަބަބުން ހާލުކޮޅެއް ނެތިފައެވެ. ވެލިފަރުބަދައެއް ހުރަސްކުރެއްވުމާއެކު އެބޭފުޅުންނަށް އަވަށެއްގެ އަލި ފެނިވަޑައިގެންފިއެވެ. ބަރުބަރީ ޤައިދީން ދެންނެވިއެވެ. "ބައްލަވާ. ތިޔަބޭފުޅުންގެ މަންޒިލަށް އާދެވިއްޖެ. ތިޔަބޭފުޅުންގެ މުޢަސްކަރު ހުރީ މިއަވަށުގެ އަނެއްފަރާތުގައި."
އެ އަވަށުގެ އެއްފަރާތަކުން ލައްވައިފައި ކަދުރު ދަނޑެއްގެ ތެރެއިން އެ އަވަށުގެ އަނެއްފަރާތަށް ވަޑައިގެންނެވުމުން އެބޭފުޅުންގެ ހައިރާންފުޅުކަން ދިޔައީ އިންތިހާޔަށެވެ. ލަޝްކަރެއްގެ މުޢަސްކަރު އެއްކިބާގައި އޮއްވައި އެތާނގައި އާދައިގެ ޤާފިލާއެއްގެ އަސަރެއްވެސް ފެންނާކަށެއް ނެތެވެ. އެބޭފުޅުން ކަންބޮޑުވެވަޑައިގެން އަނދިރީގެ ތެރޭގައި ދެލޯފުޅު ބޮޑުކުރައްވައިގެން އެއްބޭފުޅަކު އަނެއްބޭފުޅަކާ ދިމާޔަށް ބައްލަވާން ތިއްބެވިއެވެ.
سعد އޭނާގެ ދުނިދަނޑީގައި ދުންޏެއް ރުވައިލައްވައިފައި އޭނާގެ އެކުވެރިޔާގެ އަރިހުގައި ޢަރަބިބަހުން ވިދާޅުވިއެވެ. "ހުސިޔާރުވެވަޑައިގަންނަވާ. ހީވަނީ މިބައިމީހުން އަޅުގަނޑުމެންނަށް ކެއްސެއް ދިނީހެން."
سعد ގެ އެކުވެރިޔާ ޤައިދީންނާ ދިމާޔަށް އެނބުރިވަޑައިގެން އަމުރުވެރި ރާގުގައި ވިދާޅުވިއެވެ. "ތިޔަބައިމީހުން އަހަރެމެން ތިޔަ ގެނައީ ކޮންތަނަކަށްތަ؟ ލަޝްކަރުގެ މުޢަސްކަރު ކޮބައިތަ؟ އެއްޗެކޭ ނުބުނެ ތިޔަ ތިބީ ކީއްވެތަ؟"
ޤައިދީންކުރެ އެކެއް އޭނާގެ ހައިރާންކަމުގެ މައްޗަށް ބާރުފޯރުވާން މަސައްކަތްކުރަމުން ބުންޏެވެ. މީގެ ފަސްދުވަސް ކުރީން ތިޔަބޭފުޅުންގެ ފައުޖު މުޢަސްކަރު ހަދައިގެންތިބީ މިތާނގައި. އަޅުގަނޑުމެންނަށް އެނގެނީ އެވަރަށް. ކަލާ ޖަމަލުން ފައިބައިވަޑައިގެން ބައްލަވައިލައްވާ. މުޢަސްކަރުގެ އަސަރު ފެނިވަޑައިގަންނަވާނެ. އެހެންނޫނީ މިއޮއްފެންނަ އަވަށަށް ވަޑައިގެން އަވަށުގެ މީހުނާ ސުވާލުކޮށްލައްވާ. ފަހަރެއްގައި އެމީހުންނަށް އެނގިދާނެ ލަޝްކަރު ދިޔަ ދިމާއެއް."
سعد ވިދާޅުވިއެވެ. "ތިޔަބައިމީހުން ހަނދާންކުރާތި އަހަރެމެންނަށް އެއްވެސްކަހަލަ ނުރައްކަލެއް ކުރިމަތިވެއްޖެނަމަ ތިޔަބައިމީހުންނަށް މާކަރަނގަޅެއް ނުވާނެ." سعد އޭނާގެ އެކުވެރިޔާއާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. "ކަލާ ވަށައިގެން ހޯއްދަވަބައްލަވާ. އަޅުގަނޑާ މި ދެމީހުން ބަލަހައްޓާނަން."
ކުއްލިޔަކަށް އެއްފަރާތަކުން މީހެއްގެ އަޑު އިވިއްޖެއެވެ. "ކޮންބައެއްތަ؟"
މިކޮޅުން ޖަވާބެއް ނުދިނުމުން ކޮންމެވެސް މީހެއް ވަރަށް ބާރަށް ބުންޏެވެ. "ކޮންބައެއްތަ؟ ކީއްވެގެންތަ ޖަވާބެއް ނުދެނީ." އެއާއެކު އަނެއްފަރާތުންވެސް ބަޔަކުމީހުންގެ އަޑު އިވިއްޖެއެވެ. "ކޮންބައެއްތަ؟ ކީއްވީތަ؟ މިތާހުރެ ތިޔަ ގޮވަނީ ކޮންބަޔަކުތަ؟"
سعد ގެ އެކުވެރިޔާ ވިދާޅުވިއެވެ. "ފައުޖު މިތަނުން ދިޔައިރު މުޢަސްކަރު އެކަށް ހުސްކުރީ ކަމުގައިވެދާނެ." އެކަމަކު މިތާނގައި ބަލިމީހުންނާއި ޒަޚަމީންނާއި އެބައިމީހުންގެ ފާރަވެރީން ތިބޭންޖެހޭނެ."
ބަރުބަރީ ޤައިދީއެއް މަޑުމަޑުން ބުނެލިއެވެ. "އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ކެހިދިނީކަމުގައި އަދިވެސް ގަބޫލު ކުރައްވަމުތޯ؟"
"ނޫން." سعد ގެ އެކުވެރިޔާ ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމާއެކު ވިދާޅުވިއެވެ. އޭނާ ތަންކޮޅެއް ދުރުގައި އެކަކު އަނެކަކާ ބަހުސުކުރާންތިބި ސިފައިންނަށް ގޮވައިލައްވައިފައި ވިދާޅުވިއެވެ. "މިއީ މުރާބިޠީންގެ ލަޝްކަރުގެ މުޢަސްކަރުތަ؟"
ކޮންމެވެސް މީހެއް ޖަވާބު ދިނެވެ. "ތިޔައީ ކާކުތަ؟ ތިޔަތާ މަޑުކުރޭ!"
"އަހަރެމެން މިއައީ ވަރަށް މުހިންމު ޚަބަރަކާއިގެން."
ސިފައިންގެ އަށެއްކަ މީހުން ހަމައެވަގުތު އެބޭފުޅުންގެ ވަށައިގެން ޖަމާވެއްޖެއެވެ. ފާރަވެރީންގެ އެކަކު ސުވާލުކުރިއެވެ. "ތިޔަބައިމީހުން ތިޔައައީ ކޮންތަނަކުންތަ؟"
سعد ގެ އެކުވެރިޔާ އެސުވާލުގެ ޖަވާބު ދެއްވުމުގެ ބަދަލުގައި ސުވާލު ކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރޭގައި سيـربن أبى بـكـر ފެނުމުން އެނގޭނެ މީހަކު އެބަހުރިތަ؟"
ފާރަވެރީންކުރެ އެކެއް ކަންބޮޑުވުމާއެކު ހަޅޭއްލަވައިގަތެވެ. "أميــرالبحـر سيـربن أبى بـكـر! މާތް اللّـه ގަންދެން. އަޅުގަނޑަށް މަނިކުފާނުގެ އަޑުފުޅު ފާހަގަވި. އެކަމަކު މަނިކުފާނަށް މިވަގުތު މިތަނަށް ވަޑައިގެންނެވޭނެ ކަމަކަށް އަޅުގަނޑަކަށް ވިސްނައެއް ނުގަނެވުނު."
"أميـر يـوسف ވަޑައިގެންވީ ކޮންތަނަކުތަ؟"
ފާރަވެރިޔާ ޖަވާބުދިނެވެ. "أميـر އިހަށްދުވަހު ވަޑައިގެންނެވީ އިރުމަތީފަރާތަށް. މިއަދު އަޅުގަނޑުމެންނަށްވަނީ އަޅުގަނޑުމެންގެ ލަޝްކަރު މިތަނާ ވިހި ކޯހުގެ ދުރުން ދުޝްމިނުންގެ ވަރަށްބޮޑު ލަޝްކަރެއް ބަލިކޮށްލިކަމުގެ އުފާވެރި ޚަބަރު ލިބިފައި. ބާޣީންގެ އިސްސަރުދާރުންގެ ފަނަރަ މީހަކު ވަނީ ހައްޔަރުކުރެވިފައި. أميـر ދެދުވަހެއްގެ ތެރޭގައި އެނބުރި ވަޑައިގެންނެވުން އެކަށީގެންވޭ."
سعد އޭނާގެ އެކުވެރިޔާގެ އަރިހުގައި ޖަމަލުމަތީން ފައިބައިވަޑައިގެންފިއެވެ. ފާރަވެރީންގެ މަގުދެއްކުމާއެކު އެ ދެބޭފުޅުން ކޭމްޕުގެ ތެރެޔަށް ވެދެވަޑައިގެންފިއެވެ. އިރުކޮޅެއްގެ ތެރޭގައި ސިފައިންގެ ދެމީހުން ދަންމަރު ހިފައިގެން سيـربن أبى بـكـر ގެ ދެފަރާތްޕުޅުގައި ތިއްބެވެ. އޭނާ ކޭމްޕުގެ ކޮމާންޑަރާ ވާހަކަފުޅު ދައްކަވަނީއެވެ. سعد ގެ ދަތުރުފުޅުގެ ބައިވެރިޔާއަކީ أميـر يـوسف بـن تـاشـفـيـن ގެ ދެބެއިންގެދެދަރި ކޮއްކޯފުޅު އަދި މުރާބިޠީންގެ أميــرالبحـر ކަމުގައިވެދާނެ ކަމަކަށް سعد އަށް ކުޑަކޮށްވެސް ލަފާކޮށްލެއްވިފައެއް ނެތެވެ. އޭނާ ހުންނެވީ ދަންމަރުގެ އަލީގައި أميــر سيـربن أبى بـكـر އާ ދިމާޔަށް ވިސްނުންތެރިކަމާއެކު ބައްލަވާށެވެ.
سيـربن أبى بـكـر ކޭމްޕުގެ ކޮމާންޑަރުގެ އަރިހުގައި ވިދާޅުވިއެވެ. "އަޅުގަނޑު أميـر يـوسف ގެ އަރިހަށް ވަރަށް އަވަހަށް ދާންޖެހޭ. އަޅުގަނޑަށް އަހެއް ތައްޔާރުކުރައްވާ. އަޅުގަނޑާ އެކުގައި ދާން ރަނގަޅަށް މަގު ދަންނަ ހަތަރު އަސްވާރުން ތައްޔާރުކުރައްވާ. ތައްޔާރުކުރެވެންވާއިރަށް އަޅުގަނޑުމެންނަށް ކާއެއްޗެހި ގެންނަވާ. އިތުރު އުނދަގުލެއް އުފުއްލަވާނެކަމެއް ނެތް. މިވަގުތު ލިބެންހުރި އެއްޗެއް ގެންނާން އަންގަވާ. އަޅުގަނޑުމެންގެ ވަގުތުގެ އަގު ވަރަށްބޮޑު.
سيـربن أبى بـكـر އެކަންކަން ހަމަޖެއްސެވުމަށްފަހު سعد އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ކަލާ މިތާނގައި އަރާމުކުރައްވާ! އަޅުގަނޑުގެ މަންޒިލް ވަރަށް ދުރު."
"ނޫން. އަޅުގަނޑު ކަލާގެ އަރިހުގައި ދާނަން. ރަނގަޅީވެސް ކަލާ އަރާމުކުރެއްވުން. أميـر ގެ އަރިހަށް އަޅުގަނޑު ޚަބަރާއިގެން ދިޔުން. ކަލާގެ ޒަޚަމު ނުބައިވެދާނެތީ އަޅުގަނޑު ބިރުގަނޭ."
سيـر بن أبى بـكـر ހިނިފުޅުވަޑުވައިލައްވައިފައި ވިދާޅުވިއެވެ. "ޒަޚަމުގެ މައްޗަކުން މިހާރަކު އަޅުގަނޑު ހަނދާނެއްވެސް ނެތް."
أميــر سيـربن أبى بـكـر އާއި سعد އާ ދެބޭފުޅުން ކަދުރާއި ހިކިރޮއްޓާއި ޗީޒާ ފަރީއްކުޅުއްވައި ފެންފޮދު ހިއްޕަވައި ނިމިވަޑައިގެން ދަތުރު ފައްޓަވާން ތައްޔާރުވެވަޑައިގެންފިއެވެ. سيـربن أبى بـكـر އަސްމައްޗަށް ސަވާރުވެވަޑައިގަންނަވަމުން ބަރުބަރީ ޤައިދީންނާ ބެހޭގޮތުން ކޭމްޕުގެ ކޮމާންޑަރަށް އެންގެވިއެވެ. "މިބައިމީހުން ތިންދުވަސް ވަންދެން އަޅުގަނޑުމެންގެ މެހުމާނުންގެ ގޮތުގައި ބައިތިއްބަވާ. ތިންދުވަހަށްފަހު ކަމޭހިއްތެވުމާއެކު އެބައިމީހުން ފޮނުއްވައިލައްވާ. އެއިން ކޮންމެ މީހަކަށް އަޅުގަނޑުމެންގެ ފަރާތުން އަހަކާއި ކޮންމެ މީހަކަށް ފަންސާސް ދީނާރު އިނާމަށް ދެއްވާތި. ޖަމަލުތައްވެސް އެބައިމީހުންނަށް ދެއްވާތި. އެކަމަކު އެބައިމީހުން ތިންދުވަސް ވަންދެން މިތާނގައި ބައިތިއްބެވުން ކޮންމެހެންވެސް ބޭނުން."
* * * * * * * * * * *
سيـربن أبى بـكـر އާއި سعد އާ ދެބޭފުޅުން ފަތިސްނަމާދުގެ އިރުކޮޅެއްފަހުން أميـر يـوسف ގެ މުޢަސްކަރަށް ވެދެވަޑައިގެންފިއެވެ. އެ ދެބޭފުޅުން އަސްމަތީން ފުންމައިލެއްވުމާއެކު ސިފައިންގެ ބަޔަކު އެބޭފުޅުން ވަށައިލައިފިއެވެ.
سيـربن أبى بـكـر ސިފައިން އަދަބުވެރިކަމާއެކު ކުރަމުންގެންދިޔަ ސަލާމަށް އަތްޕުޅުގެ އިޝާރަތުން ޖަވާބު ދެއްވަމުން ސުވާލު ކުރެއްވިއެވެ. "أميـر يـوسف ވަޑައިގެންވީ ކޮންތަނަކުތަ؟"
ސިފައިންގެ މީހެއް ޖަވާބު އެރުވިއެވެ. "އަޅުގަނޑާއެކު ވަޑައިގަންނަވާ أميـر ވަޑައިގެންވީ ފޭލިގެކޮޅުގައި."
سيـربن أبى بـكـر، سعد ގޮވައިގެން ސިފައިންގެ މީހާގެ ފަހަތުން ވަޑައިގެންފިއެވެ. سعد އޭނާގެ ހިތްޕުޅުން އިޙުސާސްކުރައްވަމުން ގެންދެވީ އަޖައިބުވެ ހައިރާންވާފަދަ ތެޅުންތަކެކެވެ. އެފުރިކާގެ އަރައިހުންނެވި ބަޠަލުގެ ތަފާތު ތަސްވީރުތަކެއް އޭނާގެ ހިތްޕުޅުގެ ސްކްރީނުން ފެނިގެއްލެމުންދެއެވެ. އެބޭފުޅުންނަށް މަގުދައްކާ މީހާ ތަނަވަސް ފޭލިގެކޮޅެއްގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ. ފޭލިގެކޮޅުގެ ދޮރުކޮޅުގެ ފަރުދާ ވަނީ ނަގައިފައެވެ. سيـربن أبى بـكـر އާއި سعد އާ ދެބޭފުޅުން އެފޭލިގެކޮޅަށް ވެދެވަޑައިގެންފިއެވެ.
أميـر يـوسف بـن تـاشـفـيـن އިންނެވީ ކަދުރުރުކު ފަނުގެ ސަޓައެއްގެ މަތީގައެވެ. އޭނާ ކާތިބަކަށް އެއްޗެއް އިމްލާކޮށްދެއްވަނީއެވެ. سيـربن أبى بـكـر "السّـلام عليكم" އެވެ ވިދާޅުވުމުން أميـر يـوسف ސަލާމުން ޖަވާބު ދެއްވަމުން އިސްއުފުއްލަވައި ބައްލަވައިލެއްވިއެވެ. އޭނާގެ ނަޒަރު އިރުކޮޅެއްވަންދެން އޭނާގެ ދެބެއިންގެދެދަރި ކޮއްކޯފުޅުގެ މޫނުފުޅަށް ހުއްޓައިލެއްވިއެވެ. އޭނާގެ މޫނުފުޅާއި ބުރުސޫރަފުޅުގައިހުރީ ސާދާކަމާއި ސާބިތުކަމާއި ހަރުދަނާކަމެވެ. ހަމައެއާއެކު އާދަޔާ ޚިލާފު ތޫނުފިލިކަމަކާއި ކީރިތި މޫރިތި ކަމެކެވެ. އޭނާގެ ބެއްލެވުމުގައިވާ ސުވާލު ކުރެއްވުމުގެ ބާރަކީ ނިދައިފައި އޮއްވައި ތޮޅެ ހޭލައްވައިލެވޭ ސިންގާއެއްގެ ލޮލުގައި ހުންނަފަދަ އޮޅުންފިލުވުމުގެ ޝައުޤު ހާމަވާ ބާރެކެވެ.
سيـربن أبى بـكـر ވިދާޅުވިއެވެ. "أميـر އެވެ. އަޅުގަނޑު މިއައީ ވަރަށް ނުބައި ޚަބަރަކާއިގެން."
"ކަނޑުމަތީގެ ބަދަލުގައި ސަހަރާގެ ތެރެއިން ކޮއްކޮ ފެނުމަށްވުރެ ނުބައި ޚަބަރެއް އޮންނާނެތޯ؟" أميـر يـوسف އެހެން ވިދާޅުވަމުން ތެދުވެވަޑައިގެންފިއެވެ. އޭނާ ނިޔާކަނޑައަޅުއްވާ ރާގުގައި ވިދާޅުވިއެވެ. "ކޮއްކޮ އިތުރު ތަމްހީދެއް ގެންނެވުމުގެ ބޭނުމެއްނެތް. ހުރިހައި ވާހަކަތަކެއް އަޅުގަނޑު ގާތު އަވަހަށް ވިދާޅުވޭ!"
سيـربن أبى بـكـر ވަރަށް ކުރުކޮށް އޭނާގެ ވާހަކަފުޅު ވިދާޅުވެދެއްވައިފިއެވެ. سعد އުންމީދު ކުރެއްވިގޮތާ ޚިލާފަށް މުރާބިޠީންގެ أميـر އެހުރިހައި ވާހަކަފުޅުތަކެއް އަޑުއެއްސެވީ އިންތިހާދަރަޖައިގެ ހަމަޖެހިވަޑައިގެންނެވުމާއި މަޑުމައިތިރިފުޅުކަމާ އެކުގައެވެ. އޭނާގެ ތަނަވަސް ނިތްކުރިފުޅަށް ރުލެއްވެސް އަރުއްވައެއް ނުލައްވައެވެ. މޫނުފުޅުމަތީގައި ކުޑަކޮށްވެސް ކަންބޮޑުވެވަޑައިގެންނެވުމުގެ އަސަރެއް ނެތެވެ. سيـر ގެ ވާހަކަފުޅު ނިމުމާއެކު أميـر يـوسف އޭނާގެ ކޮއްކޯފުޅާ ސުވާލު ކުރައްވާން ފެއްޓެވިއިރު سعد އަށް ހީފުޅުވީ ތެމާ ކަނޑެއްގެ އެންމެ އަޑީން ޠޫފާނެއް އުފެދޭން ފެށިހެންނެވެ. އޭނާ ފޭލިގެކޮޅުން ބޭރަށް ނުކުމެވަޑައިގެން ބާރު އަޑުފުޅުން ސިފައިންނަށާއި ކޮމާންޑަރުންނަށް އަމުރުކުރައްވާން ފެއްޓެވުމުން سعد އަށް ހީފުޅުވީ ޙަޔާތުގެ ހުރިހައި އަބުއިކަމަކާއި ކީރިތިކަމެއް އެ ދަރުވޭޝީ ޚަޞީލަތުގެ ވެރި أميـر ގެ ވުޖޫދާ އެއްވިހެންނެވެ. ކުޑަކުޑައިރުކޮޅެއްގެ ކުރީން ފޭލިގެކޮޅުގައި އިންނެވިއިރު ލޯތްބާއި ކުލުނުވެރިކަމާއި އޯގާވެރިކަން ނިހާޔަތަށް ހާމަވަމުންދިޔަ ރީތި ލޯފުޅުން މިހާރު ހީވަނީ ވިދައި ގުގުރައި ހޮނުއަޅާހެންނެވެ. ދާދި ކުޑައިރުކޮޅެއްގެ ތެރޭގައި ފަސްހާސް އަސްވާރުން އެތިބީ އޭނާގެ އަމުރުފުޅުގެ އިންތިޒާރުގައި ތައްޔާރަށެވެ. ދަތުރު ފެއްޓެވުމުގެ ކުރީން އޭނާގެ ފައިމަތީ ހަނގުރާމަކުރާ ސިފައިންގެ ކޮމާންޑަރަށް އަމުރުކުރެއްވިއެވެ. "ކަލާ ސިފައިން ގޮވައިގެން އަޅުގަނޑުމެންގެ ކުރީގެ މުޢަސްކަރަށް ވަޑައިގަންނަވާ! އެތާނގައި އަޅުގަނޑުގެ ދެވަނަ އަމުރަކަށް އިންތިޒާރު ކުރައްވާ!" ދެން އޭނާ އެނބުރިވަޑައިގެންނެވީ سيـربن أبى بـكـر އާ ދިމާޔަށެވެ. "سيـر! ކޮއްކޮ ތިޔަހުންނެވީ ޒަޚަމުވެވަޑައިގެންފައި. އަރާމުކުރައްވާ!"
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު