ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ކުރައްވާ ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބަންގްލަދޭޝަށް ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ، ދެ ދުވަހުގެ މި ދަތުރަކީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. އޭ.ކޭ. އަބްދުލް މޮމެންގެ ދައުވަތަކަށް މިނިސްޓަރު ޝާހިދު ކުރައްވާ ދަތުރެއް ކަމަށެވެ.
މި ދަތުރުގައި މިނިސްޓަރު މޮމެންއާއެކު މިނިސްޓަރު ޝާހިދު ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. އަދި ބަންގްލަދޭޝްގެ ރައީސް އެމްޑީ އަބްދުލް ހާމިދް އާއި ބޮޑުވަޒީރު ޝެއިހް ހަސީނާގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާނެ އެވެ.
ދަތުރަށް ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރު ޝާހިދު ވިދާޅުވީ، ރާއްޖެ އާއި ބަންގްލަދޭޝްއަކީ ހާއްސަ ގުޅުމެއް އޮންނަ ދެ ގައުމު ކަމަށެވެ. އަދި ބަންގްލަދޭޝްގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ރާއްޖޭގައި ދިރިއުޅޭއިރު، އެގައުމުގެ ރައްޔިތުން ރާއްޖޭގެ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތްތަކަކީ އޭގެ އަގު ވަޒަންކުރަން ޖެހޭ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ރަޖިސްޓްރީ ނުވެ، ގަވާއިދާ ހިލާފަށް ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުން އުޅޭ މައްސަލައަކީ ވެސް ހައްލު ކުރަން ޖެހޭ މައްސަލައެއްގައި ކަމަށާއި މި ދަތުރުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޝާހިދު އިތުރަށް ވިދާޅުވީ، މި ދަތުރުގައި ދެ އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށެވެ. އެއް އެއްބަސްވުމަކީ ބަންގްލަދޭޝްގެ މަސައްކަތްތެރިންނާ ގުޅޭ އެއްބަސްވުމެއް ކަމަށާއި އަނެއް އެއްބަސްވުމަކީ ދެގައުމުގެ ފޮރިން ސާވިސް އެކެޑެމީގެ ދެމެދުގައި ސޮއިކުރާ އެއްބަސްވުމެއް ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އެއްބަސްވުންތަކުގެ ތަފުސީލެއް ނުދެއްވަ އެވެ.
މިނިސްޓަރު ޝާހިދުގެ އަރިހުގައި މި ދަތުރުގައި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދާއި ޖޮއިންޓް ސެކްރެޓަރީ ފާތުމަތު ގިނާ ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު