ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓަރު، ޗައިނާ ގްލޯބަލް ޓެލެވިޝަން ނެޓްވޯކް (ސީޖީޓީއެން) އަށް ދޫކޮށްފައިވާ ބްރޯޑްކާސްޓު ކުރުމުގެ ލައިސެންސް އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަން އޮފީސް، އޮފްކޮމް އިން ބާތިލުކޮށްފި އެވެ.
އިނގިރޭސި ވިލާތުގެ ބްރޯޑްކާސްޓިން އޮތޯރިޓީން އެ ނިންމުން އެގޮތަށް ނިންމީ ކުރިން ސީސީޓީވީގެ ގޮތުގައި ހިންގަމުން އައި ސީޖީޓީއެންއަކީ ޗައިނާގެ ވެރިކަން ކުރާ ޕާޓީ، ޗައިނީސް ކޮމިއުނިސްޓް ޕާޓީން ކޮންޓްރޯލްކުރާ ނޫސް ނެޓްވޯކެއް ކަމަށް ބުނެ އެވެ.
އިނގިރޭސި ވިލާތުގެ ބްރޯޑްކާސްޓިން ގާނޫނު ބުނާ ގޮތުން، އެގައުމުގެ ބްރޯޑްކާސްޓު ކުރުމުގެ ލައިސެންސް އޮންނަ އެއްވެސް ފަރާތަކުން ބްރޯޑްކާސްޓު ކުރާ ކޮންޓެންޓަށް އަމިއްލަ ކޮންޓްރޯލް އޮންނަންޖެހެ އެވެ. ނަމަވެސް އޮފްކޮމްގެ ތަހުގީގުގައި ބުނާ ގޮތުން، ސީޖީޓީއެން ހިންގާ ސްޓާ ޗައިނާ މީޑިއާ ލިމިޓެޑްގެ އަތުގައި އެ ޓީވީން ދައްކާ ކޮންޓެކްޓަކަށް އެޑިޓޯރިއަލް މަސްއޫލިއްޔަތެއް ނެތެވެ. އެހެންކަމުން އެ ކުންފުންޏަށް ލައިސެންސެއް ނުދެވޭނެ އެވެ.
އޮފްކޮމް އިން އިތުރަށް ބުނީ، ސްޓާ ޗައިނާ މީޑިއާ ލިމިޓެޑަށް ދީފައި އޮތް ލައިސެންސް ސީޖީޓީއެން ކޯޕަރޭޝަން ނަމަކަށް ކިޔާ އެހެން ޖަމިއްޔާއަކަށް ބަދަލުކުރަން އުޅުނު ނަމަވެސް އެޕްލިކޭޝަންގައި މުހިންމު މައުލޫމާތުތަކެއް ނެތުމުން، އެ ހުށަހެޅުން ބާތިލުކޮށްފައިވާ ކަމަށެވެ.
އޮފްކޮމްގެ މި ނިންމުމަށް މަރުހަބާ ކިޔައި ޑިޖިޓަލް، ކަލްޗާ، މީޑިއާ އެންޑް ޕޯޓް ޕާލިމެންޓަރީ ކޮމިޓީގެ ޗެއާ ޖޫލިއަން ކްނައިޓް ވިދާޅުވީ، ސީޖީޓީއެންއަކީ ޗައިނާގެ ކޮމިއުނިސްޓު ޕާޓީން ކޮންޓްރޯލްކުރާ ބްރޯޑްކާސްޓަރެއްކަން މިއަދު ކަށަވަރުވެއްޖެ ކަމަށެވެ. އަދި މީގެ ކުރިން ހޮންގް ކޮންގުގައި ކުރިއަށް ދިޔަ މުޒާހަރާތައް ކަވަރު ކުރުމުގައި އެ ނެޓްވޯކު ފެއިލްވެފައިވާއިރު އެއީ ބްރޯޑްކާސްޓު ކުރުމުގެ ކޯޑުތަކާ ހިލާފުވެފައިވާ ކަމެއް ކަމަސް ވެސް ވިދާޅުވި އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ