ނޫސްވެރިޔާ އަހުމަދު ރިޟްވާން ހުޅުމާލޭގައި ދިރިއުޅެމުންދިޔަ ފްލެޓް ކައިރިން، ފެނުނު ވަޅިއެއްގެ މައުލޫމާތު ދޭ މީހަކަށް ފަސް ލައްކަ ރުފިޔާ ދޭން ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ތަހުގީގު ކުރާ ކޮމިޓީން ހުށަހަޅައިފި އެވެ.

މަރު ކޮމިޝަނުން މިއަދު ކުރި އުލާނެއްގައި ބުނީ، ރިލްވާން ހުޅުމާލޭގައި ދިރިއުޅެމުންދިޔަ 21 ނަންބަރު ފްލެޓް ކައިރިން ގަދަ ކަމުން މީހަކު ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިފައިވާ ވަޅިއެއްގެ މައުލޫމާތު އެނގޭ ފަރާތެއްވާނަމަ އެކަން އެ ކޮމިޝަނަށް އެންގުމަށެވެ.

އަދި އެ ވަޅިއާ ގުޅޭ ގޮތުން ނުވަތަ އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން ސާބިތު ހިފޭ ވަރުގެ ސައްހަ މައުލޫމާތެއް ފޯރުކޮށްދިން ފަރާތަކަށް ފަސް ލައްކަ ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށާއި މައުލޫމާތު ފޯރުކޮށްދޭ ފަރާތެއްގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

މައުލޫމާތު ދޭން ބޭނުންވާ މީހުން އެ ކޮމިޝަނަށް ހާޒިރުވެ ނުވަތަ އެ ކޮމިޝަނުގެ ފޯނު ނަންބަރު 7390841 އަށް ގުޅައިގެން ވެސް މައުލޫމާތު ހިއްސާ ކުރެވޭނެ އެވެ.

ރިލްވާން ގެއްލުނުތާ މިހާރު ހަ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެ މައްސަލަ ތަހުގީގުކުރާ ޓީމަށް ބޭރުގެ އިންވެސްޓިގޭޓަރެއް ވަނީ ގެނެސްފަ އެވެ.