އަނިޔާގައި ހުރުމަށްފަހު ހީކުރި ވަރަށްވުރެ އަވަހަށް އެނބުރި އައިސް، ހެރީ ކޭން ޖެހި ގޯލާއެކު ޓޮޓެންހަމްއިން މުހިއްމު މޮޅެއް ހޯދައިފިއެވެ.

ޓޮޓެންހަމްއިން އަމިއްލަ ދަނޑުގައި ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާ އިރު، ކޭންގެ އިތުރުން އެޓީމަށް ގޯލް ޖަހައިދިނީ ސައުތު ކޮރެއާގެ ފޯވަޑް ހިއުން މިއުން ސޮންއެވެ. ކޭން ފިޓްވާނެ ކަމަށް ބެލެވިފައި އޮތީ އަންނަ ހަފުތާއަށް ނަމަވެސް މިއަދުގެ މެޗަށް ކޯޗު ޖޯސޭ މޮރީނިއޯ ވަނީ ކޭންއަށް ފުރަތަމަ 11 އިން ޖާގަ ދީފައެވެ. ބެލެވޭ ގޮތުގައި އެއީ ޓޮޓެންހަމް ބަލިވަމުން ދިޔަ ދިޔުމަށް ނިމުން ގެންނަން މަޖުބޫރުވެފައިވާތީ ކޮންމެހެން ނިންމަން ޖެހުނު ނިންމުމެކެވެ.

މެޗަށް ނުކުތް އިރު، އެންމެފަހުން ކުޅުނު ތިން މެޗުންވެސް ޓޮޓެންހަމް ބަލިވެފައި އޮތްއިރު، ކޭން ނެތްތަން ވަރަށް ބޮޑަށް ފާހަގަވެފައިވެއެވެ. ފުރަތަމަ ހާފުގައިވެސް ޓޮޓެންހަމްގެ ފަރާތުން ރަނގަޅު ހަމަލާތަކެއް ފެނިފައިވާ އިރު، ހާފު ނިންމާލީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ.

ދެވަނަ ހާފަށް ނުކުމެ ޓޮޓެންހަމްއިން ލީޑު ނަގަން މާ ގިނައިރެއް ނުނަގައެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި މެދުތެރެއިން ހުސްކޮށްލާފައި ޕިއޭ އެމީލް ހޮއިބިއާގް ދިން ބޯޅަ ފަސޭހަކަމާއެކު ނިންމާލީ ކޭންއެވެ. ކޭން މި ސީޒަނުގައި ޖެހި 13 ވަނަ ގޯލާއެކު އޭނާގެ އެނބުރި އައުން ފާހަގަކޮށްފައިވާ އިރު، އެ ގޯލަށް މާގިނައިރެއް ނުވެ، ސޮން ވަނީ ޓޮޓެންހަމްއަށް ލީޑު ފުޅާކޮށްދީފައެވެ.

މެޗުން މޮޅުވެ ޓޮޓެންހަމް ލީގު ތާވަލުގެ ހަތްވަނައަށް ޖެހިލާފައިވާ އިރު، ހަތަރުވަނައިގައި އޮތް ލިވަޕޫލާ އެޓީމާ އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެއްގައެވެ. ޗެލްސީން މިރޭ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުތަކުގެ ނަތީޖާއާއެކު ޓޮޓެންހަމް ތާވަލުގައި އޮތް މަގާމަށް ބަދަލުތަކެއް އައުން އެކަށީގެންވެއެވެ. ޗެލްސީން ޝެފީލްޑް ބަލިކޮށްފިނަމަ، އެޓީމުން ހަވަނައަށް ޖެހިލާނެއެވެ.