ޒުވާނުން އެކަކު އަނެކަކާ ބައްދަލުކޮށް، ހީ ސަމާސާކޮށް މަޖާކޮށްލާނެ މަރުކަޒެއް ގާއިމް ކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ގަރާރަށް ބަހުސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަކީ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާއަށްފަހު މަޖިލީހުގެ މަސައްކަތްތައް އެޖެންޑާ ކޮށްގެން ބާއްވާ ފުރަތަމަ ޖަލްސާއެވެ. މި ޖަލްސާއަކީ ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާއެވެ.
މާދަމާގެ ޖަލްސާގައި ބަހުސްކުރަން އެޖެންޑާކޮށްފައިވާ ގަރާރަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ގަރާރެކެވެ.
މާލޭގައި ޒުވާނުންނަށް ފަސޭހަ ކަމާއެކު މިއުޒިކު އަޑު އަހާލައި އެކުވެރިންނާ ބައްދަލު ކޮށްލައި ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް ގާއިމް ކޮށްދިނުމަށް އެ ގަރާރުގައި ސަރުކާރަށް ވަނީ ގޮވާލައިފައެވެ.
މި ގަރާރުގެ އިތުރުން، ތިން ކޮމިޝަނެއްގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ބޭފުޅުން އައްޔަން ކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުން ރުހުން ހޯއްދެވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ނަންތައް މަޖިލީހަށް އިއްވުމަށްފަހު އެ ނަންތައް ދިރާސާކުރުމަށް ކަމާބެހޭ މުއައްސަސާއަށް ފޮނުވުމަށްވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.
އެ ތިން މުއައްސަސާއަކީ އިލެކްޝަންސް ކޮމިޝަނާއި ބްރޯޑްކާސްޓިން ކޮމިޝަނާއި ޓެކްސް އެޕީލް ޓްރައިބިއުނަލެވެ.