ލ. އަތޮޅު ގަމު ތުނޑީ އަވަށުގެ ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލައިގައި ތުހުމަތު ކުރާ ލ. ގަން، ތުނޑި، ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސްގެ ބަނދުގެ މުއްދަތު ދަމަހައްޓައިފިއެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހުގެ ރޭ ހިންގި މި އަމަލާ ގުޅިގެން އިނާސްގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ ކުށުގެ ދައުވާއެވެ. އެ މައްސަލައިގައި ޝަރީއަތް ނިމެންދެން އިނާސް ބަންދުގައި ބެހެއްޓުމަށް މީގެ ކުރިންވެސް ކުރިމިނަލް ކޯޓުން ވަނި އަމުރުކޮށްފައެވެ.

ނަމަވެސް އޭނާގެ ބަންދު ރިވިއު ކުރުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، އޭނާއަކީ ޖިނާއީ ބޮޑު ކުށެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މީހަކަށް ވާތީ، ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ތުހުމަތުކޮށް މުޖުތަމައުގެ ސަލާމަތަށް ޓަކައި އޭނާ ބަންދުގައި ބަހައްޓައިދިނުމަށް ދައުލަތުން ހުށަހެޅިއެވެ.

ނަމަވެސް އިނާސް ބުނީ، އުމުރުން 16 އަހަރުން ފެށިގެން އޭނާއަކީ އާތުރައިޓްސް ހުންނަ މީހެއްކަމުން ފިނިއަށްޓެއްގައި ނިދަން ޖެހޭތީ، ބަލި ބޮޑުވެ ހުޅުހުޅުގައި ރިއްސައި އޭނާގެ ސިއްހީ ހާލަތު ދަށްވެފައިވާ ކަމަށެވެ. އެހެންކަމުން އޭނާ ބަންދުން ދޫކޮށްލައި ބޭސްފަރުވާގެ ކަންތައްތައް ހަމަޖެއްސުމަށާއި ނިދާނެ ގޮދަޑިއެއް ހަމަޖެއްސުމަށް އެދުނެވެ.

އޭނާ ބުނީ ބޭސްފަރުވާގެ ކަންތަކަށް ޖަލުގައި، އަހައްމިއްޔަތުކަން ނުދޭ ކަމަށެވެ.

ނަމަވެސް ދެ ފަރާތުންގެ ވާހަކަތަކަށްފަހު، މޫސާ އިނާސް ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށް މައްސަލަ ބެއްލެވި ގާޒީ ސޮފްވަތު ހަބީބު ނިންމެވިއެވެ.