އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު އެސްޓަންވިލާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން 1-0ގެ ނަތީޖާއަކުން ބަލިވެ، އާސެނަލްއަށް މާޔޫސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.
މިދިޔަ ހަފުތާގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން ވެސް އާސެނަލް ބަލިވެފައިވާއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެ، އާސެނަލް އޮތީ ލީގު ތާވަލުގެ 10 ވަނައިގައެވެ. އެއީ 23 މެޗުން 31 ޕޮއިންޓް ލިބިގެންނެވެ.
ސައުތުހެމްޓަން އިން މިރޭ ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން އާސެނަލް އިތުރަށް ފަހަތަށް ނުވެއްޓި އޮތް ނަމަވެސް، ކްރިސްޓަލް ޕެލެސް ނޫނީ ލީޑްސް އިން މި ހަފުތާގައި ކުޅޭ މެޗުން މޮޅުވިޔަސް އާސެނަލް 13 ވަނައަށް ވެއްޓުމުގެ ފުރުސަތު އެބައޮތެވެ. ސައުތުހެމްޓަން އާއި ޕެލެސްގެ އިތުރުން ލީޑްސް އިން ވެސް މެޗު ކުޅެފައިވަނީ އާސެނަލްއަށްވުރެ މަދުންނެވެ.
އެސްޓަންވިލާ އިން މި ސީޒަންގައި އާސެނަލްއާ ދެކޮޅަށް ލީގުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާއިރު، ލީގުގެ ދެ ބުރުގައި އާސެނަލްގެ މައްޗަށް މީގެ ކުރިން އެސްޓަންވިލާ އިން ކުރި ހޯދާފައިވަނީ 28 އަހަރު ކުރިންނެވެ.
ވުލްވްސް މެޗުގައި އާސެނަލްގެ ގޯލްކީޕަރު ބްރެންޑަން ލެނޯ އާއި ޑިފެންޑަރު ޑޭވިޑް ލުއިޒްއަށް ވެސް ރަތް ކާޑު ދައްކާފައިވާއިރު، މިއަދުގެ މެޗުގައި އާސެނަލްގެ ގޯލް ބެލެހެއްޓީ ޖެނުއަރީ ޓްރާންސްފާ ސީޒަންގައި އެޓީމަށް ގެންދިޔަ އޮސްޓްރޭލިއާގެ މެޓް ރަޔަން އެވެ. އޭނާއަށް ކްލީން ޝީޓް ދެމެހެއްޓުނީ އެންމެ 74 ސިކުންތަށެވެ. ބާޓްރެންޑް ޓްރައޯރޭގެ ހުރަހަކުން އޮލީ ވޮޓްކިންސް މެޗުގެ ލީޑު ނެގި އެވެ.
އާސެނަލްގެ ގޯލްކީޕަރުގެ ފަރާތުން މުހިންމު ދެ ސޭވްއެއް މެޗުގައި ފެނިގެން ގޮސްފައިވާއިރު، އަނެއްކޮޅުން ކުރިން އާސެނަލްއަށް ކުޅުނު އެމިލިއާނޯ މާޓިނޭޒްގެ ކޮލިޓީ ވެސް ފެނިގެންދިޔަ އެވެ. ގްރަނިޓް ޒަކާގެ ހިލޭ ޖެހުން ވެސް މާޓިނޭޒް ހުޝިޔާރުކަމާއެކު ދިފާއު ކުރި އިރު، އޭނާގެ ފަރާތުން ހަމަލާތައް އުފައްދަން މުހިންމު ޕާސްތަކެއް ދިންތަން ފެނިގެން ގޮސްފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު