(4 ފެބުރުއަރީގެ އަދަދާ ގުޅޭ)

ކޮންމެއަކަސް سعد ގެ ހިތްވަރުދެއްވުމުގެ ސަބަބުން އޭނާގެ އެކުވެރިޔާގެ ހިތްވަރު އާވެއްޖެއެވެ. އޭނާގެ ފަޔަށް ލިބެމުންދާ ވޭނާއެކުވެސް ފުރިހަމަ ބާރާއެކު سعد އާ ބައިވެރިވާން ފަށައިފިއެވެ. ފަތިހަށް ދޮންކުރާން ފަށައިފިއެވެ. ބައިމޭލެއްހައިތަނަށް ކުރިޔަށް ވަޑައިގެންނެވުނުތަނާ سعد އަށާއި އޭނާގެ އެކުވެރިޔާއަށް އެބޭފުޅުންގެ ވާތްޕުޅު ފަރާތުން ދުޝްމިނުންގެ ބޮޑު މުޢަސްކަރު ފެނިވަޑައިގެންފިއެވެ. سعد އެބައިމީހުންގެ ލޯމަތީން ސަލާމަތްވެވަޑައިގެންނެވުމަށްޓަކައި ކަނާތްޕުޅު ފަރާތަށް އަނބުރައިލައްވައިފައި ފަރުބަދަތަކާއި ހިލަތަކުގެ އަޑިގުޑަން މަގުތަކުން ހިންގަވާން ފައްޓަވައިފިއެވެ. އިރުގެ އަލިކަން ފާޅުވަމުންދާ ވަރަކަށް ބޭއިޚުތިޔާރުގައިވެސް އެބޭފުޅުންގެ ހިންގެވުން ދިޔައީ ބާރުވަމުންނެވެ. سعد ފަހަތަށް އެނބުރިވަޑައިގެން އޭނާގެ އެކުވެރިޔާއާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އެމީހާގެ އިސްކޮޅާއި ރޫފައާއި ބުރުސޫރައިގައިވަނީ ނިހާޔަތުގެ ހިތްގައިމު ކަމެކެވެ.

އޭނާގެ ކަސްރަތީ ހަށިގަނޑާއި އަލިމުށިކުލައިގެ ހަންގަނޑާއި ތޫނުކަމާއި ވިސްނުންތެރިކަން ފާޅުވާ ދެލޯ ފެނިވަޑައިގެންނެވުމުން سعد ގެ ހިތްޕުޅަށް އަސަރު ނުކޮށެއް ނުދިޔައެވެ. سعد ވިދާޅުވިއެވެ. "ކަލާ ތިޔަ އުފުއްލަވާ އުނދަގޫފުޅު އަޅުގަނޑަށް އިޙުސާސުވޭ. އަޅުގަނޑަށް ޔަގީން. ދެން ވަރަށް ކުޑަތަންކޮޅަކަށް ދެވޭއިރަށް އަޅުގަނޑުމެންނަށް ނުރައްކަލުން ބޭރުވެވިދާނެ. ދުޝްމިނުން ރޭގައި ތިބީ ކިހައިބޮޑަކަށް ހުސިޔާރުވެގެންތޯ. އެކަމަކު މިހާރު ކިހައި ފަރުވާކުޑަތޯ؟"

އެކާކުކަން ނޭނގޭ މީހާ އޭނާގެ ހިކިފައިވާ ތުންފަތުގައި ދޫކާއްތައިލުމަށްފަހު ބުންޏެވެ. "އެބައިމީހުންގެ ހުރިހައި ސަމާލުކަމެއް ހުއްޓައިލައިގެން އެތިބީ ކިއްލާއާ ދިމާޔަށް. އެހެންކަމާއެކުވެސް ސަހަރާއާ ދިމާޔަށް މިސުރާބު ނުޖެހެނީސް އަޅުގަނޑުމެންނަށް ނުރައްކަލުން ސަލާމަތްވެވިއްޖެކަމަށް ހީފުޅުނުކުރައްވާތި. ފެންބޮވައިގަތުމުގެ ސަބަބުން އަޅުގަނޑަށް ވަރަށްބޮޑަށް އެބަ އުނދަގޫވޭ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ހުޅަނގުފަރާތުން ކިއްލާއާ މާދުރުނޫން ހިސާބެއްގައި ފެންގަނޑެއް އޮންނާނެ. ހީވާގޮތުން މިހާރު އެފެންގަނޑު މާދުރެއް ނުވާނެ. ފެންފޮދެއް ލިބޭނެނަމަ އަދިވެސް ތަންކޮޅަކަށް އަޅުގަނޑަށް ކަލާއާ ބައިވެރިވެވިދާނެ..... އަޑުއައްސަވަބައްލަވާ!"

سعد ސަމާލުވެވަޑައިގެން އޭނާގެ އެކުވެރިޔާއާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވެއެވެ. "އަޅުގަނޑަށް ހީވަނީ އެއީ ޖަމަލު ގޮވާ އަޑުހެން. ކަލާ މިތާ މަޑުކުރައްވާ. އަޅުގަނޑު ހަމަ މިހާރު ގޮސް ބަލައިލައިފައި އެބައަންނަން."

سعد ދުވެވަޑައިގެންފައި އުސްފަރުބަދަގަނޑެއްގެ މައްޗަށް އަރައިވަޑައިގެންފިއެވެ. އޭނާގެ އެކުވެރިޔާ ހިލައެއްގެ ނިވަލުގައި އިށީނދެއްޖެއެވެ. سعد އިރުކޮޅެއްގެފަހުން ހަމައެގޮތަށް ދުވެވަޑައިގެންފައި އެނބުރިވަޑައިގެން ވިދާޅުވިއެވެ. "ވަޑައިގަންނަވާ! މާތް اللّـه ގެ ހެޔޮ ތައުފީޤާއެކު އަޅުގަނޑު ކަލާއަށް ފެންފޮދާއި ސަވާރީއާ ދެކަންތައްވެސް އިންތިޒާމުކޮށްފިން. ފެންގަނޑު އޮތީ މި ފަރުބަދަގަނޑުގެ ފަހަތުގައި. އެތަނުން ޖަމަލަކަށް ފެން އަރުވައިގެން އެކަކު ހިނގައްޖެ. އަޅުގަނޑުމެންނަށް ތަންކޮޅެއްކުރީން އާދެވުނުނަމަ މިވާދީ ކޮންމެވެސް ހަނިދިމާޔަކުން އޭނާ އަތުލައިގަނެވުނީސް. އޭނާ މިހާރު ވަރަށްދުރަށް ހިނގައްޖެ. އަޅުގަނޑުމެންނަށް ޖެހޭނީ ކޮންމެވެސް އެހެންމީހަކަށް އިންތިޒާރުކުރަން."

سعد އާއި އޭނާގެ އެކުވެރިޔާއަށް އިރުކޮޅެއްގެ ތެރޭގައި ފެންގަނޑާދިމާޔަށްދާ އަޑިގުޑަން މަގުގެ ލަނބައިލާ ކަންމައްޗަކާ ހަމަޔަށް ވަޑައިގެންނެވިއްޖެއެވެ. سعد އޭނާގެ އެކުވެރިޔާ އެތާނގައި މަޑުކުރުއްވައިފައި ފަރުބަދަމައްޗަށް އަރައިވަޑައިގެންފިއެވެ. ޖަމަލުތަކުގެ އައު ޤާފިލާއެއް ފެންގަނޑުގެ ކައިރީން އަންނާން ފެށުމުން سعد އޭނާގެ އެކުވެރިޔާއަށް އަތްޕުޅުން އިޝާރާތް ކުރައްވަމުން ތިރިޔަށް ފައިބައިވަޑައިގެންފިއެވެ.

"ދެމީހަކު ހަތަރު ޖަމަލު ގޮވައިގެން އެބައާދޭ." سعـد އޭނާގެ ދުނިދަނޑީގައި ދުންޏެއް ރުވައިލައްވައިފައި ވިދާޅުވިއެވެ.

ކާކުކަން ނޭނގޭ މީހާ އޭނާގެ ކަނޑި އުރައިން ދަމައިގެންފިއެވެ. އޭނާ ސުވާލު ކުރިއެވެ. "ފެންގަނޑު ކައިރީގައި އަދި ކިތަކަށް މީހުން އެބަތިބިތޯ؟"

"ފަނަރަވަރަކަށް ވިއްސަކަށް މީހުން އެބަތިބި. އެތާނގައި ތިބިމީހުންގެ ގާތްގަނޑަކަށް ދެގުނަޔަށްވުރެ ޖަމަލުތައް ގިނަވާނެ. އެކަމަކު ފެންގަނޑު މިތަނާ ވަރަށް ދުރު. ތިންވަނަ ޤާފިލާއެއް އަންނާންވާއިރަށް ބައިމޭލެއްހައި ދުރަށް އަޅުގަނޑުމެންނަށް ދަތުރުކުރެވޭނެ. ކުރިޔަށް އޮތްތަނަށް މަގު ދެއްކެވުމަކީ ކަލާގެ ކަމެއް."

"މާތް اللّـه އަޅުގަނޑުމެންނަށް ސަވާރީ ފޮނުއްވައިފި. މަގުދައްކާނެ ބަޔަކުވެސް ދެއްވާނެ. ސަހަރާގައި ދަތުރުކުރާން މިބައިމީހުންނަށްވުރެ ރަނގަޅު އާރުކާޓީންނެއް ނުލިބޭނެ. އަޅުގަނޑުމެން މަސައްކަތް ކުރާންވީ ޖަމަލުތަކާއެކު އެދެމީހުންވެސް އަތުލައިގަނެގެން އަޅުގަނޑުމެންނާއެކު ގެންދެވޭތޯ."

ތަންކޮޅެއް ދުރުން އެދެމީހުން ވާހަކަ ދައްކަމުން އަންނަ އަޑު އިވިވަޑައިގެންނެވުމުން سعد އާއި އޭނާގެ އެކުވެރިޔާ މަގުކައިރީގައި ހިލަތަކުގެ ބިއްދޮށުގައި ފިލައިވަޑައިގެން އިށީނދެވަޑައިގެންފިއެވެ. ސަހަރާގެ އަހުލުވެރީންކުރެ އެކަކު އަންނަނީ ޖަމަލުތަކުގެ ލަގަނުގައި ހިފައިގެން ކުރީގައި ހުރެގެންނެވެ. އަނެކަކު އަންނަނީ އެންމެފަހަތަށް އޮތް ޖަމަލުގެ ފަހަތުގައި ހުރެގެންނެވެ. އެންމެ ކުރިޔަށްހުރި މީހާ މަގުގެ ކަންމައްޗާ ހަމައަށް އާދެވޭއިރަށް سعد ގެ އެކުވެރިޔާ ކުއްލިޔަކަށް ނުކުމެއްޖެއެވެ. އެންމެކުރިޔަށްހުރި މީހާގެ މޭމަތީގައި ކަނޑީގެ ތުނޑު ޖައްސައިލައިފިއެވެ. سعد ކުރިޔަށް ވަޑައިގެން އެންމެފަހަތުގައި ހުރިމީހާއާ އޭނާގެ ދުނި އަމާޒުކުރައްވައިފިއެވެ. އޭނާ ބަރުބަރީ ބަހުން ވިދާޅުވިއެވެ. "ހުއްޓޭ!"

އެމީހާ ސިހިގެންގޮސް އެނބުރި ބަލައިލައިފައި ބިރުން ޖަމަލުގެ ލަގަން ދޫކޮށްލައިފިއެވެ.

سعد ވިދާޅުވިއެވެ. ޖަމަލުގެ ލަގަނުގައި ހިފަހައްޓާ! ކަނާތްފަރާތަށް އަނބުރައިލާ! ހަޅޭއްލަވާން ނުވަތަ ފިލާން އުޅެފިނަމަ މަރައިލާނަން. ކަލޭމެންގެ ޚަންޖަރު އެއްލައިލާ. އަވަސްކުރޭ!"

ބަރުބަރީންގެ ދެމީހުންނަށްވެސް ދިރިތިބުމަށްވުރެ މަރާ ކައިރީގައި ތިބެވެނިކޮށް ފެނުމުން سعد ގެ އަމުރުފުޅަށް ކިޔަމަންވެއްޖެއެވެ. ދެމީހުންވެސް ޚަންޖަރު އެއްލައިލައިފައި ކަނާތްފަރާތަށް އަނބުރައިލައިފިއެވެ.

سعد އާއި އޭނާގެ އެކުވެރިޔާއާ ދެބޭފުޅުން ޖަމަލުގޮވީންނަށް އިންޒާރު ކުރައްވައިގެން ޖަމަލުތައް ދުއްވަވަމުން ގެންދެވީ ވަރަށް ބާރަށެވެ. ވަރަށް އަޑިގުޑަން މަގަކުން ތިންސަތޭކަވަރަކަށް ގަޒުގެ ދުރަށް ވަޑައިގެންނެވި ތިރިފަރުބަދައެއްގެ ނިވަލަށް ވަޑައިގެންނެވުމުން އެބޭފުޅުންނަށް ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމުގެ ނޭވާފުޅެއް ލެއްވެވިއްޖެއެވެ. سعد އެންގެވުމުން ބަރުބަރީން ޖަމަލު މަޑުކޮށްފިއެވެ. سعد އޭނާގެ އެކުވެރިޔާގާތު ވިދާޅުވިއެވެ. "މިހާރު ކަލާއަށް ފެންފޮދު ހިއްޕެވިދާނެ."

"ނޫން. ފެން ހަންތައް ހުޅުވައި ބަންދުކޮށް ހަދާންވެސް ވަގުތު ހޭދަވާނެ. އަޅުގަނޑުމެން ވަރަށް އަވަސްކުރާންޖެހޭ."

سعد ވިދާޅުވިއެވެ. "ހަތަރު ޖަމަލުގެ ފެން އަޅުގަނޑުމެން ބޭނުންވާ ވަރަށްވުރެ ގިނައެއް ނުވާނެތޯ!"

"އާދެ، ޖަމަލުތަކަށްވެސް ފެން ބޭނުންވާނެ. އަޅުގަނޑުމެން އުންމީދުކުރާ ވަރަށްވުރެ ދަތުރު ދިގުވެސް ވެދާނެ." سعد ގެ އެކުވެރިޔާ މިހެން ބުނެފައި ބަރުބަރީ ޖަމަލުގޮވީން ގާތު ބުންޏެވެ. "ތިޔަބައިމީހުން ތެދުވެރިކަމާއެކު އަހަރެމެންނާ ބައިވެރިވެއްޖެނަމަ ތިޔަބައިމީހުންގެ ޖާނު ސަލާމަތްވާނެ. އަހަރެމެން ބޭނުންވަނީ أميـر يـوسف ގެ މުޢަސްކަރަށް ދާން. އަހަރެން ވަޢުދުވަން. އެތަނަށް ދެވުމުން ތިޔަބައިމީހުން މިނިވަންވާނެ.

މި ޖަމަލުތައްވެސް އަނބުރައި ދޭނަން. އަހަރެމެންނަށް ކެހިދޭން ނުވަތަ ފިލަން މަސައްކަތްކޮށްފިނަމަ ޤަތުލުކުރެވޭނެ."

ބަރުބަރީންގެ ދެމީހުންކުރެ އެކަކު ޖަވާބު ދިނެވެ. "އަޅުގަނޑުމެން ހަނގުރާމައިގައި ބައިވެރިވީ އަޅުގަނޑުމެންގެ ސަރުދާރުގެ ހަރުކަށިކަމުގެ ސަބަބުން މަޖުބޫރުވެގެން. މުރާބިޠީންގެ أميـر ގެ އަރިހުން އަޅުގަނޑުމެންނަށް ޙިމާޔަތް ލިބޭނެކަމަށް ކަލާ ވަޢުދުވެވަޑައިގަންނަވާނަމަ އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންގެ އަރިހުގައިދާން ތައްޔާރަށް."

"އަހަރެން ވަޢުދުވަން. ތިޔަބައިމީހުންވެސް ޖަމަލަށް ސަވާރުވޭ. އަހަރެމެންގެ ކުރީގައި ތިބެގެން ހިނގާ!—" އޭނާ މިހެން ބުނެފައި سعد އާ މުޚާޠަބުކޮށް ޢަރަބިބަހުން ބުންޏެވެ. "ކަލާ ސަމާލުވެވަޑައިގަންނަވާތި! މިބައިމީހުންގެ ވަޢުދަށް އަދިޔެއް އިތުބާރެއް ނުކުރެވޭނެ."

سعد ފުންމައިވަޑައިގެން ޖަމަލެއްގެ މައްޗަށް ސަވާރުވެވަޑައިގަންނަވަމުން ޖަވާބު ދެއްވިއެވެ." ކަލާ ހިތްޕުޅު ހަމަޖައްސަވާ. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އެންމެ ދުންޏެއްވެސް ހުހަކަށް ނުދާނެ."

* * * * * * * * * * *

سعد އާއި އޭނާގެ އެކުވެރިޔާ ތިން ކޯހެއް ހައިތަނަށް ދަތުރުކުރެއްވުމަށްފަހު ޖަމަލުތައް މަޑުކުރައްވައިފައި ފައިބައިވަޑައިގެން ފެންފޮދު ހިއްޕަވައިފިއެވެ. އެއަށްފަހު އަނެއްކާވެސް ދަތުރު ފައްޓަވައިފިއެވެ. سعد ގެ އެކުވެރިޔާ ހިތްހަމަޖެހުމުގެ ނޭވާއެއް ލައިފައި ބުންޏެވެ. "ދެނެއް އަޅުގަނޑުމެންނަކަށް އެއްވެސް ނުރައްކަލެއްނެތް. އެކަމަކު ކޮންމެ ސިކުންތަކީވެސް އަޅުގަނޑުމެންނަށް ވަރަށް އަގުބޮޑު ސިކުންތެއް. ކިއްލާގެ ފާރަވެރީންނަކަށް މާގިނައިރަކު ދުޝްމިނުންނެއް ނުހިފެހެއްޓޭނެ. ދުޝްމިނުން ކިއްލާ ހިފައިފިނަމަ ސަހަރާގައި ހަނގުރާމަކުރާ އަޅުގަނޑުމެންގެ ލަޝްކަރަށް ފޯރުމާލައި އެހީގެ ސިފައިން ފޮނުވާ މަގު ނުރައްކަލަށް ހުށަހެޅިދާނެ."

سعد ގެ ބައެއް ސުވާލުތަކަށް ޖަވާބުދެއްވަމުން އޭނާގެ އެކުވެރިޔާ ވިދާޅުވިއެވެ. "އަޅުގަނޑަކީ މުރާބިޠީންގެ ކަނޑުގެ ލަޝްކަރުގެ އޮފިސަރެއް. މެޑިޓަރޭނިއަން ކަނޑުގައި އޮންނަ ކުޑަ ޖަޒީރާއެއްގައި ކަނޑުފޭރޭ މީހުން ހަދައިފައިހުރި މަރުކަޒަކަށް އަޅުގަނޑު ދެ ނަވާއެކުގޮސް ޙަމަލަދިނީ. އަޅުގަނޑުމެން އެމީހުންގެ ނަވެއް އަންދައިލިން. އަނެއް ނައު ފިލައިގެންދާން އުޅެނިކޮށް ކަނޑުފޭރޭ މީހުންގެ ހަތަރު ނައު އެދިމާޔަށް އަތުވެއްޖެ. އަޅުގަނޑަށް މަޖުބޫރުވީ އެނބުރި އަންނާން އަންގަން. ކަނޑުފޭރޭ މީހުންގެ މަރުކަޒަށް ޙަމަލަދޭން އަޅުގަނޑު ދިޔައީ ކިއްލާ ޙިމާޔަތްކުރާން ދެ ނައު ބާއްވައިފައި. އަޅުގަނޑު ހީކުރީ ކިއްލާގެ ކައިރިޔަށް އައުމުގައި އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނެކަމަށް. ކިއްލާ މާދުރެއްވެސް ނޫން. އަޅުގަނޑުމެންގެ ދެ ނައު ފަހައި އައި ނައުފަހަރަށް އަތުނުވެ އަޅުގަނޑުމެން ކިއްލާގެ ކައިރިޔަށް އަތުވެއްޖައީން. އަޅުގަނޑު އުންމީދުކުރީ އަޅުގަނޑުމެންނަށް ކިއްލާގެ ކައިރިޔަށް އާދެވިއްޖެނަމަ ކިއްލާގެ ކައިރީގައިއޮތް އަޅުގަނޑުމެންގެ ދެ ނަވާއެކު ވަރަށް ފަސޭހައިން ދުޝްމިނުން ބަލިކޮށްލެވިދާނެކަމަށް. އެކަމަކު އަޅުގަނޑުމެންނަށް އެހިސާބަށް އާދެވުނުއިރު ދުޝްމިނުންގެ އެހެން ނައުތަކެއްވަނީ އަޅުގަނޑުމެންގެ ދެ ނައު އަންދައިލައިފައި ކަނޑިންމަޔަށް ވެރިވެފައި. އަޅުގަނޑުމެންނަކަށް ކުރިޔަށް ދެވޭކަށެއްވެސް، އަނބުރައި ފަހަތަށް ދެވޭކަށެއްވެސް ޖާގައެއް ނެތް. އަޅުގަނޑުމެން ފަހައި އައި ފަސް ނައު އޭރު ވަރަށް ކައިރިޔަށް އަތުވެއްޖެ. އަޅުގަނޑު ގަދަވުމާއި ބަލިވުމުގެ އެކަށޭނަކަމަށް ބެލުމެއްނެތި އެ ނައުފަހަރަށް ޙަމަލަދީފިން. ދުޝްމިނުންގެ ދެ ނައު އަންދައިލައިފިން. އެކަމަކު އޭރު ދުޝްމިނުންގެ ނައުފަހަރު އަޅުގަނޑުމެން ވަށައިލައިފި. އިރާކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންގެ އެއްނަވުގައިވެސް ރޯވެއްޖެ. އަޅުގަނޑު ރޭގަނޑުގެ އަނދިރިކަމުގެ ފައިދާ ހޯދައިގެން ދޭތެރެއަކުން އަޅުގަނޑު ހުރި ނަވައިގެން ސަލާމަތްވެގެން ދެވޭތޯ މަސައްކަތްކުރީން. އެކަމަކު ރޯވެފައިހުރި ނައުފަހަރު ހިމެނުނީ ދުޝްމިނުންނަށް އަލިކޮށްދޭ ދަންމަރުތަކެއް ކަމުގައި ދުޝްމިނުން އަޅުގަނޑުގެ ނަވުގައިވެސް ރޯކޮށްލައިފި. އަޅުގަނޑު ނަވުގެ މިސުރާބު ބަދަލުކޮށްލައިފައިގޮސް ދުޝްމިނުންގެ ނައުފަހަރުގެ ތެރެއިން އަޅުގަނޑުގެ ނަވާ އެންމެ ކައިރިޔަށް އިން ނަވުގައި ޖައްސައިފިން. އެނަވުގެ މީހުން އަލިފާނުން ސަލާމަތްވޭތޯ ލައްކަ މަސައްކަތްކުރި. އެކަމަކު އެމީހުންނަކަށްވެސް ކާމިޔާބެއްނުވި.

އެ ހަލަބޮލިކަމުގެ ތެރޭގައި އަޅުގަނޑަށް އަޅުގަނޑުގެ ފަސް އެކުވެރިޔަކާއެކު ބައްތެއްޔެއްގައި އެއްގަމަށް އައުމުގެ ފުރުސަތު ލިބުނު. އެކަމަކު އައްސޭރީގައިވެސް ދުޝްމިނުން ތިބީ އަޅުގަނޑުމެންނަށް ފާރަލައިގެން. އަޅުގަނޑުގެ އެކުވެރީންގެ ހަށިތައް ކަލާ ވަނީ ދެކެވަޑައިގެންފައި. އެ ފަސް މީހުންނަކީ ނައުފަހަރު ދުއްވަން ވަރަށްމޮޅު ތަޖުރިބާކާރު މީހުން. ދުޝްމިނުން އައްސޭރީގައި ސަމާލުވެގެން ތިބިވަރާމެދު ވިސްނާއިރު އަޅުގަނޑުގެ އެކުވެރީންގެ އެހެން ބަޔަކަށް އެއްގަމަށް އާދެވުނު ކަމުގައިވިޔަސް އެބަޔަކުވެސް ވާނީ ދުޝްމިނުންގެ ދުނިތަކުގެ އަމާޒަކަށް. ޤުދުރަތުން ކަލާ އެތަނަށް ނުފޮނުއްވިނަމަ އަޅުގަނޑުވެސް ދިރިހުރުމަށްވުރެ ގާތީ މަރުވުން. އަޅުގަނޑުގެ ހީއަކީ ކުށްހީއެއްކަމުގައި ނުވާނަމަ ކަލާއަކީ އަންދަލުސުގެ މުސްލިމެއް."

سعد ޖަވާބު ދެއްވިއެވެ. "ކަލާ ތިޔަ ހީފުޅުކުރެއްވީ ރަނގަޅަށް. އަޅުގަނޑު އައީ ޣަރުނާޠާއިން. ސަބުތާއިން މިދިމާޔަށް އައި ނަވަކުން އަޅުގަނޑަށް ޖާގަ ލިބުނުކަމީ އިއްތިފާޤެއް. އެހެންނޫންނަމަ އަޅުގަނޑު ގަސްދުކޮށްގެންހުރީ أميـر يـوسف ގެ އަރިހަށް އެއްގަމު މަގުން ދާން."

سعد ގެ އެކުވެރިޔާގެ ހިތްޕުޅަށް އެރިއެވެ. މި ޒުވާނާ ޣަރުނާޠާފަދަ ކުރިއަރައިފައިވާ ރަށްވެހި ރަށަކުން ކޮންމެވެސް ބޮޑު މަޤުޞަދެއްގައި މެނުވީ އެފުރިކާގެ ވީރާނާއަކަށް ނާންނާނެއެވެ. ނަމަވެސް سعد ގެ މަޤުޞަދާ ބެހޭގޮތުން ސީދާ ސުވާލު ކުރެއްވުމަކީ މުނާސަބު ކަމެއްކަމަކަށް އޭނާއަށް ފެނިވަޑައެއް ނުގެންނެވިއެވެ.

މެންދުރާ ހަމަޔަށްވެސް އެބޭފުޅުން ގެންދެވީ ޖަމަލުތަކުގެ އެންމެ ބާރު ދުވެލީގައި ދަތުރު ކުރައްވަމުންނެވެ. އެބޭފުޅުންނަށް ތަންތަންކޮޅުން ކަދުރު ބަގީޗާތައް ފެނިވަޑައިގަންނަވަމުން ދެއެވެ. އެކަމަކު އެތަންތާނގެ ވަޒަންވެރީންނަކީ ދުޝްމިނުންކަމެއް ނުވަތަ ރަޙުމަތްތެރީންކަމެއް سعد ގެ ރަޙުމަތްތެރިޔާއަށް ޔަގީންވެވަޑައެއް ނުގަންނަވައެވެ. އެހެންކަމުން އެތަންތަނާ ކައިރީން ދަތުރުކުރެއްވުމަކީ ރައްކާތެރި ކަމެއްކަމަކަށް އޭނާ ދެކެވަޑައެއް ނުގަންނަވައެވެ.

ހަވީރުވާން ކައިރިވެފައިވަނިކޮށް އަވަށެއްގެ ކައިރީން އެ އަވަށާ ދުރަށް އެއްފަރާތަށް އަރައިވަޑައިގެން ދަތުރުކުރައްވަމުން سعد އޭނާގެ އެކުވެރިޔާއާ ސުވާލު ކުރެއްވިއެވެ. ތިޔަބޭފުޅުންގެ މުޢަސްކަރު ހުރިތަން ކަލާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާތޯ؟"

"ނޫން އަޅުގަނޑަށް އެނގެނީ ދާންޖެހެނީ މިދިމާޔަށްކަން." سعد ގެ އެކުވެރިޔާ އެހެން ވިދާޅުވެފައި ބަރުބަރީ ޤައިދީންނަށް ވިދާޅުވެ އޭނާއާ ދިމާޔަށް ސަމާލުކުރުއްވައިފައި ވިދާޅުވިއެވެ. "ނިކަން އަޑުއަހައިބަލަ. މިރޭ އަހަރެމެން މުޢަސްކަރަށް ގެންގޮސްދީފިނަމަ ރަނގަޅު އިނާމެއްދޭން އަހަރެން ވަޢުދުވަން."

ބަރުބަރީންގެ އެކަކު ޖަވާބު ދިނެވެ. "ތިޔަބޭފުޅުންގެ ލަޝްކަރު އެހެން ދިމާޔަކަށް ދަތުރު ނުކުރާނަމަ އަޅުގަނޑުމެން އުންމީދުކުރަނީ އިރުއޮއްސި އިރާދަން ހުސްވުމުގެ ކުރީން އަޅުގަނޑުމެންނަށް އެހިސާބަށް ފޯރާނެކަމަށް."

سعد އޭނާގެ އެކުވެރިޔާއާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "އަޅުގަނޑު ލަފާކުރާ ގޮތުގައި ކިއްލާއަށް ޙަމަލަދޭ މީހުންގެ ޢަދަދު އެތައް ހާހަކަށް އަރާނެ."

سعد ގެ އެކުވެރިޔާ ޖަވާބު ދެއްވިއެވެ. "ދުޝްމިނުންގެ ޢަދަދާ މެދަކު އަޅުގަނޑު ފިކުރުބޮޑެއް ނުވޭ. އެބައިމީހުން ޙަމަލަދިނީ އަޅުގަނޑުމެންގެ ލަޝްކަރު އެހެން މައިދާނަކަށް ސަމާލުކަންދީގެން ތިބުމާއެކު ކިއްލާގެ ދިފާޢުގައި ތިބި މީހުންނަށް އެއީ ލިބުމުގެ ކުރީން ކިއްލާއަށް ވެރިވެވިދާނެކަމަށް ހީކޮށްގެން. ކިއްލާގެ މީހުންނަށް ދެދުވަހަކު ހިފަހައްޓައިލެވިއްޖެނަމަ ކިއްލާއަށް އެހީވާން އަޅުގަނޑުމެންގެ ލަޝްކަރަށް ދެވިދާނެ. އޭރުން އަޅުގަނޑުމެންގެ ސަވާރުންގެ ކުރިމަތީގައި އެބައިމީހުންނެކޭ ހިކިފަތްތަކެކޭ އެއްގޮތްވާނެ."

(ނުނިމޭ)