ޗައިނާ ސަރުކާރުގެ އެހީގައި ހެދި ފޮރިން މިނިސްޓްރީގެ އިމާރާތަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލުގެ ނަން ދީފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރުކަން 27 އަހަރު ވަންދެން ކުރެއްވި ފަތުހުﷲ ޖަމީލަކީ ރާއްޖޭގެ އިތުރުން ދުނިޔޭގައި ވެސް އެންމެ ގިދު މުއްދަތަކަށް ފޮރިން މިނިސްޓަރުކަން ކުރެއްވި ބޭފުޅާއެވެ. އޭނާ އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅެއްގައި ފަރުވާދެމުން ދަނިކޮށް މީގެ އަށް އަހަރު ކުރިންނެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 69 އަހަރެވެ.
ފަތުހުﷲ ޖަމީލުގެ ނަންފުޅާ ގުޅުވައިގެން ފޮރިން މިނިސްޓްރީގެ އިމާރާތަށް ކިޔާފައިވަނީ "ފަތުހުﷲ ޖަމީލު ބިލްޑިންގް" އެވެ.
ނޮވެމްބަރު 2008 ވަނަ އަހަރު ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާގެ އިއްޒަތް އަރުވާފައިވާ ފަތުހުﷲ ޖަމީލު ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވީ 18 ނޮވެމްބަރު 1969 ގައި މަޖީދިއްޔާ ސްކޫލުގެ ޓީޗަރު ކަމުންނެވެ. އެމަނިކުފާނު އެންމެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވަނީ، ރާއްޖޭގެ ހާރިޖީ ވުޒާރާގައެވެ. އެގޮތުން 1978 އިން ފެށިގެން ޖުލައި 14، 2005 އަށް، ޖުމްލަ 27 އަހަރު، ފޮރިން މިނިސްޓަރުކަން ކުރެއްވިއެވެ.
އެމަގާމުން 14 ޖުލައި 2005 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން ފަތުހުﷲ ޖަމީލު ދެން އައްޔަން ކުރެއްވީ ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓްގެ މަގާމަށެވެ. އަދި ފަހުން ހުންނެވީ ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރުކަމުގެ މަގާމުގަ އެވެ.
ބޮޑުތަކުރުފާނު މަގުގައި ހުންނަ، ފޮރިން މިނިސްޓްރީގެ އިމާރާތަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ދުވަސްވަރު ޗައިނާގެ ސަރުކާރުން ރާއްޖެ އަށް ދިން ހިލޭ އެހީ އެކެވެ. އެތަން މަރާމާތު ކުރަން ޗައިނާއާއެކު ސޮއިކުރީ މިދިޔަ 2018 ވަނަ އަހަރު އެވެ. އަދި އިމާރާތް މަރާމާތު ކުރުމަށްފަހު ހަވާލުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު