"މިހާރުވެސް ޑޮކްޓަރުން ބުނަނީ ހާލު ސީރިއަސްއޭ. އެކުއްޖާ އެ އޮތް ހާލަތުން އަލުން ހިނގައި ބިނގާވެ އުޅެވޭނެއެކޭ ނުބުނާނަން. އެހާވެސް ހާލު ދެރަކޮށް އެއޮތީ. ވާހަކަވެސް ދެއްކޭނެ ކަމެއް ނޭނގެ. ބޭނުންވަނީ އެންމެންގެވެސް ހެޔޮ ދުއާ."
މިއީ މާލޭ ވިޔަފާރި ބަނދަރުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހިނގި އެކްސިޑެންޓްގައި އަނިޔާވި ހދ. ނޮޅިވަރަމް، ނައިޓްޑްރީމް، އިމްރާން އަލީ 28އ، ގެ ހާލަތު "ވަން" އާ ހިއްސާ ކުރަން ފަށަމުން އޭނާގެ ދައްތަ، އައިޝަތު މުހުސިނާ މިއަދު، އަސަރާއެކު ދެއްކި ވާހަކަ އެވެ.
މުހުސިނާ ބުނީ އިމްރާންގެ ހާލަތު އަދިވެސް ރަނގަޅު ނޫން ކަމަށާއި ޑޮކްޓަރުންވެސް އޭނާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ނުބުނާ ކަމަށެވެ. އޭނާގެ ޅިނދު ކަށިގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށާއި ދެން އަލުން ހިނގޭނެ ކަމުގެ އުއްމީދެއް ވެސް ނެތް ކަމަށެވެ. ކޯކަށިގަނޑު ބިންދައިގެންގޮސްފައިވާ ކަމަށާއި އަނގައިގެ ދަތްތައްވެސް ބިންދައިގެން ގޮސްފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ މުހުސިނާ ބުންޏެވެ.
ޅިނޑުކަށިގަނޑަށް ބޮޑު އަނިޔާއެއް ވެއްޖެ ނަމަ ހިނގުމުން މަހުރޫމް ވުމަކީ ވަރަށް ގިނަ ފަހަރަށް ދިމާވާ ކަމެކެވެ. ނަމަވެސް އެއީ ރަނގަޅަށް ފަރުވާ ކުރެވިއްޖެ ނަމަ އެއްކޮށް ރަނގަޅު ކުރެވޭ ވެސް ކަމެކެވެ. އެކަމަކު ލިބިފަ ހުރި ގެއްލުމަކުން އެކަން ރަނގަޅު ކުރުމަށް ވަރަށް ގިނަ ދުވަސް ނަގައިފާނެ ކަމަށް ޑޮކްޓަރުން ބުނެ އެވެ.
ހާޓްއެޓޭކެއް ޖެހިގެން އިމްރާންގެ މަންމަ މަރުވިތާ މާ ގިނަ ދުވަސްތަކެއް ނުވެ އިމްރާނަށް މިފަދަ ކަމެއް ދިމާވުމުން އާއިލާ އަށް ވަނީ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ކުރިމަތިވެފައި ކަމަށް މުހުސިނާ ބުންޏެވެ. އިމްރާނަކީ އެއްބަނޑު އެއްބަފާ ހަތް ކުދިންގެ ތެރެއިން ހަތަރު ވަނަ ކުއްޖާ ކަމަށާއި އޭނާ އަކީ އާއިލާއާ ގާތް ގުޅުމެއް ބާއްވާ ކުއްޖެއް ކަމަށް ބެސް އޭނާގެ ދައްތަ ބުންޏެވެ.
މުހުސިނާ ބުނީ އިމްރާނުގެ ފައި އިރައިގެން ދިޔުމުގެ ސަބަބުން ފައިގެ ފަލަމަސްގަނޑުގެ މަސްތައް ކުދި ކުދި ވެފައިވާ ކަމަށާއި އޭނާގެ ބޮލަށް ލިބުނު ގެއްލުމުގެ ތަފުސީލެއް ވެސް އަދި ނުލިބޭ ކަމަށެވެ. އެކަމަކު އޭނާ އަށް ލިބިފައިވާ ގެއްލުން ބެލުމަށް އިތުރަށް ޓެސްޓު ކޮށް ސްކޭން ކުރާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
ދިރިއުޅުމަށް ފޮނި އުއްމީދުތަކެއް ކުރި އިމްރާނަށް މި ހިތާމަވެރި ހާދިސާ ކުރިމަތިވީ މަޖޫރީއެއްގެ ވަޒީފާއަށް ނިކުތްތާ ތިން ވަނަ އަށް ވީ ދުވަހު ކަމަށް މުހުސިނާ ބުންޏެވެ. މީގެ ކުރިން އިލެކްޓްރޯނިކް މަސައްކަތްތައް ކުރަމުން އައި އިމްރާން މަޖޫރީއެއްގެ ވަޒީފާ އަދާކުރަން ނިންމީ އެ މަސައްކަތުން ލިބޭ އާމްދަނީ ބޮޑުވީމަ އެވެ.
މިހާދިސާ ހިނގީ ކޮންބައެއްގެ އިހުމާލުންކަން މިހާތަނަށް އެނގިފައި ނުވާ ކަމަށާއި ނަމަވެސް ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި ބައެއް މީހުން އެވާހަކަ އެކި ގޮތްގޮތަށް ހިއްސާ ކުރަމުން އަންނަ ކަމަށް މުހުސިނާ ބުންޏެވެ.
"ކުރިން ރަށުގަ އުޅުނު އިރުވެސް އޭސީ މަސައްކަތާ ކަރަންޓު ވަޔަރު ކުރުމުގެ މަސައްކަތްތައް ކުރާނެ. މާލެ އައިސްފަވެސް އެކަހަލަ މަސައްކަތްތައް ކުރަމުން އައި. މި ހާދިސާ މިހިނގީ މަޖޫރީއެއް ގޮތަށް މަސައްކަތް ކުރަން ފެށިތާ ތިން ވަނަ އަށް ވީ ދުވަހު. ހާދިސާ ހިނގީ ސީދާ ކިހިނެއް ކަމެއް ނޭނގެ. އެތަނުގަ ތިބި އެއްބަޔަކު ބުނީ ގުރޫޕް މީހުންގެ ފަރުވާ ކުޑަކަމުންނޭ. އަނެއް ބަޔަކު ބުނީ ފޯކް ލިފްޓުގަ އިން މީހާ އަވަސް ކުރާށޭ އަވަސް ކުރާށޭ ކިޔާ ރުޅި އައިސް ހަޅޭލަވަން ހަދައިގެންނޭ. އަނެއްބަޔަކު ކިޔާ ފޯކް ލިފްޓުގަ އިން މީހާގެ ފަރުވާ ކުޑަކަމުންނޭ. ނޭނގެ ދެން އަޅުގަނޑުމެންކަށް މިކަމުގަ ބުނާނެ އެއްޗެއް." އޭނާ ބުންޏެވެ.
މުހުސިނާ ބުނީ މިވަގުތު ބޭނުންވަނީ އެންމެންގެ ހެޔޮ ދުއާ ކަމަށާއި، އުއްމީދަކީ އިމްރާން ކުރިން އޮތް ހާލަތަށް އެނބުރި ރުޖޫއަވުން ކަމަށެވެ. އަދި އެދެނީ މިފަދަ ދެވަނަ ހާދިސާއެއް އެހެން މީހަކަށް ނުވަތަ އެހެން އާއިލާއަކަށް ދިމާ ނުވުން ކަމަށެވެ. މިހާރު އައިސީޔޫގައި އޮތް އިމްރާނަށް ބޭނުންވާ ބީ ޕޮޒިޓިވް ލޭ ވީހާވެސް ގިނަ ބަޔަކު ހަދިޔާ ކުރުން ވަރަށް ބޮޑަށް އެދޭ ކަމަށްވެސް އޭނާ ބުންޏެވެ.
އިމްރާންގެ އާއިލާ އަކީ މާލީ ގޮތުން ތަނަވަސް އާއިލާ އަކަށް ނުވުމުން މާލޭގައި މިވަގުތު އުޅެންޖެހިފައިވާތީ ކުއްޔަށާއި ގިނަ އަދަދެއްގެ ފައިސާ ހަރަދުވާނެތީ އެކަމަށް މިއަދު އާއިލާއިން، ހުރިހާ އެންމެންގެ ދީލަތި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އަދި އެހީވާން ބޭނުންވާ ފަރާތްތަކުން 7706473226001 އައިޝަތު މުހުސިނާގެ އެކައުންޓް ނަންބަރަށް ފައިސާ ފޮނުވުމަށް އެދޭ ކަމަށް އޭނާ ބުންޏެވެ.
އެމްޕީއެލްގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި މި ހާދިސާ، އެކުންފުނީގެ އެކްސިޑެންޓް އިންވެސްޓިގޭޝަން ކޮމެޓީން މިހާރު ތަހުގީގު ފަށާފައިވާ ކަމަށާއި އެގޮތުން، ހާދިސާގެ ތަހުގީގުން ވަކި ގޮތެއް ކަނޑައަޅަންދެން، މިނާ އިންވެސްޓްމަންޓް ގުރޫޕާއި އެ ހާދިސާއާ ގުޅުން ހުރި އޮޕަރޭޝަންގައި މަސައްކަތްކުރަމުންދިޔަ އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑްކުރުމަށް ކޮމެޓީން ނިންމާފައިވާކަމަށް އެމްޕީއެލް އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ ބުނެފަ އެވެ.
އެމްޕީއެލުން ބުނީ، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް، ގަވައިދުތަކާއި އުސޫލުތަކަށް ބަދަލުތަކެއް ގެންނަން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
މިދިޔަ މަހުގެ ހަތްވަނަ ދުވަހު އެމްޕީއެލްގައި ބިއްލޫރި ޕެލެޓެއް ވެއްޓި އަނިޔާވި 27 އ، ޒުވާނަކު ވަނީ ފަރުވާދެމުން ދަނިކޮށް މަރުވެފަ އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް